ތާރީޚު އިލްމަކީ މާޒީގެ ޙާދިސާތައް ކުރިއަށްއޮތް ޖީލުތަކަށް ގެނެސްދިނުމުގައި އެންމެ މުހިންމު ދައުރު އަދާކުރަމުން ގެންދާ ވަސީލަތް ކަމުގައި އެއްވެސް ކިއުންތެރިއަކު ދެބަސްނުވާނެއެވެ.
ހަމަ އެއާއި އެކު ދެނެގަންނަންޖެހޭ އަނެއް ޙަގީގަތަކީ ތާރީޚުގެ ޙާދިސާތައް ގެނެސްދިނުމަކީ އިންސާނުންނާއި ގުޅިފައިވާ ކަމަކަށްވުމާއިއެކު އެ ޙާދިސާތައް ގެނެސްދީފައިވަނީ ސައްތަ އިންސައްތަ ޙަގީގަތާއި އެއްގޮތަށް ކަމަށް ނުވުމަކީ އެކަށީގެންވާ ކަމެކެވެ.
އެ ޙާދިސާތަކުގެ މަޢުލޫމާތު ގެނެސްދޭ މީހާގެ ވިސްނުމާއި ފިކުރާއި އަދި އޭނާ ޖައްސަން ބޭނުންވާ ކުލައެއް އޭގައި ޖެއްސުމުގެ ފުރުސަތު އޭނާއަށް ލިބިދޭތީއެވެ. އެހެންވީމާ ތާރީޚުގެ ޙާދިސާތައް އުނގެނެމުންދާއިރު ކިިޔުންތެރީން މިކަމަށް ސަމާލުކަން ދޭންޖެހޭނެއެވެ. ސަންދާނުގެ ކިއުންތެރިންގެ މަޢުލޫމާތަށްޓަކައި ގެނެސްދެވޭތޯ މި ބަލަނީ ފަހުގެ ތާރީޚުގައި ދުނިޔެދުށް އެންމެ ބޮޑެތި ޖައްބާރުންގެ ތެރޭގައި ހިމެނޭ ޗެންގީޒް ޚާނާބެހޭ ޚުލާސާއެކެވެ.
ތަމޫޖިންގެ ނަންދެވުނު ތުއްތު ކުއްޖަކު މޮންގޯލިއާގެ ފަރުބަދަމަތީ އަވަށެއްގައި 1162 ވަނައަހަރު އުފަންވެ ޗެންގީޒް ޚާނުގެ ގޮތުގައި ބޮޑުވަމުން ދިޔައީ މީގެ އަށެއްކަ ސަތޭކަ އަހަރުކުރިން ކަމުގައި ލިޔެވި ތާރީޚުން ބުނެދެވިފާ އެބައޮތެވެ.
އުފަންވުމުގައި އޭނާއަށް ދެވުނު ނަމަކީ ތެމޫޖިން އެވެ. އޭނާގެ ބައްޕައަކީ މޮންގޯލިއާގެ ގަބީލާއެއްގެ ސަރުދާރެކެވެ. އިދިކޮޅު ގަބީލާތަކުން އޭނާއަށް ޒަހަރު ދީގެން މަރާލުމުން ދަރިފުޅު ތެމޫޖިން ބޮޑުވަމުން އައީ ޔަތީމެއްގެ ގޮތުގައެވެ. އޭނާއަކީ ޢާންމު ދިރިއުޅުމުގައި ވަރަށް މަޑުމައިތިރި މީހުންނާއި ގުޅުންހުރި އަދި ޚާއްސަކޮށް ކުޑަކުދިންނަށް ލޯތްބާއި ކަމޭހިތުން ދެއްކި މީހެކެވެ.
އެހެންނަމަވެސް ސިޔާސީ ގޮތުން އޭނާއަށްވުރެން ނުލަފާ ޖައްބާރަކު ފަހުގެ ތާރީޚުގައި ދުނިޔެ ދެކިފައެއް ނުވެއެވެ. ޗެންގީޒް ޚާނު މަރުވެފައިވަނީ 1227 ވަނަ އަހަރު އޯގަސްޓް މަހުގެތެރޭގައި 65 އަހަރުގެ އުމުރުގައެވެ. ދުނިޔެ ދެކެފައިވާ އެންމެ ބާރުގަދަ ޑައިނާސްޓީ އުފަންކުރުވި ޖައްބާރަކީ އޭނާކަމުގައި ވެގެންދިޔައެވެ.
ޗެންގީޒް ޚާނޭ ބުނުމުން އެއީ މުސްލިމެއް ކަމުގައި ހީކުރެވިދާނެއެވެ. އެޒަމާނުގެ މޮންގޯލުންނަކީ ޓިބެޓުގެ ރައްޔިތުން ފަދައިން ބުދުދީނުގެ އުސޫލުތައް ކޮންމެވެސް ވަރަކަށް ގަބޫލުކުރި ނަމަވެސް ރަސްމީގޮތުން އެއްވެސް ދީނެއް ގަބޫލުކުރި ބައެއް ނޫންކަމަށް ވެއެވެ. އެމީހުންގެ ދީނީ އާދަކާދައެއް ގެންގުޅުނުކަމަށް ތާރީޚުން އެނގިފައިވެއެވެ.
ޗެންގީޒު ޚާނުގެ ޒަމާނުގައި މޮންގޯލުންނަނީ އެއްބައިވަންތަކަމެއް ނެތް މުޖުތަމަޢު އެކެވެ. ގަބީލާތަކުގެ މެދުގައި ޒާތީ ރުޅިވެރިކަމާއި ޙަސަދަ މޫލާފައިއޮތީ އެއްވެސް ޒަމާނެއްގައި ދުނިޔޭގެ އެއްވެސް ގައުމެއްގައި ތަޖްރިބާ ކޮށްފައި ނުވާ މިންވަރަކަށެވެ. މީހުންމެރުމާއި ފޭރުންފަދަ ބޮޑެތި ޖަރީމާތައް އެއީ ބާރުހުރި މީހުންނަށް ލިބިފައިއޮތް ހައްގެކެވެ.
ޢަދުލު އިންސާފަކީ އެމީހުން ދަންނަ އެއްޗެއް ނޫނެވެ. މިފަދަ ވެއްޓެއްގައި ބޮޑުވަމުން އައި ތެމޫޖިން އަކީ އާންމު ގޮތެއްގައި މަޑުމައިތިރި ޝަޚްސިއްޔަތެއް ނަމަވެސް އިދިކޮޅު ފަރާތްތަކުން އޭނާގެ ބައްޕައަށް ޒަހަރުދީގެން މަރާލުމުގެ ޙާދިސާ އޭނާގެ ހިތުން ފިލުވައެއް ނުލެވުނެވެ.
އަދި އޭނާއާއި ދެކޮޅުވެރިވެއްޖެ ކޮންމެ މީހަކުގެ ކިބައިން ބަދަލު ހިފުމުގެ ވިސްނުންވެސް އޭނާހިތުން ފިލުވައެއް ނުމެލެވެއެވެ. ހަމަ އެއާއިއެކު ތެމޫޖިން ބޮޑުވަމުން އަންނަމުން ދިޔަވަރަކަށް އޭނާގެ ގަބީލާތަކާއި ގައުމުގައި އޮތް ދެބަސްވުންތަކާއި ދެކޮޅުވެރިކަން ނިމުމަކަށް ގެނައުމުގެ ވަރުގަދަ އަޒުމް ދިޔައީ ހިތުގައި އަށަގަންނަމުން ބާރުގަދަ ކުރަމުންނެވެ.
އަދި އެއީ އޭނާގެ މަގްސަދު ކަމުގައި ކަނޑައަޅައި ތެމޫޖިން އަކީ ޗެންގީޒް ޚާނަށް ބަދަލު ވެއްޖެއެވެ. ކޮންމެއަކަސް ޗެންގީޒް ޚާނުގެ އަޒުމާއި އެއްގޮތަށް ގައުމުގެ ގަބީލާތައް އެކުވެރިކޮށް ގައުމަށް ހަމަޖެހުން ގެނުވައިފިއެވެ. އެއަށްފަހު އޭނާ ބޭނުންވީ ގައުމުގެ އުފެއްދުންތައް އަވަށްޓެރި ގައުމުތަކަށް އެކްސްޕޯރޓް ކުރުމާއި އެ ގައުމުތަކާއި އެކު ވިޔަފާރީގެ ގުޅުން ގާއިމް ކުރާށެވެ.
ފަހަރެއްގައިވެސް އޭނާގެ ގައުމުގެ އަސްދަނޑިން ބޭރަށް އޭނާގެ ބާރުވެރިކަން ފޯރުވުމުގެ ވިސްނުމެއް އޭރަކު ނެތެވެ. އޭނާގެ އަމާޒަކީ ސުލްޙަވެރި އަމާން ވެއްޓެއްގައި އަވަށްޓެރިންނާއި އެކު ގުޅުން ބަދަހި ކުރުމެވެ. އޭނާގެ ރައްޔިތުންގެ ފައިދާއާއި ލާބަޔަށްޓަކައެވެ.
މޮންގޯލިއާގެ ވިޔާފަރީގެ ވަފުދުގެ ފުރަތަމަ މަންޒިލަކަށްވީ މިހާރުގެ އުޒުބަކިސްތާނާއި ކަޒަކިސްތާނުގެ ރަށްތަކެވެ. ފުރަތަމަ ވަފްދު ދިޔައީ މިހާރުގެ އުޒުބަކިސްތާނުގެ ބުޚާރާއަށެވެ.

ބުޚާރާއަކީ އޭރުވެސް އަދި މިހާރުވެސް އިސްލާމީ އުންމަތުގައި ވަރަށް ޚާއްސަ މަގާމެއް ދެވިފައިވާ ރަށެކެވެ. ސަމަނިންދު ޚިލާފަތުގައި މުސްލިމުންގެ ޢިލްމީ ޚަޒާނާގެ މައިމަރުކަޒެވެ. އިމާމް ބުޚާރީ އާއި އިބްނު ސީނާގެ ރަށެވެ.
ނުނިމޭ ….
One Response
މޮންގޯލިއަންސް އަކީ ދިވެހީންނަށް މިހާރު އިންޑިޔަ ބީޖޭޕީ އާއި އޭގެ ފަނާކުރަނިވި ފިކުރު.