ޕީޕީއެމް/ޕީއެންސީގެ އަމާާޒަކީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ޖަލުން މިނިވަންކޮށް ވެރިކަމަށް ގެނައުން ކަމަށާއި ސަޕޯޓަރުން އިތުބާރާއި ސާބިތުކަމާއެކު ތިބުމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު މިއަދު އެދިވަޑައިގެންފިއެވެ.
އިދިކޮޅު ކޯލިޝަނާއި ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަަވައި އުފައްދަވާ “ދަ ޑިމޮކްރެޓްސް“ އިން ބާއްވާ މަޝްވަރާ ބައްދަލުވުންތަކަކީ “ޕީޕީއެމްގެ ބައެއް މީހުންނަށް އަޑި ނޭނގޭ ކުޅިގަނޑެއް“ ކަމަށް ބުނެ އޮންލައިން ނޫހަކުން ވަނީ ރިޕޯޓެއް އާންމުކޮށްފައެވެ.
އެ ރިޕޯޓުގައިވާ ވާހަކަތަކަށާއި އިދިކޮޅު ކޯލިޝަނާއި “ދަ ޑިމޮކްރެޓްސް“ ގެ ބައްދަލުވުންތަކާ ގުޅިގެން އަމާޒުވެފައިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވައި އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ އަމާޒު ވަރަށް ސާފު ކަމަށެވެ.
އިދިކޮޅު ކޯލިޝަނުގެ ފޯކަސް ހުރީ ރައީސް ޔާމީން މިނިވަންކޮށް އަދި އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ދިވެހިންގެ ވެރިކަމެއް ކުރުމަށް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ސަޕޯޓަރުން ތިބީ ރައީސް ޔާމީން ވެރިކަމަށް ގެންނަން ތައްޔާރަށްކަމަށްވާއިރު އާދަމް ވިދާޅުވީ ސަޕޯޓަރުންގެ ހިތަށް ތަދުވާވަރުގެ ކަމެއް އަދި ޕާޓީގެ އަސާސްތަކާ ޚިލާފުކަމެއް ކޯލިޝަނަކުން ނުކުރާނެ ކަމަށެވެ.
“ވަސްވާސް އުފައްދަން ޖާގައެއް ނުދޭނަން.“
އުންމީދާއި ސާބިތުކަމާއި އިތުބާރާއެކު ތިއްބަވާ. މިތުރުންގެ ހިތަށް ދަތިކުރި ކަޅު ކޮންމެ ރެއެއް ވެސް ފިތުރަތުގެ އުސޫލުން ނިމެނީ ފަތިހަށެ އަމުދުން.“ އޭނާ ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަނުން ޑިމޮކްރެޓްސްއާއެކު މިހާތަނަށް ތިން ބައްދަލުވުމެއް ވަނީ ބާއްވައިފައެވެ.
ބައްދަލުވުންތަކަކީ މި ވެރިކަން ބަދަލުކުރުމަށް ގުޅިގެން ކުރަންޖެހޭ ކަންކަން ކުރުމަށް މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުންތަކެއް ކަމަށް ދެ ފަރާތުން ބުނެފައިވެއެވެ.
ޑިމޮކްރެޓްސްއިން ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ވެސް ކުރާނެ ކަމަށް ބުނެފައެވެ.