ޕީޕީއެމްގެ ސަރުކާރެއްގައި ވ.ފޮއްތެޔޮ ފަޅު އަނބުރާ ހޯދައިދޭނެ ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ.
ރިޔާސީ ކެމްޕޭނަށް ވ.އަތޮޅަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ދެން ހިންގާ ފަތުރުވެރިކަމުގެ އެންމެ ބޮޑު މަޝްރޫއު އެ އަތޮޅުގައި ހިންގާނެކަން އިއުލާނު ކުރައްވައިފައެވެ.
އެއީ ވ.އަތޮޅުގެ އިރުމަތީގައި އޮންނަ ފޮއްތެޔޮ ފަޅުން 400 ހެކްޓަރު ހިއްކައި ރިސޯޓެއް ތަރައްގީކުރުމެވެ. ނަމަވެސް މި ފަޅު ހިއްކައިގެން މަޝްރޫއު ހިންގުމާމެދު ވ.އަތޮޅު ކައުންސިލުން ހިތްހަމައެއް ނުޖެހެއެވެ.
އިދިކޮޅު ކޯލިޝަނުް ބުނީ ރާއްޖޭގެ އެންމެ ބޮޑު އަދި ދުނިޔޭގެ 3 ވަނައަށް އެންމެ ބޮޑު ފަޅުކަމަށްވާ ވ.ފޮއްތެޔޮ ފަޅު ބޮޑު ޖަރީމާއެއްގެ ތެރެއިން ގާނޫނާއި ޚިލާފަށް ނުއަގުގައި ސަރުކާރުން ވިއްކާލަން ނިންމާފައިވާ ކަމުގެ މައުލޫމާތު ކޯލިޝަނަށް ލިބިފައިވާ ކަމަށެވެ. މިއީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެމްޕެއިނަށް ފައިސާ ހޯދުމުގެ ބޭނުމުގައި ކުރާ ކަމެއް ކަމަށް އެ ކޯލިޝަނުން ބުންޏެވެ.
“އިބްރާހީމް މުހައްމަދު ޞާލިޙުގެ ސަރުކާރު ނިމެން މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް ރާއްޖޭގެ އަގުހުރި ދިވެހީންގެ މުދާ ވަކި ބަޔަކަށް މަންފާ ލިބޭ ގޮތަށް ނުއަގުގައި ވިއްކާ ހުސްކުރުމަކީ މި ކޯލިޝަން ވެސް އަދި ދިވެހި ރައްޔިތުން ވެސް އެއްގޮތަކަށްވެސް ބަލައިގަންނާނޭ ކަމެއް ނޫން. ގާނޫނާ ޚިލާފު ކޮރަޕްޝަންގެ ބޮޑު މި އަމަލު މިހާރުން މިހާރަށް ހުއްޓާލުމަށް ސަރުކާރަށް ގޮވާލަން.“
މި މައްސަލަ އަވަސް މައްސަލައެއް ގޮތުގައި ބަލައި ފިޔަވަޅު އެޅުމަށް އެންޓިކޮރަޕްޝަން ކޮމިޝަނަށް އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލައިފައެވެ.
“މިފަދަ ކޮރަޕްޝަންގެ ޖަރީމާތަކާއި ނުއަގުގައި ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ހެދޭ އެއްބަސްވުންތައް ބާޠިލުކޮށް އެފަދަ ތަންތަން ދޫކޮށްފައިވާ ފަރާތްތަކުގެ އަތުން އެތަންތަން ޕީޕީއެމްގެ ވެރިކަމެއްގައި އަތުލާނެ.“
އެހެންކަމުން ކުންފުނި ތަކުންވެސް ގާނޫނާއި ޚިލާފަށް ނުއަގުގައި ދޫކުރެވޭ ތަންތަނާ ހަވާލުވުމުގެ ބަދަލުގައި އެފަދަ އެއްބަސްވުންތަކާއި ދުރުވުމަށް ކޯލިޝަނުން ވަނީ ގޮވައިލާފައެވެ. އަދި މިފަދަ މުއަމަލާތްތަކުގައި ބައިވެރިވާ ސަރުކާރުގެ އެކިއެކި ފަރާތްތަކާއި ގާނޫނު އަރާ ހަމަކުރާނެ ކަމަށް ވެސް ބުންޏެވެ.
2 Responses
މޮޅު ބައިސާ ކަނޑަން އެތިބެނީ އަތޮޅުތެރަށް ކެމްޕޭނަށް ލީޑަރުން ނުގޮސް ޚަރަދެއްނުކޮށް. ޔާމީނު ދެކެލޯބިން ވޯޓް ލިބި މޮޅުވާނެކަމަށް. ނުވެސް އެނގެނީކަން ނޭގެ ކެމްޕޭނެއް ޖައްސަން. ދެން ބަލިވީމާ ކޮންމެވެސް މީހެއްގެ ބޮލަށް ކަނޑާލާނީ. ހަމަ ނަޝީދުވަރެއް ނެތް ކެމްޕޭނެއް ޖައްސާކަށް. މިހާރު ހުރިހާ އަތޮޅަކަށް އެ ދާންވެށީއެވެ. އަދި އެގޮތަށް ދިއުމުން ނަތީޖާ ނެރެވޭނެއެވެ. އެހެނީ މާލޭ އޮފީހަކާ ގުޅުމެއްނެތް އަދި ލީޑަރަކާ ގުޅުމެއް ނެތް ޕާޓީއަކުން އަތޮޅުތެރޭގެ ވޯޓް ހޯދާނީ ކިހިނެއްހެއްޔެވެ. އެންމެން ޔާމީނުދެކެ ލޯބިވާކަން ދައްކައި ޔާމީނަށް ކުރިމަތި ނުލެވޭހިނދަކު ޔާމީނުގެ ޔޭސް ބަސް ހޯދައިގެން ޕީޕީއެމް ޓިކެޓް ހޯދަންވެގެން އުޅެނީއެވެ. އެއީ ޔާމީނު ދެކެލޯބިންނަކުން ނޫނެވެ. ވެރިކަމާއިހެދި ބޫތުކައިގެނެވެ.
އެކަހަލަ ބޮޑެތިވާހަކަ އަބަދުވެސް ދައްކާނެއެވެ. މިހާރު ވިއްކާލި ކަނޑުގެވޭހަކަ ކޮބޭހެއްޔެވެ. މިހާރު ޗާގޯސް ވީތަނެއް އެނގޭހެއްޔެވެ. ހަމަ އަޖައިބެކެވެ. ކޮންމެބަޔަކުވެސް ރައްޔަތުން ބޮލަށް ޗިޕްޖަހަން މޮޅު ވާހަކަ ދައްކަނީއެވެ. ރައްޔަތުންނަށް 2005 އަކަށްވުރެވެސް ވީ ތަދެވެ. ދިރިއުޅުން ވީ ދައްޗެވެ.