ކާބޯތަކެތީގެ ރައްކާތެރިކަމަށް އާންމުން ހޭލުންތެރި ކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހިންގާ ”މުކައްބަ“ ކެމްޕެއިން އިފްތިތާހުކޮށްފިއެވެ.
މި ކެމްޕެއިން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތް ޑރ.ޢަބްދުﷲ ޚަލީލެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ޚަލީލް ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ރާއްޖޭގައި ކާބޯތަކެތި ޓެސްޓު ކުރެވޭނެ ނިޒާމްތައް ފުޅާވަމުން އަންނަ ކަމަށެވެ.
ބަލިން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އެޅުމަކީ ސިއްޙީ ދާއިރާއަށް އޮތް އެންމެ ބޮޑު އެއް ސިޔާސަތުކަންވެސް ޑރ. ޚަލީލް ވަނީ ފާހަގަކުރައްވާފައެވެ.
ހަމަ އެހެންމެ އެންމެ އިސްކަމެއް ދޭން ޖެހެނީ ދުޅަހެޔޮ ސިއްޙަތަކަށް ވާޞިލްވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ޔަޤީންކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދެވޭކަން ކަށަވަރު ކުރުމަށް ކަމަށްވެސް ޑރ. ޚަލީލް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ޑރ. ޚަލީލް ވިދާޅުވީ ޕްރިވެންޓިވް ހެލްތް ކެއަރއަށް ސަމާލުކަން ދިނުމުގެ ގޮތުން މަޖިލީހުގައި އޮތް ކާބޯތަކެއްޗާ ބެހޭ ބިލު އަވަސްކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައި ވާނެ ކަމަށެވެ.
ކާބޯތަކެއްޗާއި ބެހޭ ބިލް ފާސްވެގެން ޤާނޫނަކަށް ވެގެން އަންނަ ދުވަހަކީ ފުޑް ސެކިއުރިޓީއަށް ލިބޭނެ އިތުރު ބާރެއް ކަމަށާއި ޕްރިވެންޓް ހެލްތް މެކޭނިޒަމް އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް މިނިސްޓަރު ޑރ.ޚަލީލް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު ޑރ.ޚަލީލް ވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ހެލްތު މިނިސްޓްރީގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ދެއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.
މުކައްބަ ކެމްޕޭނަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި، ޑަބްލިއުއެޗްއޯ ގުޅިގެން ކޮޑެކްސް ޓްރަސްޓް ފަންޑުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ކެމްޕެއިނެކެވެ.