ޕީޕީއެމް/ޕީއެންސީން ދަ ޑިމޮކްރެޓްސްއާއެކު ކުރަމުންދާ ސިޔާސީ މަސައްކަތްތަކަށް ގްރާސްރޫޓްގެ ފުރިހަމަ ތާއީދު އެބައޮތް ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް/ޕީއެންސީން ދަ ޑިމޮކްރެޓްސްއާއެކު ބައްދަލުވުންތައް ބާއްވަމުންދަނީ އެ ކޯލިޝަންގެ ސެނެޓަރުންގެ ޚިޔާލާއެކު ނޫންކަމުގެ އަޑުވަނީ ގަދަވެފައެވެ.
ޑިމޮކްރެޓްސްއާއެކު މިއަދު ބޭއްވި ތިންވަނަ ބައްދަލުވުމަށްފަހު ޝުޖާއު ވިދާޅުވީ ޕީޕީއެމްއަކީ ކޯލިޝަނަކީ ވަރަށް ބޮޑަށް ޚިޔާލު ފާޅުކުރެވޭ ގޮތަށް އޮތް ޕާޓީއެއް ކަމަށާއި ޕީޕީއެމް/ޕީއެންސީގެ ޖޮއިން ސެނެޓް އޮންނާނީ ކޮންމެ ބޭފުޅަކަށް ވެސް ޚިޔާލު ފާޅުކުރެވޭ ގޮތަށް ކަމަށެވެ.
ޝުޖާއު ވިދާޅުވީ ޑިމޮކްރެޓްސްއާއެކީ މަޝްވަރާ ކުރަމުންދަނީ ސީދާ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ އިންސްޓްރަކްޝަނާއެކީ ކަމަށެވެ. އަދި ރައީސް ޔާމީނަކީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަމަށާއި ޕަާޓީގެ ސެނެޓާއި ޕާޓީގެ ލީޑާޝިޕާ ޕާޓީގެ ހުރިހާ ގުނަވަންތަކުން ކުރާނީ ރައީސް ޔާމީން އެދިވަޑައިގަންނަވާ ކަންކަން ކަމަށާއި އެކަމަކާ އެއްވެސް ސެނެޓަރަކު ދެކޮޅެއް ނުހައްދަވާނެ ކަމަށެވެ.
“މި ބައްދަލުވުންތަކަށް އަންނަ ޕީޕީއެމް/ޕީއެންސީ މީހުން އަތުގަ އޮންނާނެ ރައީސް ޔާމީން ދެއްވާ ނޯޓް.
އެ ނޯޓުގަ އޮންނާނެ ވާހަކަ ދައްކަވަންޖެހޭ ކަންކަމާއި ވާހަކަ ނުދެކެވޭނެ ކަންކަން.“ މި ހިނގާ ބައްދަލުވުންތަކާ ގުޅިގެން އަތޮޅުތެރޭގަ އެއްވެސް ސަޕޯޓަރެއްގެ ޝަކުވާއެއް ނެތް ކަން ފާހަގަކުރައްވައި ޝުޖާއު ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ ގްރާސްރޫޓްގެ ފުރިހަމަ ތާއީދު އެބައޮތޭ އަޅުގަނޑުމެން ކުރާ ސިޔާސީ މަސައްކަތަށް.“
ޝުޖާއު އިތުރަށް ވިދާޅުވީ ޑިމޮކްރެޓްސްއާއެކު އެއްބަސްވެވެނީ އެއްކަމަކަށް ކަމަށާއި އެއީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެރިކަމުން ބާލަންޖެހޭ ކަން ކަމުގައެވެ.
2 Responses
ކަނޑައެޅިގެން ދޮގު. މީނާ މިއީ ރީކޯމޫސަ ސްޓައިލް. އަޑުގަދަ މީހާ ރުށް ގިނަވާނެޔޯ! މިހާރަކު ނުވާނެއެވެ.
ޑެމޮކްރެޓިކްސް ތިޔައީ އިންޑިޔާގެ އިންވެސްޓްމަންޓް އެކެވެ. ޚަބަރުދާރު. ސަމާލުވޭ!