ބައެއް މީހުންގެ ކެންޑިޑެންސީ ބަލައިނުގަތުމަށް ނިންމި މައްސަލަ ހޫނުވެ ޕީޕީއެމް/ޕީއެންސީގެ ނިންމުން ބަދަލުކޮށްފި

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން ހުށަހެޅި ބައެއް މީހުންގެ ކެންޑިޑެންސީ ބަލައިނުގަތުމަށް ނިންމި ނިންމުމާ ގުޅިގެން މަސްލަހަތު ގޯސްވުމާއެކު ފޯމު ހުށަހެޅި އެންމެންނަށް ޕްރައިމަރީގައި ވާދަކުރެވޭ ގޮތް ހަދައިފިއެވެ.

އަންނަ މާޗުމަހުގެ 17 ގައި ބާއްވާ މަޖިލިސް އިންތިޚާބު ބާއްވަން މީގެ ކުރިން ދެފަހަރެއްގެ މަތިން ދުވަސް ކަނޑައެޅުމަށްފަހު މިހާރު ނިންމާފައިވަނީ މި މަހުގެ 27 ގައި ޕްރައިމަރީ ބޭއްވުމަށެވެ.

ޕްރައިމަރީގައި ވާދަކުރަން ހުށަހެޅި ބައެއް ފަރާތްތަކުގެ ކެންޑިޑެންސީ ބަލައިނުގަނެވޭނެކަން އިއްޔެ ވަނީ އެ ފަރާތްތަކަށް އަންގައިފައެވެ. ނަމަވެސް އެ ގޮތަށް އެންގީ ކިތައް މީހުންނަށް ކަމެއް ސާފެއް ނުވެއެވެ.

ކެންޑިޑެންސީ ބަލައިނުގަނެވޭނެކަން އަންގަވައި ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ސޮއިކުރައްވައި ބައެއް މީހުންނަށް ފޮނުއްވި ސިޓީތަކުގައި ވަނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްފަހު ޕާޓީގެ އެތެރޭގައި އުފެދިގެންދިޔަ އޮއިވަރުގައި ޖެހި ޕާޓީގެ އާންމު މެންބަރުންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް ބަޔަކު ކުރަމުންގެންދާ މަސައްކަތްތަކުގައި ބައިވެރިވެ އެ ސިޔާސަތު ކުރިއެރުވުމުގެ މަސައްކަތްތަކެއް ކޮށް ޕާޓީގެ އެތެރޭގައި ބައިބައިވުން އުފެދޭ ގޮތަށް ކަންކަން ކޮށްފައިވާތީ ކެންޑިޑެންސީ ބަލައިނުގަނެވޭނެ ކަމަށެވެ.

ބައެއް މީހުންނަށް ފޮނުއްވި ސިޓީތަކުގައި ޕާޓީއަށް އެކަށީގެންވާ ޚިދުމަތެއް ކޮށްދީފައިނުވާ ކަން ފާހަގަކުރައްވާފައި ވެއެވެ.

މި ސިޓީތައް ފޮނުއްވުމާ ގުޅިގެން ޕީއެންސީ އޮފީހަށް ގޮސް އެ ފަރާތްތަކުން ރޭ ވަނީ ނުރުހުން ފާޅުކޮށް އަޑުގަދަކޮށްފައެވެ.

އެގޮތުން ޗެއާޕާސަން ޢަބްދުއްރަޙީމް މިއަދު ވިދާޅުވީ ޕްރައިމަރީގައި ވާދަކުރައްވަން ނަން ހުށަހެޅުއްވި ބައެއް ބޭފުޅުންނަށް ކުރިމަތި ނުލެވޭ ގޮތަށް ނިންމުމާ ގުޅިގެން ހުށަހެޅުނު ޝަކުވާތަކަށް ރިއާޔަތް ކުރެއްވުމަށްފަހު ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހެޅުއްވި ހުރިހައި ބޭފުޅުންނަށް ވާދަކުރެއްވޭ ގޮތަށް ޕްރައިމަރީ ބާއްވަން ޕާޓީގެ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް