ރިޔާސީ އިންތިޚާބު 2023: ރީ ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފި

Loading

Facebook
Twitter
WhatsApp

ރިޔާސީ އިންތިޚާބު 2023 ގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މި ފުރުސަތު ހުޅުވާލައިފައިވަނީ މިއަދުން ފެށިގެން އޮގަސްޓު 5 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.

ރީ ރަޖިސްޓަރީ ކުރުން ކުރިޔަށްދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 15:00 އަށެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 15:00 އަށެވެ. ހުކުރު ދުވަހު މެންދުރުފަހު 15:00 އިން ހަވީރު 17:00 އަށެވެ. އޮގަސްޓް 5 ވާ ހޮނިހިރު ދުވަހު މެންދުރުފަހު 16:00 ނިޔަލަށެވެ.

އީސީއިން ބުނީ މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ރަޖިސްޓަރީ ވެފައިވާ ރަށް ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތައް އެކަނި ކަމަށެވެ. 

”ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020“ ގައި މާލޭގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް ރިޔާސީ އިންތިޚާބު 2023 ގައި ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާނީ މާލެގައެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މައުލޫމާތު ކޮމިޝަނުގެ ވެބްސައިޓުގެ ޒަރިއްޔާއިން ޗެކްކުރެވޭނެއެވެ. މީގެއިތުރުން (VR space ID.No Send to 1414) އެސްއެމްއެސް ކޮށްގެން ވެސް ޗެކްކުރެވޭނެއެވެ.

ރީ ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ އިލެކްޝަންސް ކޮމިޝަންގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ނުވަތަ މާލޭ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިންނެވެ. މާލޭގައިނަމަ އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އިންނެވެ.

ރީ ރަޖިސްޓަރީވުމަށް އެދޭ ފޯމު އީސީގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެއެވެ.

ރީ ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅާއިރު ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ކޮޕީއެއް ހުށަހަޅަންވާނެ ކަމަށް އީސީން ބުންޏެވެ. މި މުއްދަތުގެ ތެރޭގައި ރީ ރަޖިސްޓަރީ ވުމަށް އޮންލައިންކޮށް ފޯމު ހުށަހެޅޭނީ މި މަހުގެ 31 ގެ ނިޔަލަށެވެ. 

ފޯމު ހުށަހަޅާއިރު ރީ ރަޖިސްޓްރޭޝަން ޕޯޓަލްގެ ފޯމުގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރަންޖެހޭނެއެވެ. 

އީސީން ބުނީ އީމެއިލް އިން ސީދާ އެ ކޮމިޝަނަށް ފޮނުވާ ފޯމު ބަލައެއްނުގަނެވޭނެ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް