އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި 20 އަހަރުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ދީފިއެވެ.
މިކަމާ ގުޅޭ ގޮތުން ކަރެކްޝަންގެ ބަހެއް އަދި ނުލިބެއެވެ.
ނަމަވެސް އަދީބުގެ އާއިލާގެ މެމްބަރަކު ވަނީ ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ އަދީބަށް ލިބިވަޑައިގެންފައިވާކަން ކަށަވަރުކޮށްދެއްވައިފައެވެ.
ދާދިފަހުން އަދީބަށް ވަނީ އައިޖީއެމްއެޗުގެ އެމެޖެންސީގައި ފަރުވާދީފައެވެ.
މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސްއިން ބުނާ ގޮތުގައި އަދީބު ގެންދަވަނީ ފުރާނައަށް ނުރައްކާވާފަދަ ނާރުގެ ބައްޔަކަށް ފަރުވާ ހޯއްދަވަމުންނެވެ. އަދީބަށް މިހެން ދިމާވީ ޖަލުގައި ހުންނެވި ދުވަސްވަރު ކަމަށް ވެސް އެ ޕާޓީން ބުނެފައިވެއެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި 20 އަހަރުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ އަދީބު ގޭ ބަންދަށް ބަދަލުކުރީ މެޝިނެއްގެ އެހީގައި ނިދިކުރައްވަންޖެހޭތީކަމަށް ހޯމް މިނިސްޓަރު ޝައިޚު އިމްރާން މީގެކުރިން ވިދާޅުވެފައިވެއެވެ. އޭގެފަހުން އަދީބު ދިރިއުޅުއްވަމުން ގެންދަވަނީ ހުޅުމާލޭގައެވެ.