ރާއްޖެ އެތެރެކުރަން އުޅުނު 3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން މިއަދު ބުނީ މިތަކެތި އަތުލައިގަތީ މި މަހުގެ ހަތްވަނަ ދުވަހު ކުރިއަރ މެދުވެރިކޮށް އިނގިރޭސިވިލާތުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއްގެތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އެތަކެތި އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައެވެ. މިގޮތުން އެ ޕެކޭޖްތެރޭގައި އޮތް ދެ ޕެކެޓެއްގެ ތެރެއިން ފެނުނު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ މެފެޑްރޯންއަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
އެ ތަކެތީގެ ބަރުދަނުގައި 2020 ގްރާމް ހުރި ކަމަށާއި އެ ތަކެތީގެ މަގުމަތީ އަގު 3.6 މިލިއަން ރުފިޔާއަށް އަރާނެކަމަށް ވެސް ކަސްޓްސްއިން ވަނީ ބުނެފައެވެ.
ކަސްޓަމްސްއިން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި އަތުލައިގަނެވުނު ޑްރަގްސް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.