މެދުއިރުމަތީގެ ސަރަހައްދީ ހަނގުރާމަ ފުޅާކޮށް ވަރުގަދަކުރާނެކަމަށް އެސަރަހައްދުގެ މުޖާހިދުންގެ ގުރޫޕްތަކުން ބުނެފައިވާކަމަށް ޣައްޒާގެ ހަމާސް މުޖާހިދުން ބުނެފިއެވެ.
ހަމާސްގެ ތަރުޖަމާނު، އަބޫ އުބައިދާ ބުނެފައިވަނީ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް އަދިވެސް ހުއްޓާފައިނުވާއިރު، އެސަރަހައްދުގެ އެހެން މުޖާޙިދުން އިސްރާއީލަށް ދޭ ހަމަލާތައް އިތުރަށް ވަރުގަދަކުރާނެކަމުގެ ޚަބަރުތައް އެ ގުރޫޕްތަކުން ލިބިފައިވާކަމަށެވެ.
ހަމާސްއިން މިހެން ބުނެފައިވާއިރު އިސްރާއީލުން ލުބުނާނުގެ ހިޒްބުﷲ މުޖާހިދުންގެ އިސްވެރިންނަށް ޓާގެޓުކޮށް ޤަތުލުކުރަމުން ދިޔުމުން ހިޒްބުއިން އިސްރާއީލަށް ބޮޑެތި ހަމަލާތަކެއް ދޭނެކަމަށް ގަބޫލުކުރެވޭކަމަށް ކަމާއި ބެހޭ މާހިރުންވަނީ ލަފާކޮށްފައެވެ.
މިގޮތުން، އިސްރާއީލުންވަނީ ހިޒްބުގެ އިސްވެރީންގެ ތެރެއިން ދެ ކޮމާންޑަރަކު ޝަހީދުކޮށްލާފައެވެ.
”އިސްރާއީލުން އަހަރެމެންނަށް އެ ދެނީ ހަނގުރާމައިގެ އިންޒާރު ހެއްޔެވެ؟ ”ހެލޯ“ އަދި ”ވެލްކަމް“!“ ހިޒްބު ގެ ލީޑަރު، ހަސަން ނަސްރުﷲ އާދީއްތަ ދުވަހު ބުނެފައިވެއެވެ.
ނަސްރުﷲ އިތުރަށް ބުނީ، އިސްރާއީލުގެ ހަނގުރާމައަށް 100 ދުވަސް ވެގެން ދިޔައިރުވެސް ޣައްޒާގެ މުޖާހިދުންގެ އަޒުމު ގުޑުވާނުލެވުނުކަމަށާއި، އަދިވެސް އެގެންދަނީ ހިތްވަރާއެކު ހަމަލާތައް ބަދަލުކުރަމުންކަމަށެވެ. އަދި ޣައްޒާގެ މުޖާހިދުންގެ ހިތްވަރަށް ބާރުދޭ އެންމެ ބޮޑު ވަސީލަތަކަށް މީޑިއާ ވެފައިވާކަމަށާއި، އިސްރާއީލުން ހާސިލްކުރަން ބޭނުންވާކަމަށް ބުނި އެއްވެސް ލަނޑުދަނޑިއެއް މިހާތަނަށްވެސް ހާސިލްވެފައިނުވާކަމަށް ނަސްރުﷲ ބުންޏެވެ.
އިސްރާއީލުގެ ސިފައިންގެ ތެރެއިން ހަނގުރާމައިގައި މަރުވާ މީހުންނާއި، އަނިޔާ ލިބޭ މީހުންގެ އަދަދު އިސްރާއީލުން އޮޅުވާލަނީ ސިފައިންގެ ތެރޭގައި ހިތްވަރު އެލުނަ ނުދިނުމަށްޓަކައިކަމަށް އިސްރާއީލުގެ މީޑިއާއިންވެސް ބުނެފައިވާކަން ފާހަގަކޮށް ނަސްރުﷲ ބުނީ، ހަނގުރާމައިގެ ބިރު ދެއްކިނަމަވެސް މުޖާހިދުން ޖެހިލުން ނުވާނެކަމަށާއި، ސަރަހައްދީ ހަނގުރާމަވެރީން ހަނގުރާމައަށް ތައްޔާރުވެގެން ތިބޭތާ 100 ދުވަސް ވެއްޖެ ކަމަށެވެ.
”އަހަރެމެން ހަނގުރާމަކުރާނީ ފުރާޅަކަށްވެސް ބޯޑަރަކަށްވެސް ބެލުމެއް ނެތި.“ ނަސްރު އިންޒާރުދީފައިވެއެވެ.
މިދިޔަ ހުކުރު ދުވަހު ހިޒްބުއިންﷲ ދިން ހަމަލާތަކުގައި، އިސްރާއީލުގެ ޓޭންކަރެއް ގޮއްވާލައި، އިސްރާއީލު ސިފައިންގެ އިމާރާތްތަކަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. މިގޮތުން ގޮއްވާލި ޓޭންކަރުގައި އިސްރާއީލު ސިފައިން ތިބިއިރު، މަރުވި، އަދި އަނިޔާވި ސިފައިންގެ އެއްވެސް ވާހަކައެއް އިސްރާއީލުން ހާމަކޮށްފައެއް ނުވެއެވެ.