މި ސަރުކާރު ދަމަހައްޓަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއެކު ސާބިތުކަމާއެކު ތިއްބެވި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފާއި ސަރުކާރުގެ މިނިސްޓަރުން ހާމަކުރައްވައިފިއެވެ.
ެއެ ބޭފުޅުން މިކަން ހާމަކުރެއްވީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ޕީޕީއެމް ދޫކުރައްވައި އާ ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ވަގުތެއްގައެވެ.
ނައިބު ރައީސް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ވެރިކަމަކީ އެމަނިކުފާނު ވެސް ހިމެނިވަޑައިގަންނަވާހެން އެތައް ރައްޔިތުންގެ ބައިވެރިވުމާއި ބުރަ މަސައްކަތުން ގެނެވުނު ވެރިކަމެއް ކަމަށާއި މިއީ ރައްޔިތުން ކުރި މިންނެތް މަސައްކަތުގެ ނަތީޖާ ކަމަށެވެ. ރައްޔިތުން އިޚްތިޔާރުކުރީ ރައީސް ޑރ.މުޢިއްޒުގެ ތަސައްވުރު ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިސްކުރައްވަނީ ރައްޔިތުންގެ މަސްލަހަތު ކަމަށާއި އެހެންކަމުން މި ވެރިކަމަކީ ރައްޔިތުނަށް ލާބައާއި މަންފާހުރި ނަފާވެރި ވެރިކަމަކަށް ހެދުމަށް އެމަނިކުފާނާއެކު ސާބިތުވެ ހުންނާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
މީގެއިތުރުން ހޯމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވީ ޕީޕީއެމް އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒާއެކު ކަމަށާއި ރައީސް މުޢިއްޒުގެ ސަރުުކާރުގެ ހިމާޔަތުގައި އަތާއި އަތް ގުޅައިގެން މިތިބި ސަފުތަކުގައި ކެރުމާއި އިޚުލާސްތެރިކަމާއެކު ސާބިތުވެ ހުރެ ގައުމަށް ހެޔޮ އެދޭ އެންމެހައި ލޮބުވެތި ދިވެހިންނަށް ރައީސް މުޢިއްޒާ އެއްކޮށް ކުރިއަށް ވަޑައިގަތުމަށް ގޮވައިލައްވާ ކަމަށެވެ.
ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަށް ދިވެހި ރައްޔިތުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް ޕީޕީއެމް-ޕީއެންސީގެ ސަރުކާރެއް އެކުލަވާލައި ރައްޔިތުންނަށް ޚިދުމަތްކުރަން ފެށިފައިވާއިރު މި ތިއްބެވީ ރައީސުލްޖުމްހޫރިއްޔާއާއެކު ކަމަށެވެ. އަދި ޕީޕީއެމް-ޕީއެންސީއާއެކު އިޚްލާސްތެރިކަމާ އެކު ކުރިއަށް ގޮސް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ހުށަހަޅުއްވާފައިވާ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ސަރުކާރުގެ ބަދަހި ސަފުތައް ސާބިތުވެ ދެމި ތިއްބަވާނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ މިއީ ދިވެހި ގައުމަށާއި ރައްޔިތުންނަށް އުފާ ފާގަތިކަން ލިބެން އޮތް މަގު ކަމަށާއި ގައުމާއި ރައްޔިތުންގެ އުންމީދުތައް އެހެން އެއްވެސް ބަޔަކާއި އެއްޗަކާއި ކަމަކަށް ވުރެ ބޮޑު ކަމަށެވެ.
އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވެސް ވަނީ މިއީ ރައްޔިތުން ވަރަށް ބުރަ މަސައްކަތް ކޮށްގެން ގާއިމުކުރި ވެރިކަމެއްކަނ ފާހަގަ ކުރައްވައި މި ވެރިކަން ދަމަހައްޓަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.
ހަމައެހެންމެ ރައީސް ޑރ.މުޙައްމަދު މުޢިއްޒަކީ މިއަދު ދިވެހީންގެ އެންމެ ބޮޑު އުންމީދު ކަމަށާއި އެމަނިކުފާނު ތަފާތު ދައްކަވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފިޝަރީޒް އަޙްމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ޝިޔާމް ވަނީ ރައްޔިތުން އެދޭ އަމާޒަށް ގައުމު ގެންގޮސްދެއްވުމަށް ރައީސް ޑރ.މުޢިއްޒަށް އެންމެ ފުރިހަމައަށް އެއްބާރުލުންދެއްވައި ލަޔާގަތާ ގަބިލިއްޔަތު ތަންދިން އެންމެ ފުރިހަމައަކަށް އަދާކުރައްވައި ގައުމާއި ރައްޔިތުންނަށް އިޚުލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވައި ސަރުކާރު ދަމަހައްޓަން އެންމެ ކުރީ ސަފުގައި މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވައިފައެވެ.