މީ އެއް ގައުމެއް އަދި އެއް ބައެއް ކަމަށާއި ދިވެހީންނަށް ލިބިފައިވާ ނަސީބާއި ނިއުމަތްތައް ދަމަހައްޓަންޖެހޭ ކަމުގައި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިރޭ ދަރުބާރުގޭގައި ބޭއްވި ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެއްބައިވަންތަ ވެވޭނެ ހުރިހާ ސިފަތަކެއް، އޯގާވަންތަ މާތް އިލާހު ދިވެހީންނަށް ވަދީޢަތްކުރައްވާފައިވާ ކަމަށާއި އެއީ އެއްދީނަކުން ހިދާޔަތް ލިބިފައިވުމުގެ ނަސީބާއި އެއް ބަހަކުން ބަސްމޮށެ އުޅުމުގެ ޝަރަފު ކަމަށެވެ. އަދި އެއް އަކުރަކުން ލިޔެކިޔެ އުޅުމުގެ އުފަލާއި އެއް ސަގާފަތެއް ހިއްސާކުރުމާއި، އެއް ނަސްލަކުން ގުޅިފައި ވުމުގެ އަމާންކަމާއި އެއް ސޫރައެއްގައި އޮތް އެއްކަހަލަ ރަށްތަކަކުން ދިވެހީންގެ ވެށި ސިފަވެގެން ދިޔުމުގެ ޒީނަތްތެރިކަން ކަމަށެވެ.
“ދިވެހީން އެއްބައިވަންތަކުރުވީ މި އެއްގޮތްވަންތަކަން. މީ އެއް ގައުމެއް. އެއް ބައެއް. އެހެންކަމުން، މި ނަސީބާއި ނިޢުމަތްތައް ދަމަހައްޓަންޖެހޭ.“
ރައީސް ވިދާޅުވީ ކުރިއެރުމާއި ކާމިޔާބީގެ އަސްލަކީ އެކުވެރިކަން ކަމަށާއި އެކުވެރިވުމުން އަމާންކަމާއި އިތުބާރު ލިބިދޭ ކަމަށެވެ. އަދި އޭގެ މައްޗަށް ވިޔަފާރިއާއި އެހެނިހެން ކަންކަމުގެ ގުޅުންތައްވެސް ހަރުދަނާވެ، އުންމަތްތައް ކުރިއަރައިގެންދާ ކަމަށެވެ.
މިއަދު ދިވެހިރައްޔިތުން އެދެނީ އެކުވެރިކަމާއި ތަރައްގީއަށް ކަމަށާއި އަވަސް ކުރިއެރުންތަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.