ލ.ގަމުގެ އަލަށް އާބާދުވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި މުޢިއްޒު ވިދާޅުވީ މިއަދު މި ފެންނަނީ ތުއްތު ކުދިންގެ ހިތްތަކުގެ ތެރޭގައި ދިވެހި ބަހަށް ދޭ އިސްކަން ކުޑަކުރުމަށްޓަކައި ސިސްޓަމެޓިކަލީ ކަންކަން ރޭވެމުން ދާތަން ކަމަށާއި އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވައިދޭން މަސައްކަތްކުރުމަކީ އާދައިގެ ކަމެއްނޫން ކަމަށެވެ.
“އެއީ ކުޑަކުދިންގެ ހިތްތަކުން ޤައުމިއްޔަތު ފޮހެލުމަށް ހިންގޭ ބޮޑު މަސައްކަތެއް. ނަމަވެސް އަޅުގަނޑު މި ހުށަހަޅަނީ ކުޑަކުދިންގެ ހިތްތަކުގައި އިސްލާމްދީނާއި ގައުމާއި ދިވެހި ބަހާއި ތާރީޚާއި ސަގާފަތާއި މެދު ލޯބި ޖައްސައި ރިވެތި އާދަކާދަތައް ދަސްކޮށްދީ ގައުމީ އަބުތާލުންނާއި މެދު ލޯބި އިތުރުކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރުން.“
ކިތަންމެ ވަރަކަށް ތަރައްގީގެ މަޝްރޫއުތައް ހިންގިއަސް ރައްޔިތުންގެ ހިތުގެ ތެރޭގައި ގައުމީ ލޯބި އާލާނުވާނަމަ ދިވެހިވަންތަކަން ނެތްނަމަ އޭގެ ބޭނުމެއްނެތް ކަމަށާއި ގައުމިއްޔަތު މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ބޭނުންވަނީ އެހެންވެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.
“ގައުމިއްޔަތު ދިރުވުމުގެ ވިސްނުމާއި ގައުމިއްޔަތު ފޮހެލުމުގެ ވިސްނުމާއި ދެމެދުން ގޮތެއް އިޚުތިޔާރުކުރައްވާނީ ތިޔަ ބޭފުޅުން“ މުޢިއްޒު ވިދާޅުވިއެވެ.
އެހެންކަމުން ގައުމުގެ ކަންކަން ރަނގަޅުކުރުމަށް އޭނާއަށް ވޯޓުދެއްވުމަށާއި އޭނާއަށް ދެއްވާ ވޯޓު ވާނީ“ ދިވެހީންގެ ރާއްޖެ“ ދިވެހީންނަށް ހޯދައި ދިނުމަށް ދެވޭ ވޯޓަކަށް ކަމަށް މުޢިއްޒު ވިދާޅުވިއެވެ.