ސީރިއާގައި ހިނގަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް ރާއްޖެއިން ދިޔަ މީހުންގެ ތެރެއިން ފަސް އާއިލާއަކަށް ނިސްބަތްވާ 21 މީހަކު މިއަދު ރާއްޖެ ގެނެސްފައިވާ ކަމަށް ހޯމް މިނިސްޓަރު ޢަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޢަލީ އިހުސާން ވަނީ ސީރިއާގައި ކުރިއަށްދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ރާއްޖެއިން ދިޔަ މީހުންގެތެރެއިން ފަސް އާއިލާއަކަށް ނިސްބަތްވާ 21 މީހަކު ރޭ ފަތިހު ރާއްޖެ ގެނެސްފައިވާ ކަމަށާއި އޭގެތެރޭގައި ހިމެނެނީ 15 ކުދިންނާއި 6 އަންހެނުންނާއި ފިރިހެނެއް ކަމަށެވެ.
ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހަނގުރާމަތަކަށް ގޮސް އަދިވެސް 100 އެއްހައި ދިވެހިން ތިބިކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި އެއީ ސީދާ ކޮންބައެއްކަން އަދި ނޭނގުނު ނަމަވެސް އެ މީހުން ތިބި ތަން ކަށަވަރުކޮށް އެ މީހުންނާ ގުޅޭނެ ގޮތްތައް ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހަރުކަށި ވިސްނުން ގެންގުޅެ ހަނގުރާމަތަކަށް ދިއުމުގެ ވިސްނުން ގެންގުޅޭ ދިވެހިން އަދިވެސް އެބަ އުޅޭ ކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ ހަނގުރާމައަށް ދާން އުޅޭކަމުގެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ވީހާވެސް އަވަހަށް ރިޕޯޓުކުރުމަށް ވެސް އެދިވަޑައިގެންފައެވެ.