އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ކެންޑިޑެންސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
ރައީސް ޔާމީންގެ ކެންޑިޑެންސީ ފޯމު އިއްޔެ އީސީއަށް ހުށަހެޅުމުން އެ ކޮމިޝަނުން އިއްޔެ ހަވީރު ވަނީ ޝަރުތު ހަމަނުވާ ކަމަށް ބަލައި ކެންޑިޑެންސީ ބަލައިނުގަންނަން ނިންމައިފައެވެ.
މި މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅީ ރޭ ފަތިހުގައެވެ.
“ސްޕްރީމް ކޯޓަށް ދާދި ދެންމެއަކު ރައީސް ޔާމީނުގެ ކެންޑިޑެންސީގެ މައްސަލަ ހުށަހަޅައިފިން. މިއަދު މިކުރަނީ ސަރުކާރުގެ ނުފޫޒުން ނިގުޅައިގަތް ހައްގުތައް ކަށަވަރު ކުރުމުގެ މަސައްކަތް. ހައްގަށް ނަސްރު ލިބިގެންދާނެ.“ ރައީސް ޔާމީންގެ ވަކީލު އަދި ރަނިންގމޭޓް ރޭ ފަތިހު ކުރެއްވި ޓުުވީޓެއްގައިވެއެވެ.
ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކުނަމަ އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކު ކަމުގައިވާން ޖެހޭއިރު, ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ކެންޑިޑެންސީ ބަލައިނުގަންނަން އީސީން ނިންމީ މި ސަބަބަށް ރިއާޔަތްކޮށެވެ.
ޔާމީންގެ ކެންޑިޑެންސީ ބަލައިނުގަތް މައްސަލަ ސްޕްރީމް ކޯޓުން މިހާރު ވަނީ ބަލައިގެންފައެވެ.