ދާދިއަވަހަށް ޔޫރަޕުގެ ތަޅުދަނޑިވެސް ރައީސް ޕޫޓިންއަށް ހަވާލު ކުރާނެ!

Loading

Facebook
Twitter
WhatsApp


ހަނގުރާމައިގެ ހާލަތު ދިރާސާކުރަމުން ގެންދާ ތަޖްރިބާކާރުންގެ ފާޑުކިއުން ޔޫރަޕްގެ ލީޑަރުންނަށް އަމާޒުކުރަމުން ގެންދަން ފަށައިފިއެވެ. މިދިޔަ އަހަރު ޖެނުއަރީގައި މުޅި ޔޫރަޕް އޮތީ ރައީސް ޕޫޓިންގެ ދުވަސް ނިންމާލުމަށްޓަކައި އަޒުމް ކަނޑައަޅައި ގެންނެވެ. 

ޔޫރަޕްގެ ހަތިޔާރު ގުދަންތަކާއި ބޭންކް އެކައުންޓްތައް އޮތީ ޔޫކްރެއިނަށްޓަކައި ތަންމިނަށް ހުޅުވާލަދީފައެވެ. ރަޝިޔާއާއިދެކޮޅަށް ޔޫކްރެއިންގެ ކައުންޓަރ އޮފެންސިވް ކާމިޔާބު ކޮށްދިނުމަށެވެ. އޭގެ އެއް އަހަރުފަހުން މިހިނގާ ޖެނުއަރީ މަސްފެށުނުއިރު މުޅި މަންޒަރު މިއޮތީ ބަދަލު ވެފައެވެ. މިހާރު ފެންނަމުންދަނީ ހުޅަނގުގެ އަތްމަތި ހުސްވެ ކުރިން ތަންމިނަށް ހުޅުވާލާފައި ހުރި ހަތިޔާރު ގުދަން ތަކާއި ބޭންކުގެ ދޮރުތައްވެސް ލައްޕަން މަސައްކަތް ކުރަމުން ގެންދާތަނެވެ. 

ހުޅަނގުގެ ގައުމުތައް ގުޅިގެން މިހާތަނަށް 230 ބިލިއަން އެމެރިކާ ޑޮލަރަށްވުރެން ގިނައިން ޔޫކުރެއިނަށް އެހީގެގޮތުގައި ފޯރުކޮށްދީފިއެވެ. އެންމެ ގިނަ އެހީ ފޯރުކޮށްދިން ގައުމުތަކަކީ އެމެރިކާ އާއި އިނގިރޭސި ވިލާތާއި ޖަރުމަނެވެ. މީގެތެރެއިން ގިނަ އެހީތަކެއް ފޯރުކޮށް ދީފައިވަނީ އެ ގައުމުތައް ގުޅިގެންނެވެ.                                                        

މުޅި މަންޒަރު މިހާރު މިއޮތީ ބަދަލު ވެފައެވެ. އެމެރިކާގެ ކޮންގްރެސް އޮތީ ސިޔާސަތާއި ފައިސާއިން މަރުތަޅު އެޅުވިފައެވެ. ރިޕަބްލިކަން މެމްބަރުން ބޭނުންވަނީ ސަރުކާރުން ޔޫކްރެއިނަށް ދޭން މަސައްކަތްކުރަމުން ގެންދާ 110 ބިލިއަން އެމެރިކާ ޑޮލަރ އެމެރިކާގެ އެތެރޭގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭދަކުރުމަށެވެ. އަދި ޔޫރަޕިއަން ޔުނިއަނުން ޔޫކްރެއިނަށް ދޭން އުޅުނު 50 ބިލިއަން ޔޫރޯގެ އެހީގެ ޕެކޭޖް ޔޫކްރެއިނާއި ހަމަޔަށް ދިއުމުގެ ކުރިން ޕޫޓިންގެ ރަޙްމަތްތެރި ހަނގޭރީގެ ބޮޑުވަޒީރު ވިކްޓަރ އޮރްބާންގެ ފައިދަށުލައި ހުއްޓުވައިފިއެވެ.             

މިހާރު ހުޅަނގުގެ މުޅި ޙާލަތު މިއޮތީ ބައިބައިވެފައެވެ. ބައިނަލް އަގްވާމީ ގޮތުން ޔޫކްރެއިނަށް އެހީ ލިބިދާނެ ކަމަށް ބެލެވުނު ވަސީލަތްތައްވެސް ފެންނަނީ ހިކި އަނަރޫފަ ވެފައި ވަނިކޮށެވެ.އަނެއްކޮޅުން ރަޝިޔާގެ ޒަމާންވީ ހަތިޔާރުތައް ސާފުކޮށް އަލުން ގިރިސް ޖަހައިގެން ޔޫކްރެއިން ބަލިކުރަން ނެރެ އޭގެ ފުރިހަމަ ކާމިޔާބު ހޯދައިފިއެވެ.                    

ހުޅަނގުގެ މި ބައިބައި ވުމާއި ރަޝިޔާއިން ކުރީސަފަށް ބާ ހަތިޔާރު ނެރުންވެސް މިވަނީ ދެކުނާއި އަދި އިރުމަތީ ޔޫކްރެއިނަށް ނުއުފުލޭވަރުގެ ބުރައަކަށް ވެފައެވެ. ޔޫކްރެއިންގެ ލަޝްކަރުތަކުން ބޭނުންކުރަން  ލިބިފައިވަނީ ރަޝިޔާގެ ލަޝްކަރަށް ލިބިފައިވާ ހަތިޔާރުގެ ނިސްބަތުން ބައިކުޅަ ބައެކެވެ.

ހަތިޔާރުގެ ހުސްކަން ފޫބެއްދުމަށްޓަކައި ޔޫރަޕިއަން ޔުނިއަނުން ކޮށްދެވޭނީ ކޮންކަމެއް ހެއްޔެވެ؟ ބްރަސެލްސް އިން ބޭނުންވަނީ މައިގަނޑު ގޮތެއްގައި ހަމަލާދިނުން އިތުރު ކުރެވޭނެ ހަތިޔާރާއި ފައިސާގެއެހީ ފޯރުކޮށްދިނުމަށެވެ. 

މިހާތަނަށް ބްރަސެލސް ( ޔޫރަޕިއަން ޔުނިއަން ) އިން 6 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ ފޯރުކޮށްދީފައި ވެއެވެ. މިއީ ޔޫރަޕިއަން ޔުނިއަނުން މިހާތަނަށް އެއްވެސް ގައުމަކަށް ފޯރުކޮށް ދީފައި ނުވާވަރުގެ ބޮޑު އެހީއެކެވެ. މިވަރުގެ ބޮޑުއެހީ ތެރިކަމެއް ފޯރުކޮށްދިނުމުގައި ޔޫރަޕިއަން ޔޫނިއަންގެ މަގްސަދަށް ވެފާ އޮތީ ޔޫކްރެއިންގެ ހަނގުރާމައިން ޔޫރަޕްގެ ގައުމުތައް އަލުން ފެޔަށް ޖެހުމުގެ ފުރުސަތު ނައްތާލުމެވެ. އެންމެން އެއްވިސްނުމެއްގައި ޔޫކްރެއިން ފަހަތުގައި ތިބުމެވެ.            

އެމެރިކާއިން ނާއި ޔޫރަޕުން ޔޫކްރެއިނަށް ފޯރުކޮށް ދީފައިވާ ހަވިޒާރސް ގައި ބޭނުން ކުރަން 155 މިލިމީޓަރުގެ އެއް މިލިއަން ޝެލް ބޭނުންވެގެން އެދުމުން މިއަހަރު މާރޗް މަހުގެ ކުރިން ފޮނުވާދޭނެކަމަށް ބްރަސެލްސް އިން ވަނީ ބުނެފައެވެ. އެކަމަކު މިއަހަރުގެ މިހާތަނަށް ފޮނުވާދީފައިވަނީ ހަމައެކަނި ތިންލައްކަ ޝެލް އެވެ. 

އަސްލު ފޮނުވައި ދޭނެކަމަށް ބުނި އަދަދުގެ ތިންބައިކުޅަ އެއްބަޔަށްވުރެންވެސް މަދުންނެވެ. މީގައި ފަޅާއެރުން ހުއްޓުވާފައި އޮތް އެންމެ ބޮޑު ސިއްރަކީ ޔޫރަޕްގެ ގައުމުތަކުގައި މިހާރުވެސް ހުރީ 1990 ގެ ދުވަސްވަރުގެ ޝެލް އެވެ. އޭގެ މާބޮޑު ބޭނުމެއް މިހާރަކު ނުކުރެވެއެވެ.                                             

ޔޫކްރެއިނަށް މިހާރު ބޭނުންވަނީ ކުރު މުއްދަތުގެ ސެކިއުރިޓީ އެކެވެ. ހުޅަނގުން ފޯރުކޮށްދޭން އުޅޭ ދިގުމުއްދަތުގެ ސެކިއުރިޓީއެއް ނޫނެވެ. އަނެއްކޮޅުން އެމެރިއިން ތައްޔާރުވަމުންދާ ރިޔާސީ އިންތިޚާބުގެ ބޮޑުހިޔަނިވެސް އޮތީ ޔޫކްރެއިންގެ މައްޗަށް ފެތުރިފައެވެ. ރިއާސީ އިންތިޚާބު ކާމިޔާބު ކުރައްވާ ބޭފުޅެއްގެ ވިސްނުން މިހާރު ދެނެގަންނާކަށް ނޭގެއެވެ.                                                        

ހަންގެރީން ދެކޮޅު ހަދަމުނަ ގެންދިޔަނަމަވެސް ޔޫރަޕިއަން ޔޫނިއަނުން މަސައްކަތް ކުރަމުން ގެންދަނީ ޔޫކްރެއިނަށް އެހީ ފޯރުކޮށްދެވޭނެ އެހެން މަގެއް ހޯދުމަށެވެ. އެހެންނަމަވެސް އެމެރިކާއިން މިވަގުތު ގޮތެއް ނުނިންމޭނެއެވެ. ކޮންގްރެސް އާއި ރިޕަބްލިކަން ތިބީ އެއްވިސްނުމެއް ގައެއް ނޫނެވެ. އެމެރިކާގެ ދަރަނި ވަނީ އަތުނުޖެހޭ ހިސާބަށް އަރައިފައެވެ.                              

މެދުއިރުމަތީގައި ފެށިގެން މިއުޅޭ ހަނގުރާމައާއި ދެކުނު ޗައިނާ ސީ އާއި ތައިވާނު ކަނޑުއޮޅީގެ ހަލަބޮލި ކަމާއިހުރެ ޔޫރަޕްގެ ގައުމުތަކުން ޔޫކްރެއިން ނަގަހައްޓަން ނުކުޅެދިއްޖެނަމަ ޕޫޓިންގެ އަމާޒަކަށް ދެންވާނީ މޯލްޑޯވާއާއި ބޯލްޓިކްގެ ގައުމުތަކާއި ދިމާލަށްކަމަށް ބުނެއެވެ. 

ނޭޓޯއިން އެ ޖަމާއަތުގެ ބައިވެރިންނަށް ފުދޭވަރަށް ހަތިޔާރު ލިބިފައި ހުރިކަން ކަށަވަރުކުރަން މިހާރު މިވަނީ ޖެހިފައެވެ. މިކަން ނުކުރެވިއްޖެނަމަ ޔޫރަޕުން ދެކެމުން އަންނަ “ ޔޫރަޕިއަން އެމްޕަޔަރ ގެ ހުވަފެން “ ބިލާހަކަށްވެ އެ އެމްޕަޔަރގެ ތަޅުދަނޑި ރައީސް ޕޫޓިން އަތަށް ދިނުން ނޫން އެހެން ގޮތެއް ނޯންނާނެއެވެ. އަދި އެއީ ހުޅަނގުގެ ބާރު ނެތި ދިއުންކަންވެސް އެބައިމީހުނަށްވެސް ރަނގަޅަށް އެނގެއެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް