ޔުނައިޓެޑް ނޭޝަންސްގެ އާންމު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ޔޫކްރެއިނަކީ ގެނބެމުންދާ މީހެއްކަމަށް ސިފަކުރައްވައި އޭނާގެ އަތުގައި ޖެހޭ މީހާވެސް ގަންބާލާނެކަން ދެނެތިބުމަށް ޕޯލޭންޑުގެ ރައީސް ޑޫޑާ އެޖަލްސާގެ ބައިވެރީންނަށް އިންޒާރު ދެއްވައިފިއެވެ.
ރައީސް ޑޫޑާގެ ވާހަކަފުޅުގައި ވިދާޅުވީ “ ޔޫކްރެއިނުން ކަންތައް އެކުރަނީ ގެނބެމުންދާ މީހަކު ކަންތައް ކުރާނެ ގޮތަށެވެ. އަތުގާ ޖެހުނު ކޮންމެ އެއްޗެއްގައި ހިފޭއްޓޭތޯ ބަލާނެއެވެ. ގެނބެމުންދާ މީހަކީ ވަރަށް ނުރައްކާތެރި މީހެކެވެ. އޭނާ ސަލާމަތްކުރަން ދާމީހާވެސް އޭނާއާއި އެކުގައި ގަންބާލާނެއެވެ.“
މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ އަވަށްޓެރި ގައުމުތަކުންވެސް ޔޫކްރެއިންގެ ގޮވާމުގެ އުފެއްދުންތައް އެގައުމުތަކަށް އެތެރެކުރުން މަނާކޮށްފައި ވަނިކޮށެވެ.
މީގެކުރިން ޕޯލެންޑަކީ ވަރުގަދައަށް ޔޫކްރެއިނަށް ތާއީދުކުރަމުން ގެންދިޔަ ގައުމެކެވެ. އަދި މިހާތަނަށް އެގައުމުގެ މިލިއަނަކަށް ވުރެން ގިނަ ރެފިއުޖީންނަށް ވަނީ ޙިމާޔަތްވެސް ދީފައެވެ. މިކަމާގުޅިގެން އާންމުންގެ ވިސްނުން ދެކަފިވެ އޮކްޓޯބަރުގައި އޮންނަ އިންތިޚާބުގައި ސަރުކާރު ހިންގާޕާރޓީއަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާންޖެހޭ ހިސާބަށް ގައުމުގެ ޙާލަތު ބަދަލު ވެއްޖެއެވެ. މި ފުރުސަތުގެ ހުރިހާ ފައިދާއެއް ލިބިގަތުމަށް އިދިކޮޅު ފާރ-ރައިޓް ކޮންފެޑެރޭޝަނުން ގެންދަނީ ރާވަމުންނެވެ.
ރޮއިޓާރސްގެ ދިރާސާއަކުން ދައްކާގޮތުގައި ޔޫކްރެއިން- ރަޝިޔާގެ ހަނގުރާމަ ފެށުނު ދުވަސްވަރު ޕޯލޭންޑުން ޔޫކްރެއިނަށް ކުރި ތާއީދު 91 އިންސައްތަ މިހާރު އޮތީ 69 އިންސައްތައަށް ވެއްޓިފައެވެ. އަދި 2022 ވަނަ އަހަރުގެ ކުރީކޮޅު ޔޫކްރެއިންގެ ރެފިއުޖީންނަށް ޙިމާޔަތްދިނުމަށް ބޭނުންވި 25 އިންސައްތަރައްޔިތުންގެ އަދަދު މިހާރު އޮތީ 4 އިންސައްތައަށް ވެއްޓިފައެވެ.
މިދިޔަ އަންގާރަ ދުވަހު ސީ. އެން. އެން. ގެ ޖޭކް ޓެޕަރ އަށް ދެއްވި އިންޓަރވިއުއެއްގައި ޑޫޑާ ވިދާޅުވީ ރަޝިޔާ އެއްކޮށް ބަލިކޮށްލުމަކީ އެމަނިފާނުވެސް އެދިވަޑައިގަންނަވާ ގޮތެވެ. އަދި އެކަން ކާމިޔާބު ކުރެވޭނީ މިހާރު ރަޝިޔާ ހިފާފައިވާ ހުރިހާ ބިމަކުން ރަޝިޔާގެ ސިފައިން ފައްސާލެވުނު ދުވަހަކުންނެވެ.
މި މަގްސަދު ކާމިޔާބު ކުރުމަށްޓަކައި ހުޅަނގުގެ ގައުމުތަކާއި އެމެރިކާއިން ވެދެމުންގެންދާ އެހީ އާއި ފޯރުކޮށްދޭ މަދަދަށް ޝުކުރުވެރިވާކަމަށެވެ.
ހުޅަނގުގެ ގައުމުތަކާއި އެމެރިކާ ރުއްސަމުން ރައީސްކަމުގެ ގޮނޑީގައިވެސް ބައްދަން ބޭނޫންވާނަމަ ދެއްކޭނީ މިކަހަލަ ވާހަކަކަމުގައި އިދިކޮޅު ފަރާތްތަކުން ބުނެއެވެ.