ދަ ޓެލެގްރާފުން ހާމަކޮށްފައިވާ ގޮތުގައި ޖަރުމަނުން އަމިއްލައަކަށް ޔޫކްރެއިނަށް 6 ބިލިއަން އިނގިރޭސި ޕައުންޑުގެ އެހީ ފޯރުކޮށްދިނުމުން ޔޫރަޕިއަން ޔޫނިއަނުން ނުރުހުން ފާޅުކޮށްފިއެވެ. އަދި މއީ ޔޫކްރެއިނަށް އެހީ ފޯރުކޮށްދިނުމާ ބެހޭގޮތުން ބަރލިންއާއި ޕެރިސްއާ ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކުގެ ރެނދު އިތުރަށް ފުޅާވެގެން ދިއުމުގެ ސަބަބަކަށްވެސް ވެއްޖެއެވެ.
ޔޫރަޕިއަން ޔޫނިއަންގެ އިންޓާރނަލް މާރކެޓް ކޮމިޝަނަރ ތިއެރީ ބްރެޓަން ގެ ވާހަކައިގާ ބުނެފައިވަނީ ޖަރުމަނުން ޔޫރަޕިއަން ޕީސް ފެސިލިޓީގެ ވެޕަންސް ފަންޑަށް އެ ފައިސާ ދިނުމުގެ ބަދަލުގައި ސީދާ ޒެލެންސްކީގެ ސިފައިންނަށްދިނުމުން ބްރަސެލްސް އިން ވަނީ ވަރަށް ބޮޑަށް ނުރުހިފައެވެ.
ޔޫރަޕިއަން ޔޫނިއަންގެ އިންޓާރނަލް މާރކެޓް ކޮމިޝަނަރގެ މަގާމަށް ފަރަންސޭސި ރައީސް މެކްރޯންގެ ބާރުގައި އިޚްތިޔާރުކޮށްފައިވާ ތިއެރީ ބްރެޓަން ބުނެފައިވަނީ ޔޫރަޕިއަން ޔޫނިއަންގެ ޕީސް ފެސިލިޓީ އާ ނުބައްސާ ސިދާ ކީވަށް ފައިސާ ދިނުމުން ޖަރުމަނުގެ ޗާންސެލަރ އޯލަފް ޝޮލްޒް ހީކުރަނީ އަހަރެމެންނަނަކީ އެއްވެސް ކަމެއް ނޭގޭ މޮޔައިން ކަމަށް ހެއްޔެވެ؟
ކޮމިޝަނަރ ތިއެރީ ބްރެޓަންގެ ފާޑުކިއުން އައިސްފައިމިވަނީ ޔޫރަޕިއަން ޔޫނިއަނުން އެކަށީގެންވާ ގޮތެއްގައި ޔޫކްރެއިނަށް އެހީ ފޯރުކޮށް ނުދޭކަމަށް ބުނެ ފާޑު ކިޔާފައި ވަނިކޮށެވެ.
ބްރަސެލްސްގެ ޑިޕްލޯމެޓުން ހާމަކޮށްފައިވާ ގޮތުގައި ޔޫކުރެއިންގެ ކެޕިޓަލް ކީވްފޯރުކޮށްދީފައިވާ އެހީތައް އަނބުރާ ގެނައުމަށް ބާރުއަޅަމުންގެންދާ ގައުމުތަކަށް ރައްދުދީ ޔޫރަޕިއަން ޔޫނިއަންގެ ޕީސް ފެސިލިޓީ ރޭލު ދަނގަޑުން ކައްސުވާލާނެކަމަށް ޗާންސެލަރ ޝޮލްޒް އާއި އެ ބޭފުޅާއަށް ތާއީދުކުރާ ގައުމުތަކުން ބުނުމުގެ ސަބަބުން ޔޫރަޕިއަން ޔޫނިއަންގެ އެތެރޭގެ ކޯޅުންވެސް ވަނީ އިތުރަށް ގޯސްވެފައެވެ.
ދިފާއީ ސިޔާސަތާއި ޗައިނާއިން އިލެކްޓްރިކް ކާރު އެތެރެކުރުން ފަދަ އެތައް ކަމަކާހުރެ ޔޫރަޕިއަން ޔޫނިއަންގެ އެންމެ ނުފޫޒުގަދަ ދެ މެމްބަރުން ކަމުގައިވާ ޖަރުމަނާއި ފަރަންސޭސީން އެއްގައުމުން އަނެއްގައުމަށް ފާޑުކިއުމުގެ އިނގިލި ދިއްކުރުން މިހާރު އޮތީ އެ ޖަމާއަތުގެ ތެރޭގައި ވަރަށް ބޮޑު ކަމަކަށްވެފައެވެ.
އެމެރިކާ ފިޔަވައި ޔޫކްރެއިނަށް އެންމެ ގިނައިން އެހީވެ ދެނީ ޖަރުމަނުންނެވެ. މިހާރުވެސް ރިޕަބްލިކަނުން ގެ ރުހުން ނުލިބުގެ ސަބަބުން ކޮންގްރެސްގައި ތާށިވެފައި އޮތް ޔޫކްރެއިނަށް އެހީ ދިނުން ރައިސް ބައިޑަން ބޭނުންފުޅުވަނީ ޖަރުމަނުން ފުއްދާދިނުމަށެވެ.
ޖަރުމަނުން އަބަދުވެސް ބުނަމުންގެންދަނީ ފަރަންސޭސި ވިލާތުން ޔޫކްރެއިނަށް އަޅާލުމެއް ނެތް ކަމަށެވެ. މިސަބަބަށްޓަކައި ޖަރުމަނުން ގަސްދުކުރަނީ ކުރިއޮތް ދުވަސްތަކުގައި ޔޫރަޕިއަން ޔޫނިއަންގެ ޕީސް ފެސިލިޓީއަށް އެގައުންދެމުންގެންދާ 20 ބިލިއަން އިނގިރޭސި ޕައުންޑަށް މަދުކުރުމަށެވެ. މިހާރުވެސް ޖަރުމަނުން ގެންދަނީ ޔޫކްރެއިންގެ ހަނގުރާމައަށް ހޭދަވާ ޚަރަދުގެ ގާތްގަނޑަކަށް ހަތަރު ބައި ކުޅަ އެއްބައި ކޮނޑުގައި އަޅަމުންނެވެ.
ހަމަމިއާއެކު ކޮރޯނާވައިރަސްގެ ދުވަސްވަރު ސަރުކާރުގެ ބަޖެޓުގައި އެ ވަބާއިން އަރާގަތުމަށް ކަނޑައަޅާފައި ފައިސާގެ ތެރެއިން 17 މިލިއަން ޔޫރޯ ބަޖެޓުގައި ހުރި ކަޅު ލޯވަޅެއްގެ ތެރެއިން ފައިބައިގެންދިއުން ގާނޫނާ ޚިލާފުކަމަށް ކޯޓުން ކުރި ހުކުމަށްވެސް ސަރުކާރުން ވަނީ ޖަވާބުދާރީ ވާންޖެހިފައެވެ.
ޔޫކްރެއިން ލައްވާ ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ ކުރުވުމަށްޓަކައި ޖަރުމަނުން މިހާތަނަށް 17.1 ބިލިއަން ޔޫރޯގެ އެހީ ދީފައިވާއިރު އިނގިރޭސި ވިލާތުން 6.6 ބިލިއަން ޔޫރޯ ވަނީ ދީފައެވެ.
ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އިތުރު 3 ބިލިއަން ޔޫރޯ ދެއްވާނެ ކަމަށް ރިޝީ ސްނަކް ވަނީ ވައުދުވެ ވަޑައިގެންފައެވެ. އެކަމަކު ފަރަންސޭސީން ދީފައިވަނީ ހަމައެކަނީ 544 މިލިއަން ޔޫރޯގެ އެހީއެވެ. އެހެންނަމަވެސް މެކްރޯން ޔޫކްރެއިނަށް ކުރެއްވި ޒިޔާރަތުގައި ޔޫކްރެއިންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ދެގައުމުން އެއްބަސްވުމަކަށް އައުމަށް އެއްބަސްވެ ވަޑައިގެންނެވިއެވެ.
ޔޫރަޕިއަން ޔޫނިއަންގައި ދެން ފާހަގަކުރެވޭ އަނެއް ގޮތްޕަކީ ޔޫކްރެއިނަށް އެހީ ފޯރުކޮށް ދިނުމަށް ޓަކައި ލެޓްވީނިއާގެ ލީޑަރޝިޕުން ފަށާފައިވާ މަސައްކަތެވެ. ލެޓްވިއާގެ މި މަސައްކަތުން މިހާރު ވިއްސަކަށް ގައުމާއެކު އެއްބަސްވުމަކަށް އާދެވިފައިވާކަމަށް ޚަބަރު ލިބެއެވެ.
މިކަންތައް ކުރިއަށް ދާއިރު ޔޫރަޕިއަން ޔޫނިއަންގައިތިބި ރަޝިޔާއަށް ތާއީދު ކުރާ ދެ ގައުމުގެ ވެރިން ހަންގޭރީގެ ބުޑަޕެސްޓުގައި ބައްދަލު ކުރައްވަމުން އެބަ ގެންދަވައެވެ. ހަންގޭރީގެ ބޮޑުވަޒީރު ވިކްޓަރ އޯރބާންގެ ފިއްތުންތަކާހުރެ ޔޫކްރެއިނަށް ޔޫރަޕިއަން ޔޫނިއަނުން ދޭން މަސައްކަތްކުރަމުން ގެންދިޔަ 50 ބިލިއަން ޔޫރޯ ވަނީ ފައިދަށުގައި ހިފާއްޓާފައެވެ.
އަދި ސްލޯވާކިޔާގެ ލީޑަރ ރޮބާރޓް ފީކޯ ގެންދަވަނީ ޔޫކްރެއިނަށް ދެން އެންމެ ވަޒަނެއްވެސް ދީގެންނުވާނެ ކަމަށް ބާރު އަޅުއްވަމުންނެވެ.