ނިއުޔޯކުގައި ސީކް އެކްޓިވިސްޓަކު މަރާލަން ރޭވިރޭވުން ނާކާމިޔާބުކޯށްލާފައިވާކަމަށް އެމެރިކާގެ ސަރުކާރުން ބުނެފިއެވެ.
މަރާލުމަށް ރާވަާފައިވަނީ ސީކް ސެޕަރޭޓިސްޓް ސްޓޭޓަކަށް ތާއީދުކޮށް ގޮވާލާ، އެމެރިކާ ޕާސްޕޯޓު އޮންނަ އެކްޓިވިސްޓެކެވެ. މިމައްސަލާގައި ދައުވާ އުފުލާފައިވަނީ އިންޑިއާ ރައްޔިތެއް ކަމަށްވާ ނިކިލް ގުޕްތާގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ އެއް ލައްކަ އެމެރިކާ ޑޮލަރު ދީގެން މީހަކު މެރުމަށް މަސައްކަތްކުރުމުގެ ދައުވާއެވެ.
އެހެންނަމަވެސް، މީހަކު މަރަން އޭނާ ހަވާލުކޮށްފައިވަނީ އަންޑަކަވަރގައި އުޅުނު އެމެރިކާ ސަރުކާރުގެ އޮފިޝަލަކާ ކަމަށް ޕްރޮސެކިއުޓަރވަނީ ބުނެފައެވެ. އުމުރުން 52 އަހަރުގެ ގުޕްތާ ހައްޔަރުކޮށް ހިފަހައްޓާފައި މިހާރު ހުރީ ޗެކް ރިޕަބްލިކްގެ ޖަލެއްގައެވެ. އަދި ދެގައުމުން ގައިދީން ބަދަލުކުރާ އުސޫލުގެ މަތީން އޭނާ އެމެރިކާއަށް ގަނައުމަށް މަސައްކަތް ކުރަމުން އަންނައިރު، ދައުވާ ސާބިތުވެއްޖެނަވަ އޭނާގެ މައްޗަށް 20 އަހަރުގެ ޖަލުހުކުމެއް އަންނާނެއެވެ.
އެމެރިކާ ސަރުކާރުން ބުނީ އިންޑިއާ ރައްޔިތަކު އެމެރިކާގެ ރައްޔިތެއް މަރާލުމަށް ކުރި މަސައްކަތުގެ މައުލޫމާތު އިންޑިއާގެ ސަރުކާރާއި ހިއްސާކޮށްފައިވާނެކަމަށާއި، އިންޑިއާއިން ޖަވާބުދިނީ ”ހައިރާންކަމާއި ކަންބޮޑުވުމާއި“ އެކުގައި ކަމަށެވެ.
އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކާއި ހަވާލާދީ ޚަބަރުތަކުން ބުނެފައިވަނީ، މި މައްސަލާގައި ރައީސް ޖޯ ބައިޑެން އިންތިހާއަށް ކަންބޮޑުވެވަޑައިގެންފައިވާކަމަށާއި، އިންޑިއާއާއި އެކު މަޝްވަރާކުރުމަށް ސީއައޭ ޑިރެކްޓަރު ވިލިއަމް ބާންސް އަދި ނެޝަނަލް އިންޓެލިޖެންސްގެ ޑިރެކްޓަރ އެވްރިލް ހެއިންސް ހިމެނޭގޮތަށް އެމެރިކާ އިންޓެލިޖެންސްގެ އިސް ވެރީން އިންޑިއާއަށް ފޮނުވާފައިވާކަމަށެވެ.
އިންޑިއާ ސަރުކާރުން ބުނީ މިމައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
މަރާލުމަށް މަސައްކަތްކޮށްފައިވަނީ ކާކުކަން ޕްރޮސެކިއުޓަރުން ހާމަކޮށްފައި ނުވިނަމަވެސް، އެމެރިކާގެ ޚަބަރުތަކުން ބުނާގޮތުގައި މަރާލުމަށް މަސައްކަތް ކޮށްފައިވަނީ އެމެރިކާގެ ސީކް އެކްޓިވިސްޓް ގްރޫޕެއްގައި އުޅޭ އެމެރިކާ-ކެނެޑާ ރައްޔިތެއް ކަމުގައިވާ ގުރްޕަތްވަންތް ސިންހް ޕަންނުން ކަމަށެވެ. އޭނާއަކީ އިންޑިއާއިން ޓެރަރިސްޓުންގެ ލިސްޓުގައި ހިމަނާފައިވާ މީހެކެވެ. އިންޑިއާއިން ބުނެފައިވަނީ ޕަންނުން އަކީ ތަކުރާރުކޮށް އިންޑިއާއަށް އިންޒާރުދޭ މީހެއްކަމަށެވެ. އެހެންނަމަވެސް ޕަންނުން އެކަން ދޮގުކުރެއެވެ.
އޭނާ ބުނެފައިވަނީ އޭނާ ކުރާހާވެސް ކަމަލީ ޚަލިސްތާނު ހަރަކާތައް ތާއީދުކުރުން ކަމަށެވެ. އިންޑިއާގެ އާބާދީ 2 އިންސައްތަ މީހުންނަކީ ސީކުންކަމަށްވާއިރު، އެމީހުންގެތެރެއިން ގިނަ ބަޔަކު އަންނަނީ އެމީހުން އިންޑިއާއިން ވަކިވެ، ޚަލިސްތާނުގެ ނަމުން ވަކި ގައުމެއް ބިނާކުރުމަށް ގޮވާލަމުންނެވެ.
އިންޑިއާގައި މިހާރު މި ގޮވާލުމުގެ އަޑު މަޑުވެފައިވަނީ ޕަންޖާބުގެ ޕާޓީތައް ހިމެނޭގޮތަށް ސިޔާސީ ބޮޑެތި ޕާޓީތަކުން ސީކުން ވަކިކުރުމާއި ދެކޮޅު ހަދާތީއެވެ. އެމެރިކާގެ މިޚަބަރު އައިސްފައިމިވަނީ އިންޑިއާއިން ކެނެޑާގައި ހުރި ކެނެޑާގެ ރައްޔިތެއް މަރާލާފައިވާކަމުގެ ހެކި އެބަހުރިކަމަށް ބުނެ ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އިންޑިއާގެ މައްޗަށް ތުހުމަތުކޮށްފައިވަނިކޮށެވެ. އިންޑިއާއިން މިކަންވެސް ވަނީ ދޮގުކޮށްފައެވެ.