މުރުތައްދު ވެފައިވާ އިރާގުގެ ސަލްވާނު މޮމީކާ ސްވިޑްންގެ މިސްކިތެއްގެ ބޭރުގައި ހުރެ މިދިޔަ އަޟްހާ އީދު ދުވަހު ކީރިތި ގުރުއާން ވީދާލުމަށްފަހު އެ މާތް ފޮތުގެ ގަނޑުތަކުން އޭނާގެ ފައިފޮހެ އަދި އެއަށްފަހު އަންދާލުމާ ގުޅިގެން މުޅިއިސްލާމީ އުންމަތުގެ ނުރުހުމާއި ނަފްރަތު ސްވިޑްއަށް އަމާޒުވެފައިވާ މި ދަނޑިވަޅުގައި ނަސޯރާދީނުގެ އެންމެ އިސްފާދިރީވެސް އެކަމަށް ނަފްރަތު ކުރައްވައި ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
އެއްވެސް ދީނެއްގެ ބަޔަކު މުގައްދަސް ފޮތެއްކަމަށް ކަމަށް ދެކޭނަމަ އެ ފޮތަކަށާއި އަދި އެބަޔަކަށް އިޙުތިރާމް ކުރަންޖެހޭނެ ކަމަށާއި ކީރިތި ގުރުއާނުގެ ހުރުމަތް ކަނޑާލުމަކީ އަހަރެން ބަލާގަންނާނެ ކަމެއްނޫންކަމަށް އިސް ފާދިރީ ޕޯޕް ފްރާންސިސް، އެމިރޭޓްސްގެ އަލް އިއްތިޙާދަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވިއެވެ.
ދުލުގެ މިނިވަންކަމަކީ އެމީހަކު ހިތަށް އެރިހާ ވާހަކައެއް ދެއްކުމާއި ހިތަށް އެރިހާ ކަމެއް އެމީހަކު ބޭނުން ގޮތަކަށް ފާޅުކޮށް އެގޮތަށްއަމަލުކުރުމުގެ ފުރުސަތު ދިނުމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.މުރުތައްދު މޮމީކާ އާއި އޭނާއަށް ތާއީދުކުރާ ބަޔަކު އޭނާ އެކުރީ މޮޅުކަމެކޭ ބުނެ ޑިމޮކްރެސީގެ ނަމުގައި ހިތްވަރު ދެމުން ގެންދިޔަނަމަވެސް އެއީ ޑިމޮކްރެސީގައި ވެސް ހުއްދަ ނުކުރެވޭނެ ނުރައްކަލެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ގާތްގަނޑަކަށް 200 ވަރަކަށް މީހުން ސްވިޑްންގެ ސްޓޯކްހޯމްގައި ކީރިތި ގުރުއާން އަންދާލި މަންޒަރު ފެނި އެކަމާދެކޮޅަށް ތަކްބީރު ކިޔަމުން މުޒާހަރާ ކުރަމުން ގެންދިޔައެވެ. އެމުޒާހަރާގެ ތެރެއިން ގާއުކަން އުޅުނު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނެވެ. އެ މުޒާހަރާގެ ސަބަބުން ސްވިޑްން އަށް ނޭޓޯގެ މެމްބަރުކަން ދިނުމަށް ތުރުކީން ދެކޮޅުހެދުން އިތުރުވެގެން ދާނެއެވެ.
ސްވިޑްންގެ ފުލުހުން އެ މުޒާހަރާ އެހެން ދިމާލަކަށް ބަދަލުކުރުމުގެ ބަދަލުގައި މުޒާހަރާ ކުރިއަށް ގެންދިމުގެ ހުއްދަ ދިނުމުން މިސްކިތުގެ އިމާމް މަޙުމޫދު ޚަލްފީ އާއި މިސްކިތުގެ އިސްބޭފުޅުން ނުރުހުން ފާޅު ކުރަމުންގެން ދިޔައެވެ.
މާޒީގެ ތެރޭގައި މިފަދަ މުޒާހަރާތައް ސްވިޑްންގައި ހިނގާފައިވީ ނަމަވެސް ކީރިތި ގުރުއާން އަންދާލުމާއި ގުޅިގެން ކުރެވެމުންދިޔަ މުޒާހަރާތައް ފުލުހުން ހުއްޓުވާލިއެވެ.
އެހެންނަމަވެސް ސްވިޑްންގެ ކޯޓުން ބުނެފައިވަނީ ދުލުގެ މިނިވަންކަން ހިފޭއްޓުމަކީ ގާނޫނާ ޚިލާފަށް ފުލުހުން ކުރަމުންގެންދާ ކަމެއް ކަމަށެވެ.
މިކަމާ ގުޅިގެން ސްވިޑްންގެ ބޮޑުވަޒީރު އުލްފުކްރިސްޓާސަން ވިދާޅުވެފައިވަނީ އެ މުޒާހަރާއަކީ ގާނޫނު ހުއްދަކުރާ މުޒާހަރާއެއް ކަމަށާއި އެކަމަކު އެއީ ކޮށްގެންވާނެ މުޒާހަރާއެއް ނޫންކަމަށެވެ.
މުސްތަގްބަލްގައި މިބާވަތުގެ ޙާދިސާއެއް ހިނގުން ހުއްޓުވުމަށްޓަކައި ބައިނަލް އަގްވާމީ ގާނޫނެއް ވުޖޫދު ކުރުމުގެ މަސައްކަތް އަވަހަށް ފަށާގަތުމަށް މިދިޔަ އާދީއްތަދުވަހު އިސްލާމީ އުންމަތުގެ 57 ގައުމުން ވަނީ އެއްބަސްވެފައެވެ.