ފާގަތި މުސްތަގުބަލެއް ހޯދުމަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ: ނައިބު ރައީސް

Loading

January 19, 2024
sandhaanu news
Facebook
Twitter
WhatsApp

ފާގަތި މުސްތަގުބަލެއް ހޯދުމަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ބާރުއަޅައި ތަރައްޤީވަމުން އަންނަ ޤައުމުތަކުން މަސައްކަތް ކުރަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެވެ. 

ނައިބު ރައީސް މިހެން ވިދާޅުވީ ޔުގަންޑާގެ ކަމްޕާލާގައި ކުރިއަށްދާ ނޮން-އެލައިންޑް މޫވްމަންޓް (ނާމް)ގެ 19 ވަނަ ސަމިޓުގައި ދިވެހިރާއްޖޭގެ ފަރާތުން ތަޤުރީރު ކުރައްވަމުންނެވެ.

ނައިބު ރައީސް ހުސައިން މުހައްމަދުގެ ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަކީ ވަކި ބައްރަކަށް ކުރިމަތިވެފައިވާ މައްސަލައެއް ނޫންކަމާއި، ލިބިފައި ހުންނަ ވަޞީލަތްތައް މަދުކަމާއެކު މީގެ ގެއްލުންތަކާ އެންމެ ބޮޑަށް ކުރިމަތިލާންޖެހެނީ ތަރައްޤީވަމުން އަންނަ ޤައުމުތަކަށްކަން ފާހަގަކުރެއްވިއެވެ. 

އަދުގެ ދުނިޔޭގައި ކުރިމަތިވަމުން އަންނަ އައު މައްސަލަތަކާ ކުރިމަތިލުމުގައި ނާމްއިން ގުޅުންތައް އިތުރަށް ވަރުގަދަކޮށް މަސައްކަތްކުރުމުގެ މުހިންމުކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މުޅި ބައިނަލްއަޤްވާމީ މުޖުތަމަޢާއި ތަފާތު ޤައުމުތައް އެކުވެގެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުމަކީ ދިވެހިރާއްޖެއިން އަބަދުވެސް ގަބޫލުކުރާ ގޮތްކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. 

އަދުގެ ދުނިޔޭގައި އިންސާނުންނަށް ލިބިފައިވާ ކުރިއެރުންތަކެކޭ އެއްގޮތަށް ބޮޑެތި މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާކަންވެސް އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

 އެގޮތުން އިންސާނުން ހޯދަމުންދާ ކުރިއެރުންތަކާއެކު ދުނިޔެއަށް އިތުރު ކުރިއެރުމާއި ފާގަތިކަން އަންނަމުންދާ ކަމަށާއި އެހެންނަމަވެސް ހަމަ އެފަދައިން ހަނގުރާމަތަކާއި ކާރިސާތަކުގެ ސަބަބުން މުޖުތަމަޢުތައް ނުތަނަވަސްކަމާއި ބިރުވެރިކަމާ ކުރިމަތިލާންޖެހޭކަންވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. 

ޣައްޒާގައި އެތައްހާސް ބަޔަކު ޝަހީދުކޮށްލައި ހިންގަމުންދާ ކަންކަމާހުރެ ޣައްޒާގެ ރައްޔިތުންނަށް އިންސާނީ މުސީބާތަކާ ކުރިމަތިލާން ޖެހިފައިވާކަމާއި ފަލަސްޠީނުގެ ކުށެއްނެތް އާންމު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންގެންދާ ޢުދުވާންތައް ރާއްޖެއިން ކުށްވެރި ކުރާކުރުން އެ މަނިކުފާނުގެ ވާހަކަފުޅުގައި ތަކުރާރު ކުރެއްވިއެވެ.

 މި ޢުދުވާންތަކަކީ ޤަތުލުއާންމުތަކާ ގުޅޭ މުއާހަދާއާ ޚިލާފު އުދުވާންތަކެއްކަން ފާހަގަކުރައްވައި، ދެކުނު އެފްރިކާއިން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް އިސްރާއީލުގެ މި އަމަލުތަކަކީ ޤަތުލުއާންމުތަކާ ގުޅޭ މުއާހަދާއާ ޚިލާފު އަމަލުތަކެއްކަން ސާބިތުކުރުމަށް މައްސަލަ ހުށަހަޅާފައިވާތީ އެކަމަށް އެ މަނިކުފާނު ތަޢުރީފުކުރެއްވިއެވެ.

 މީގެ އިތުރުން އެމަނިކުފާނު ވަނީ ވަގުތުން ވަގުތަށް ހަމަލާތައް ހުއްޓާލުމަށާއި ދާއިމީ ސުލްޙަވެރި މަގެއް ހޯދުމަށް ގޮވާލާ ގޮވާލުމުގައި އެއްބާރުލުން އިތުރުކޮށް، އެ ކަންކަމަށް ބާރުއަޅައި، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި، ފަލަސްޠީނަކީ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ޤާއިމުކުރުމަށް ގޮވާލައްވާފައެވެ. 

އ.ދ. އާއި އ.ދ. ގެ ސަލާމަތީ މަޖިލިސް އިސްލާހުކުރުމުގެ މުހިންމުކަންވެސް ފާހަގަކުރައްވާ  ބައިނަލްއަޤްވާމީ ބަދަހިކަމާއި ގުޅުމުގެ ތެރެއިން ސަލާމަތާއި ސުލްޙަ މަސަލަސްކަން ކަށަވަރު ކުރުމާއެކު ފާގަތި މުސްތަޤްބަލަކަށް އަމާޒުކޮށް މަސައްކަތް ކުރުމުގައި ނާމްގެ މުހިންމު ދައުރު އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. 

މާޔޫސްކަމުގެ ބަދަލުގައި އުންމީދު ގެނެސްދިނުމާއި، ހަނގުރާމަތަކުގެ ސަބަބުން ދުނިޔެއަށް ފެތުރެމުންދާ ބިރުވެރިކަމުގެ ބަދަލުގައި ސުލްޙަ ގެނެސްދިނުމާއި އަދި ނާޒުކު ޙާލަތްތަކުގެ ބަދަލުގައި ވިލުންތެރިކަން ފަތުރައިދިނުން ފަދަ ބަދަލުތައް ދުނިޔެއަށް ގެނައުމުގައި ހުއްޓުމެއްނެތި މަސައްކަތްކުރުމުގައި ނާމް ދެމިއޮންނަންޖެހޭކަންވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ. 

ނައިބު ރައީސް ހުސައިން މުހައްމަދު ޔުގަންޑާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ ޔުގަންޑާގެ ކަމްޕާލާގައި މިހަފްތާގައި ކުރިއަށްގެންދާ ނޮން-އެލައިންޑް މޫވްމަންޓް (ނާމް)ގެ 19 ވަނަ ސަމިޓާއި ”ގްރޫޕް އޮފް 77 އެންޑް ޗައިނާ“ (ޖީ77) ގެ ދަށުން ބާއްވާ ތިންވަނަ ސައުތް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް