’ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރސް‘ ބޯޑު ތައާރުފުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށާއި ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމުގައި ޒުވާނުންގެ ވިސްނުމާއި އުންމީދުތައް ހިމެނުމަށްޓަކައި މިފަދަ ބޯޑެއް ތައާރަފުކުރަން ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި މި ބޯޑު އެކުލެވިގެންވަނީ 18 އަހަރާއި 30 އަހަރާ ދެމެދުގެ 15 މެންބަރުންގެ މައްޗަށެވެ. މި ބޯޑުގައި ގިނަ ޒުވާނުން ބައިވެރިވުމަށް މަގުފަހިކޮށްދިނުމަށް ރިޔާސީ ދައުރެއްގައި ދެފަހަރު ބޯޑު އެކުލަވާލުމަށް ވަނީ ނިންމަވާފައެވެ.
ނަމަވެސް މަތީ ޡާނަވީ ސްކޫލެއްގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުން އަދި ޔުނިވަރސިޓީގެ ސްޓޫޑަންޓް ކައުންސިލުގެ ފަރާތުން ބޯޑަށް އައްޔަން ކުރާ މެންބަރުންނަކީ ސްޓޫޑަންޓް ކައުންސިލް/އެގްރެކެޓިވް ކޮމިޓީގައި އަދާކުރާ މަގާމުގެ ގޮތުން އައްޔަން ކުރެވޭ މެންބަރުންކަމަށް ވުމުން މި މެންބަރުން ކޮންމެ އަހަރަކު އެއްފަހަރު ބަދަލުވެގެންދާ ގޮތަށް ރައީސް ވަނީ ނިންމަވާފައެވެ.
މި ބޯޑުގެ ސެކްރެޓޭރިއޭޓް ބަލަހައްޓާނީ ޔޫތު މިނިސްޓްރީއިން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
One Response
ބޯޑުތަކާއި ކައުންސިލްތައް އުފެއްދެވުމުގެ ބަދަލުގައި ރައީސް އޮފީހާއި މިނިސްޓްރީކަމުގައި ތިއްބެވި މަސައްކަތް މަދު ސިޔާސީ މަގާމުތަކުގެ ބޭފުޅުން ރައްޔިތުންކައިރިޔަށް ވަޑައިގެން ރައްޔިތުން ބޭނުންފުޅުވާކަންތައްތައް އޮޅުންފިލުވައި ރައީސަށް ދެންނެވުން މާރަނގަޅުވާނެހެން ހީވޭ