ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކުރީގެ ޓޫރިޒަމް މިނިސްޓަރުގެ މަގާމު ފުރުއްވި ޢަލީ ވަޙީދުގެ މައްޗަށް އުފުލި ޖިންސީ ކުށުގެ ދައުވާތައް ކުރިއަށް ނުގެންދަން ނިންމުމުން މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
ދެ އަހަރެއްހައި ދުވަހު އިނގިރޭސިވިލާތުގައި ހުންނެވުމަށްފަހު ޢަލީ ވަޙީދު ރާއްޖެ ވަޑައިގެންނެވީ މިއަދު 1:30 ހާއިރުއެވެ.
ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވިއިރު އެ ތަނުގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި 18 ނޮވެމްބަރު 2020 ގައި ދައުލަތުން ޢަލީ ވަޙީދުގެ މައްޗަށް 7 ދައުވާއެއް އުފުލިއެވެ.
އެއީ ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާއާއި ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާއާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާއާއި ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާއާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާއާއި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެވެ.
މި މައްސަލާގައި އަނިޔާ ލިބުނު މީހުންނާއި ހެކިން އެ އޮފީހަށާއި ދިވެހި ފުލުހުންގެ ޚިދުމަތަށް ފޮނުވަމުންދިޔަ ސިޓީތަކާ ގުޅިގެން އެ މީހުންނާ ބައްދަލުކޮށް, މައްސަލަ ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ދެކޭ ގޮތް ސާފުކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. އަދި އެ މީހުންގެ ހެކިބަހާ ނުލައި މައްސަލަ ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތްތޯ ބަލައި ދިރާސާކުރިއިރު މައްސަލައިގެ މައިގަނޑު ހެއްކަކީ އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ހެކިބަސްކަމަށްވެފައި އެ ހެކިންގެ ހެކިބަހާ ނުލައި މައްސަލަ ސާބިތު ކުރެވިދާނެ އެއްވެސް މަގެއްނެތް ކަމަށާއި އެހެންވެ ދައުވާތައް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށެވެ.