ރައީސް ޑރ.މުޙައްމަދު މުޢިއްޒު އިންޑިއާޔާ ހަނގުރާމަ އިއުލާނުކޮއްގެން ހުރިހާ ގެއްލުމެއް ދިވެހިންނަށް ލިބިފައިވާކަމަށް ވިދާޅުވެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މިއަދު ފާޑުވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިހެން ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ހާލު ސީރިއަސްވެގެން ގއ.ވިލިނގިލިން މާލެ ނުގެނެވި ލަސްވި އުމުރުން 13 އަހަރުގެ ފިރިހެންކުއްޖާ މިއަދު ނިޔާވުމާ ގުޅިގެންނެވެ.
ނިޔާވި ކުއްޖާ ޑޯނިއަރގައި އަވަހަށް އިވޭޓްކުރެވެން އޮއްވައި ރައީސް މުޢިއްޒު ދެކޮޅު ހެއްދެވިކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުކޮށްފައެވެ.
އެގޮތުން ރޮޒައިނާ ވިދާޅުވީ އިންޑިއާ އާއި ހަނގުރާމަ އިއުލާނުކޮއްގެން ހުރިހާ ގެއްލުމެއް ދިވެހި ރައްޔިތުންނަށް ކަމަށެވެ.
“ހެޔޮވާނީ ކިހިނެއް ކުޑަކުއްޖެއްގެ ފުރާނަ ދިޔައިރު މިހެން ބަލަންތިބެން. ވެރިކަމަށް 3 މަސް ނުވެ 2 ފުރާނަ މިގެއްލުނީ އިހުމާލުން. ކިބުރުވެރިކަން ދޫކޮއްލައްވާފަ ރައްޔިތުންނާ މެދުވިސްނަވާ.“ ރޮޒައިނާ ވިދާޅުވިއެވެ.
ބްރެއިން ޓިއުމަރެއް ހުރި ކުއްޖާގެ ހާލު ސީރިއަސްވީ ބުދަ ދުވަހުގެރޭ ސްޓްރޯކެއް ޖެހިގެންނެވެ. އެ ކުއްޖާ މާލެ ގެނައީ ބުރާސްފަތި ދުވަހު ހަވީރުއެވެ.
އެ ކުއްޖާ މާލެ ނުގެނެވި ލަސްވުމުގެ ސަބަބުން ބުރާސްފަތި ދުވަހު ގއ.ވިލިނގިލީ ހޮސްޕިޓަލު ކައިރީ މުޒާހަރާ ވެސް ކުރިއެވެ.