ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ސެޕްޓެންބަރު 9 ވާ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މާދަމާ ހެނދުނު 9:00 އިން ފެށިގެން އޮގަސްޓު 7 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމަޔަށެވެ.
ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަންޖެހޭނީ އިންތިޚާބާބެހޭ މަރުކަޒު (ދަރުބާރުގެ) އަށެވެ.
އިލެކްޝަންސް ކޮމިޝަނުން އެ ތަކެތި ބަލައިގަންނާނީ މާދަމާއިން ފެށިގެން އޮގަސްޓު 7 ވާ ހޯމަ ދުވަހުގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށެވެ. ހުކުރު ދުވަހުގައި ފޯމު ބަލައިގަންނާނީ މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށެވެ.
އިދާރީ ފީގެ ގޮތުގައި ދައްކަންޖެހޭ އެއްލައްކަ ރުފިޔާ ދައްކަންޖެހޭނީ ބަނޑޭރި ޕޯޓަލް ލިންކު މެދުވެރިކޮށެވެ.
ރިޔާސީ އިންތިޚާބަށް ސިޔާސީ ޕާޓީއެއްގެ ފަރާތުން ފިޔަވައި އަމިއްލަ ގޮތުން ކުރިމަތިލާ މީހެއްނަމަ މަދުވެގެން 1500 މީހުން އެމީހަކަށް ތާއީދުކުރާކަން އަންގައިދިނުމުގެ ގޮތުން އެމީހުންގެ ފުރިހަމަ ނަމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި ދާއިމީ އެޑްރެހާއި ސޮއި ހިމެނޭ ލިޔުން ހުށަހަޅަންޖެހޭނެއެވެ.