ރޯދައިގެ ކުރިން މަޖިލިސް އިންތިޚާބު ބޭއްވުމަށް ގާނޫނަށް އިސްލާހު ގެނައުމަށް އީސީއިން ހުށަހަޅައިފި

Loading

Facebook
Twitter
WhatsApp

އަންނަ ރަމަޟާން މަހުގެ ކުރިން ރައްޔިތުންގެ މަޖިލިސް އިންތިޚާބު ބޭއްވޭނެ ގޮތެއް ހަމަޖެއްސުމަށް ގާނޫނަށް އިސްލާހެއް ގެންނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ހިނގަމުން މިދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވާނީ އަންނަ މެއިމަހުގެ 28 ގެ ނިޔަލަށެވެ. ގާނޫނުގައިވާ ގޮތުން އޭގެ 120 ދުވަސް ކުރިން އިންތިޚާބު ބޭއްވުމުގެ މަސައްކަތް ފަށަން ޖެހެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން އީސީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް ވިދާޅުވީ ގާނޫނުގައި ބަޔާންކޮށްފައިވާ ތާރީޚުތައް ތަރުތީބުކޮށްލުމުން އިންތިޚާބު ބޭއްވޭނީ މާޗު 19 ގައި ކަމަށެވެ. ނަމަވެސް އެއީ ސްކޫލުތަކުގައި މޮކް އެގްޒާމް ކުރިއަށްދާ ދުވަސްކޮޅެއް ކަމަށާއި ވޯޓުލާ މަރުކަޒުތަކުގެ ގޮތުގައި އީސީއިން ބޭނުންކުރަމުން އަންނަނީ ސްކޫލުތަކުގެ ހޯލުތައް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން އިންތިޚާބު އޭގެ ފަހުން ބާއްވަންޖެހޭ ކަމަށާއިި އެންމެ އަވަހަށް ވެސް އިންތިޚާބު ބޭއްވޭނީ މާޗު 30 ގައިކަމަށް ޙަބީބް ވިދާޅުވިއެވެ. ނަމަވެސް އެ ދުވަސް ދިމާވަނީ ރޯދަމަހުގެ 20 ވަނަ ދުވަހާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އީސީއިން ރާވާފައިވާ ގޮތުން އިންތިޚާބުގައި ވާދަކުރަން ހުޅުވައިލަން ނިންމާފައިވަނީ ޖަނަވަރީ 30 ވަނަ ދުވަހުން ފެބްރުއަރީ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ފެބްރުއަރީ 17 ގައި ގުރުއަތު ނަގައި ނަންތައް ތަރުތީބު ކުރުމަށްފަހު އެ މަހުގެ 30 ގެ ނިޔަލަށް ކެމްޕޭން ކުރުމަށް މުއްދަތެއް ދިނުމަށެވެ.

ނަމަވެސް ރޯދަމަހު ތެރޭގައި ގޮންޖެހުންތަކެއް ހުރިކަން ޙަބީބް ފާހަގަކުރެއްވިއެވެ.

އޭގެތެރޭގައި:

ކެންޑިޑޭޓުން ކެމްޕޭން ކުރުމަށް ދަތިތަކެއް ހުރުން.

އޮފިޝަލުން ހޯދުމާއި ތަމްރީނު ކުރުމާއި އީސީގެ އެހެން މަސައްކަތްތަކަށް ދަތިތަކެއް ކުރިމަތިވުން.

އާންމު ރައްޔިތުންނަށް ބޮޑު ތަކުލީފަކަށްވުން.

އެގޮތުން މައްސަލަ ހައްލު ކުރަން އީސީއިން ދެ ގޮތެއް ހުށަހެޅުއްވިއެވެ.

ފުރަތަމަ ގޮތަކީ ކެންޑިޑޭޓުން ކެމްޕޭން ކުރަން 20 ދުވަސް ދިނުމެވެ. އޭރުން މާޗު 09 ގައި އިންތިޚާބު ބޭއްވޭނެ ކަމަށް އީސީއިން ދެކެއެވެ.

ދެވަނަ ގޮތަކީ ގާނޫނުގައި ބުނާ 120 ދުވަހުގެ މުއްދަތު 140 އަށް އިތުރުކުރުމެވެ. އޭރުން އިންތިޚާބުގެ މަސައްކަތްތައް ކުރިން ފަށައި އަވަހަށް އިންތިޚާބު ބޭއްވިދާނެ ކަމަށް އީސީއިން ދެކެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް