ބޭބެ މަރާލިކަމަށް މަވާޒް އިއުތިރާފުވުމުން ކުށް ސާބިތުވެއްޖެ

Loading

Facebook
Twitter
WhatsApp

އައްޑޫ ސިޓީ މަރަދޫގައި ކަތުރެއް ހަރައި އެއްބަނޑު އެއްބަފާ ބޭބެ، އަހުމަދު ޝުއައިބު، 27، ބްލޫސްޓާ، މަރަދޫފޭދޫ މަރާލި ކަމަށް، އޭނާގެ ކޮއްކޮ ހުސައިން މަވާޒް، 25، ބްލޫސްޓާ ރޮމުން މިއަދު ކޯޓުގައި އިއުތިރާފުވުމުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

މަރަދޫގައި ދެބެންގެ ދެމެދު ހިނގި އަރާރުމެއްގެ ތެރެއިން ޝުއައިބު މަރާލާފައިވަނީ މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. އޭނާ މަރާލިކަމުގެ ތުހުމަތުވާ މަވާޒް ހައްޔަރުކޮށް ހުރީ ޝަރީއަތް ނިމެންދެން ބަންދުގައެވެ.

މަވާޒްގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

މަވާޒް ވަނީ ތަހުގީގު މަރުހަލާގައި ދައުލަތާ އެކު އިއުތިރާފު އެއްބަސްވުމެއް ހަދައިފައެވެ. އިއުތިރާފު އެއްބަސްވުމުގައިވާ ގޮތުން މަވާޒަށް ކަނޑައަޅަން ދައުލަތުން ބޭނުންވަނީ 12 އަހަރުގެ ޖަލު ހުކުމެކެވެ. އެއީ ކުށުގެ އަދަބު އެއް ދަރަޖަ ލުއިވާ ހާލަތަކާއި ދެ ދަރަޖަ މަތިވާ ހާލަތެއް އޭނާގެ އޮތުމުންނެވެ.

ކުރިމިނަލް ކޯޓުގައި މިއަދު އޮތީ މި މައްސަލައިގެ ދައުވާއަށް ޖަވާބުދާރީވުމެވެ.

މިއަދުގެ އަޑުއެހުމުގައި ރޮމުން ވާހަކަ ދައްކަމުން މަވާޒް ބުނެފައިވަނީ އޭނާ ކުށަށް އިއުތިރާފުވާ ކަމަށާއި އެދެނީ ވީހާވެސް ލުއި އަދަބެއް ދިނުމަށް ކަމަށެވެ. އަދި ކުރިއަށްދާން ބޭނުންވަނީ އިއުތިރާފު އެއްބަސްވުމާއެކުގައި ކަމަށް ބުނެ ބޭބެ މަރާލި އިރު، ކަންކަން ހިނގާދިޔަ ގޮތް އޭނާ ވަނީ ޝަރީއަތުގެ މަޖިލީހުގައި ކިޔައިދީފައެވެ.

އެގޮތުން ބޭބެ މަރާލީ، ފޯނެއްގެ މައްސަލައިގައި ހިނގި އަރާރުންވުމުގައި އޭނާގެ ޖީބުގައި އޮތް ތިން އިންޗި ބައިގެ ތިލައެއް ހުރި ކަތުރަކުން އޭނާގެ ބޭބެއަށް ހަމަލާދީ ކަމަށް މަވާޒް ބުންޏެވެ.

މަވާޒް ބުނި ގޮތުގައި ބޭބެއަށް ހަމަލާދިން ވަގުތު އޭނާ ހުރީ މަސްތުގެ ހާލުގައެވެ. އަދި ބޭބެ މަރުވިކަންވެސް އެނގުނީ ޖެހިގެން އައި ދުވަހު ކަމަށްވެސް ބުނެފައިވެއެވެ.

މަވާޒް ކުށަށް އިއުތިރާފުވުމުން ގާޒީ ވަނީ އަވަސް ނިޔާގެ އަޑުއެހުމެއްގެ ގޮތުގައި ކުރިއަށް ގެންގޮސް އޭނާގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ނިންމަވައިފައެވެ.

މި މައްސަލައިގައި ދެން އޮންނާނީ އަދަބު ކަނޑައެޅުމަށްޓަކައި އިއުތިރާފު އެއްބަސްވުން ދަމަހައްޓަން ބޭނުންތޯ ނުވަތަ ނޫންތޯ ޔަގީންކުރުމަށް ބާއްވާ އަޑުއެހުމެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް