ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ފޯމު ފުރުމާގުޅޭ ކަންކަން ކުރަމުންދާ ކަމަށް އެ ކޯލިޝަނުން މިއަދު ބުނެފިއެވެ.
ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވައިލާފައިވަނީ މާދަމާ ހެނދުނު 09:00 އިން އޮގަސްޓު 7 ވަނަ ދުވަހުގެ 14:00 އަށެވެ.
ރައީސް ޔާމީންގެ ކެންޑިޑެންސީ ފޯމު މާދަމާ އިލެކްޝަންސް ކޮމިޝަންސްއަށް ހުށަހަޅާނެތޯ މީޑިއާތަކުން ސުވާލު ކުރުމުން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައީސް ޔާމީންގެ ކެންޑިޑެންސީ ފޯމު ފުރުމާއި އެއާ ގުޅިގެން ކުރަންޖެހޭ ކަންކަން މިހާރު ކުރަމުންދާ ކަމަށެވެ. ހުށަހަޅާ ތާރީޚު ފަހުން އަންގާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ގާނޫނުއަސާސީގެ 109 ވަނަ މާއްދާއާއި ރިޔާސީ އިންތިޚާބުގެ ގާނޫނުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި, ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކުނަމަ, އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މާފުކުރެވުނުތާ 3 އަހަރު ވެފައިވާ މީހަކު ކަމުގައިވުން ހިމެނެއެވެ.
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު ބައެއް އަޑުއެހުންތައް ވެސް މިހާރު ވަނީ ބާއްވައިފައެވެ. ނަމަވެސް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ފަނޑިޔާރަކު ޗުއްޓީގައި ހުންނެވުމުން ދެން އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވޭނެ ތާރީޚެއް ނޭނގެއެވެ.
ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލު ނުކުރާހައި ހިނދަކު އެމަނިކުފާނުގެ ކެންޑިޑެންސީ ފޯމު ބަލައިނުގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ވަނީ ވިދާޅުވެފައެވެ.
ދެން އޮތީ ސްޕްރީމް ކޯޓުން މިކަމަށް ގޮތެއް ނިންމުމެވެ. އީސީއިން ރައީސް ޔާމީންގެ ކެންޑިޑެންސީ ބަލައިނުގެންފިނަމަ ސްޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް ވެސް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.