“މިހާތަނަށް މިވަރުގެ މެންބަރުން ގިނަ ކޯލިޝަނެއް ރާއްޖޭގެ ތާރީޚުގައި ހެދިފައެއް ނެތް. އަޅުގަނޑުމެންގެ އަމާޒަކީ އެ ދުވަހު [ސެޕްޓެމްބަރު 09 ގައި] ވޯޓުލާއިރުގައި 100,000 ވޯޓުން ފެށުން.“ ދާދިފަހުން ކ.ގުރައިދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުޚާޠަބު ކުރައްވައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވެއެވެ.
ރައީސް މި ހިސާބު ޖައްސަވަނީ އެމްޑީޕީއާއި އެ ޕާޓީއާއެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީ (އޭޕީ) އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ދަފުތަރުގައި މިހާރު މެންބަރުން ތިބި އަދަދުތަކުގެ މައްޗަށް ބިނާކުރައްވައެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފައިވާ މައުލޫމާތުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ޖޫންމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އެމްޑީޕީގައި ތިބީ 58,035 މެންބަރުންނެވެ. އެމްޑީއޭގައި 10,227 މެންބަރުން ތިބިއިރު, އަދާލަތުގައި ތިބީ
9,595 މެންބަރުންނެވެ. މި އަދަދުތައް އެއްކޮށްލުމުން 77,857 އަށް އަރައެވެ.
100,000 “ހަމަކޮށްލަން ދެން އޮތީ ކުޑަކުޑަ ތަންކޮޅެއް“ ކަމަށް ރައީސް އެ ވިދާޅުވަނީ ކުރިއަށް މި އޮތް ކުޑަ ދުވަސްކޮޅުގައި ކޯލިޝަނާ އިތުރު މެންބަރުން ގުޅޭނެ ކަމަށް ބައްލަވައިފައެވެ.
ނަމަވެސް ރައީސްގެ މި ހިސާބަކީ ތާކުންތާކުނުޖެހޭ ހިސާބެކެވެ. މިހެން ދަންނަވަންޖެހޭ ބައެއް ސަބަބުތައް ވެސް އެބަހުއްޓެވެ.
ވެރިކަން ލިބުނު ގޮތާއި, އެމްޑީޕީ ދެބައިވުމާއި, ރިޔާސީ ޕްރައިމަރީ:
މީގެ ފަސް އަހަރު ކުރިއަށް ބަލާއިރު, ރައީސް ޞާލިޙަކީ އާންމު ރައްޔިތުންގެ މެދުގައި މަގުބޫލު ބޭފުޅެއް ނޫނެވެ. ރައީސް ޞާލިޙަކީ ކޮން ބޭފުޅެއްކަން ގިނަ ބަޔަކަށް އެނގުނީ “ތަބަކަކަށްލާފައި“ އެމަނިކުފާނަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު އެރުވި ހިސާބުންނެވެ. 134,705 ވޯޓާއެކު ވެރިކަން ލިބިވަޑައިގަތީ އެމްޑީޕީގެ މެންބަރުން ރައީސް ނަޝީދަށް ކުރެއްވި ތާއީދުގެ ސަބަބުންނާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އެހީގައެވެ.
މިއަދު ފެންނާން އޮތީ އޭރު އޮތް އެމްޑީޕީއެއް ނޫނެވެ. އެމްޑީޕީ އޭގެ މައްޗަށް އުފެދުނު އަސާސްތަކެއް ނެތެވެ. އޭރު އެންމެ ގަދަޔަށް ތިއްބެވި ގިނަ ބޭފުޅުން މިއަދު އެ ޕާޓީއަކު ނެތެވެ. ރައީސް ނަޝީދެއް ވެސް ނެތެވެ. ހަމަގައިމު ވެސް މިއީ ރައީސް ޞާލިޙަށް ބޮޑު ގޮންޖެހުމަކަށްވާނެއެވެ.
ކަންމިހެން ހުރިއިރު ރައީސް ނަޝީދާ ވާދަކުރައްވައި ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވުމަކީ އަދި މާ ބޮޑު މޮޅެއް ނޫންކަން އެ އިންތިޚާބުގެ ނަތީޖާއަށް ބަލައިލުމުން އެނގެއެވެ.
ރިޔާސީ ޕްރައިމަރީގައި ވޯޓު ދިނުމުގެ ހައްގު ލިބުނު މެންބަރުންގެ އަދަދު: 57,255
ވޯޓު ލީ މެންބަރުންގެ އަދަދު: 40,878 (%71.41)
ރައީސް ޞާލިޙަށް: 24,566 (%61.10)
ރައީސް ނަޝީދަށް: 15,641 (%39.90)
ބާޠިލް ވޯޓު: 680
މި ނަތީޖާއަށް ބެލި ނަމަވެސް ރައީސްގެ ހިސާބު ނުބައިކަން އެނގެއެވެ.
ދަފުތަރުގައި ނަން އޮންނަހައި މީހަކު އަދި ވޯޓެއް ނުދޭނެ:
ރާއްޖޭގެ ސިޔާސީ ޕާޓީތަކުގައި ހިމެނޭ މީހުންގެ ތެެރޭގައި އެއް ޕާޓީން އަނެއް ޕާޓީއަށް ބަދަލުވެ ބަދަލުވެ ތިބޭ މީހުން މަދެއް ނޫނެވެ. އާންމު ގޮތެއްގައި މި ގޮތަށް މީހުން އެއް ޕާޓީން އަނެއް ޕާޓީއަށް ބަދަލުވަނީ ކޮންމެވެސް އިންތިޚާބަކާ ދިމާކޮށެވެ. އަބަދުވެސް ރޯލުވަމުން މި އަންނަނީ ހަމަ އެއްބައެކެވެ.
އޭގެތެރޭގައި ސަތޭކަ އެއްހައި ރުފިޔާ ދިނީމާ ޕާޓީއަށް ވަންނަ މީހުންނާއި އާއިލާ މީހަކަށް ވަޒީފާއެއް ދިނީމާ ޕާޓީއަށް ވަންނަ މީހުންނާއި ނޫނީ އެ މީހަކު ނުވަތަ އެ ބަޔަކު ބޭނުންވާކަމެއް ކޮށްދިނީމައި ވަންނަ މީހުން ވެސް ހިމެނެއެވެ. އެއީ ވަގުތީ ބޭނުމަކަށް ސޮއި ދޭ މީސްމީހުންނެވެ. ޕާޓީތަކުގައި އިޚުލާސްތެރިކަމާއެކު ސާބިތުވެ ތިބެނީ އަބަދުވެސް މަދު ބައެކެވެ. އެ އަދަދަކީ ޕާޓީގެ އަސްލު އަދަދުކަމަށް ބެލިދާނެއެވެ.
ޕާޓީތަކަށް ވަގަށް މީހުން ވައްދާ މައްސަލައަކީ ވެސް މި މައުޟޫއުގައި ފާހަގަކޮށްލަންޖެހޭ ނުކުތާއެކެވެ. އެ މައްސަލަ ނުހަނު ބޮޑުވެފައިވާތީ ޕާޓީތަކުން ވެސް އީސީގައި ޝަކުވާކޮށްފައިވެއެވެ.
ޕާޓީތަކުން މީހުން “ވަގަށް ނަގާކަމުގެ“ އެއް ހެއްކަކީ އަޅުގަނޑަކީ ވެސް ސަރުކާރުން މިހާރު ހަދައިގެން އުޅޭ ކޯލިޝަނުގެ ޕާޓީއަކަށް ވަގަށް ވައްދާފައިވާ މީހަކަށްވުމެވެ. އޭގެތެރޭގައި އާއިލާގެ މެންބަރުން ވެސް ހިމެނެއެވެ. ހަމަގައިމު ވެސް އަޅުގަނޑުމެން ސޮޔެއް ނުދެމެވެ. އިނގިލީގެ ނިޝާނެއް ވެސް ނުދެމުއެވެ. ވީިއިރު މި ގޮތަށް ވަގަށް ވައްދާފައިވާ މިފަދަ ކިތަންމެ ކިތަންމެ މީހަކު އުޅޭނެކަމަށް ބެލެވެއެވެ.
ދެން އޮތީ, އެ ޕާޓީއަށް ނުވަތަ އެ ޕާޓީން ދައްކާ ކެންޑިޑޭޓަކަށް އަޅުގަނޑު ނުވަތަ އަޅުގަނޑުފަދަ އެހެން މީހުން ވޯޓު ދޭނެތޯ މި ސުވާލެވެ.
ނޫނެކެވެ. ސިޔާސީ ޕާޓީއެއްގެ ދަފުތަރުގައި ނަން އޮންނަހައި މީހަކު އަދި އެ ޕާޓީއަކަށް ނުވަތަ އެ ޕާޓީން ދައްކާ ކެންޑިޑޭޓަކަށް ވޯޓެއް ނުދޭނެއެވެ.
މި ނަޒަރުން ބަލާއިރު ވެސް ރައީސްގެ ހިސާބު މުޅީން ރޯނުބަޔެވެ.
One Response
އިއްޒަތްތެރި ސިޔާމް އާއި އިއްޒަތްތެރި ޖާބިރުގެ އެނހީގައި އަދާލަތުގެ 3 ޝެއިޚުން އާމީން އާއިއެކު ސޯލހް އެވަނީ 2023 އަށް ހޮވިފާކަމަށް ބުނެފިއެވެ. އެހެންކަމަށްވާނަމަ ދެން ގައުމާދޭތެރޭ އަދި އަދާލަތު އެގޮވާ ހޭރޭ އިސްލާމްދީނުގެ ވާހަކަ ދެން ރާއްޖޭގައި ނުދައްކަމާހެއްޔެވެ. ސޯލިޙްގެ މިފަހަރު އެނެގި ކޯލިޝަންގެ މީހުންގެ ޙާލަތު ނުދަންނަ ދިވެހީން މަދެވެ. ޖާބިރުއެބުނާ ޑޮލަރުން ތަޅާލައިގެން ސޯލިޙް ހޮވާހިސާބަށް ދިޔައިމާ ގައުން ކަރަޕްޝަނާއި ފަސާދަ ނިމިދިޔައިނޫންތޯއެވެ. އަދާލަތަށް ވަރަށް ސާބަސްފުޅެވެ. ތި ތިއްބެވީ ރަސާލާ ދެއްކެވި އަދި ޢަމަލު ކުރެއްވި ދެތުގޮތުގާތޯއެވެ. ހަމަ ގައިމުވެސް އެހެން އެބަ ގޮވާނަގައެވެ.