ސްރީލަންކާއިން ވަކިގައުމެއް އިޚްތިޔާރު ނުކުރާނަން

Loading

July 2, 2023
profile
Facebook
Twitter
WhatsApp


ޗައިނާއާއި އިންޑިއާއާއި ދެމެދު އުފެދިފައިވާ މައްސަލަތަކުގައި އަވަށްޓެރި ގަމުތައް ފިތިބާރުވެދާނެކަމުގެ ބިރުވެރިކަން އުފެދުފައިވާ މި ދުވަސްވަރުގައި ސްރީލަންކާއިން ވަކި ގައުމެއް އިޚްތިޔާރު ނުކުރާނެކަމަށް އެގައުމުގެ އެންމެ އިސް ޑިޕްލޯމެޓް ޚާރިޖީ ވަޒީރު އަލީ ސަބްރީ ވިދާޅުވެއްޖެއެވެ. 

ސައުތު ޗައިނާ ޕޯސްޓަށް ދެއްވި ބަސްދީ ގަތުމެއްގައި ޚާރިޖީ ވަޒީރު ޢަލީ ސަބްރީ ވިދާޅުވީ އަހަރެމެންގެ އެދުމަކީ ޗައިނާއާއި އިންޑިއާގެ ދެބަސްވުންތައް މަޝްވަރާގެ ބޭނުންކޮށްގެން ޙައްލުވުމެވެ. އެއީ އެ ދެގައުމަށާއި މުޅިދުނިޔެއަށް އެންމެ ރަނގަޅ ުގޮތްކަމުގައި އަހަރެން ގަބޫލުކުރަމެވެ. 2020 ވަނައަހަރު ހިމާލިޔާ ސަރަޙައްދުގައި ހިނގާދިޔަ ޗައިނާއާއި އިންޑިއާގެ ކުރިމަތިލުންތަކަށްފަހު އެ ދެގައުމުގެ ގުޅުން އަންނަނީ ނުބައިވަމުން ކަމަށާއި އިތުރު ސަރަޙައްދުތަކަށް ފުޅާވެގެން ހިނގައިދާނެކަމުގެ ބިރު ނެތިގެން ނުދާކަން އެމަނިކުފާނު ވިދާޅުވިއެވެ.     

ޗައިނާއާއި އިންޑިއާގެ ދެބަސްވުމުގެ ގަދަ އޮއިވަރުގެ ތެރެއަށް މިދިޔަ އަހަރު ސްރީލަންކާވެސް ދަމައިގަތެވެ. ޗައިނާގެ ކަނޑުގެ ސިފައިންގެ މަނަވަރެއް ސްރީލަންކާގެ ހަމްބަންތޮޑާގައި ބަނދަރުކުރަން ހުއްދަ ދިނުމާއި ގުޅިގެން އިންޑިއާއިން އަނގަބަހުން އިހްތިޖާޖު ކުރިއެވެ. ޗައިނާއިން ބިނާކުރުމުން އެގައުމަށް ކުއްޔަށް ދީފައިވާ ހަމްބަންތޮޑާގެ ބަނދަރަކީ މިލިޓްރީ ގޮތުން އިންޑިއާއާއި ދެކޮޅަށް ބޭނުންކުރެވިދާނެ ތަނަކަށް ވެދާނެކަމަށް އިންޑިއާ ދެކޭތީއެވެ.

އަނެއްކޮޅުން ނެކްސްޓް ޖެނެރޭޝަން ފައިޓަރ ޖެޓުގެ އިންޖީނު އުފެއްދުގެ ފުރުސަތު އިންޑިއާއަށް ލިބިދޭގޮތަށް މިދިޔަ ހަފުތާގައި ވޯޝިންގޓަންގައި އިންޑިއާގެ ބޮޑުވަޒީރު ސޮއިކުރެއްވި އެއްބަސްވުމުގެ ސަބަބުންވެސް ޗައިނާއިން ވަނީ ހިތްހަމަނުޖެހިފައެވެ. އަދި މިނޫނަސް އެމެރިކާއާއިއެކު އިންޑިއާއިން ސޮއިކުރި ޖައްވާބެހޭ އާރޓެމިސް މުޢާހަދާގެ ސަބަބުންވެސް ޗައިނާވަނީ ނުރުހިފައެވެ. 

ޗައިނާއާއި ރަޝިޔާއަކީ އެ މުޢާހަދާގެ މެމްބަރުންނެއް ނޫނެވެ. އާރޓެމިސް މުޢާހަދާއަކީ ސުލްޙަވެރި ގޮތުގައި ޖައްވު ބޭނުންކުރުމުގެ އެއްބަސްވުމެކެވެ. އަދި އެއީ ޗައިނާއާއި ދެކޮޅަށް އަމާޒުކޮށްގެން އެމެރިކާގެ އެކުވެރިންނާއިއެކު އެމެރިކާއިން ހިންގަންބޭނުންވާ މަޝްރޫޢު އެކެވެ.                                                            

މިދިޔަ ބުދަދުވަހު ބެއިޖިންގައި ހުންނަ ސްރީލަންކާގެ އެމްބަސީގައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު ޢަލީ ސަބްރީ ވިދާޅުވީ ސްރީލަންކާގެ އެންމެގާތް ދެ ރަޙުމަތްތެރިން ކަމުގައިވާ ޗައިނާއާއި އިންޑިއާގެ ތެރެއިން ވަކި ގައުމެއް އިޚްތިޔާރު ނުކުރާނެ ކަމަށެވެ.މިކަން އަހަރެމެން އޮންނާނީ ޗައިނާއަށާއި އިންޑިއާއަށްވެސް އޮޅުންފިލުވާ ދީފައެވެ.                                                      

ސްރީލަންކާއަށް މިދިޔައަހަރު އިގްތިސާދީ ވެއްޓުން މެދުވެރިވިއިރު ޢަލީ ސަބްރީ ހުންނެވީ މާލީ ވަޒީރުގެ މަގާމުގައެވެ. އެމަނިކުފާނު ވިދާޅުވީ މި އަންނަ ސްޕްޓެމްބަރު މަސް ހިސާބުގައި އެ ޙާލަތުން އަރާގަނެވޭނެ ގޮތްތަކެއް ރޭވިގެން ދާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ސްރީލަންކާ ސަރުކާރުން މިގެންދަނީ އިގްތިސާދީ ގޮތުން ހެދުނު ގޯސްތައް ދިރާސާކޮށް އިސްލާޙީ ފިޔަވަޅުތަކަށް މަގު އަމާންކުރަމުންނެވެ. މި މައްސަލާގައި ސްރީލަންކާއިން މިގެންދަނީ އިންޑިއާއާއި ޖަޕާނާއި އަދި ފަރަންސޭސި ވިލާތާއެކު މަޝްވަރާ ކުރަމުންނެވެ. 

ސްރީ ލަންކާގެ ބޭރުގެ ދަރަނީގެތެރެއިން %10 އަކީ ޗައިނާއަށް އަދާކޮށްދޭންޖެހޭ ދަރަންޏެކެވެ. އެކަމާއި ގުޅޭގޮތުންވެސް ދެގައުމުން މިގެންދަނީ މަޝްވަރާ ކުރަމުންނެވެ. އެހެން ގައުމުތައް ބައިވެރިވާ ފޯރަމެއްގައި ޗައިނާއިން ދަރަނީގެ ވާހަކަ ދައްކާކަށް ބޭނުމެއް ނުވެއެވެ.                        

ރީޖަނަލް ކޮމްޕްރެހެންސިވެ އިކޮނޮމިކް ޕާރޓްނަރޝިޕް ( އާރ. ސީ.އީ. ޕީ. ) ގެ މެމްބަރަކަށް ވުމުގެ އިޝާރާތެއް ރައީސް ވިކްރަމަސިންގހ ވަނީ ހުސްވިމަހު ދެއްވާފައެވެ. އެއީ އޭޝިޔާ ޕެސިފިކްގެ 15 ގައުމެއްގެ މެދުގައި ފްރީ ޓްރޭޑް އެއްބަސްވުން ގާއިމްކޮށްފައިވާ ގައުމުތައް އެކުލެވޭ ޖަމްއިއްޔާއެކެވެ.

އޭގެ ތެރޭގައި ޗައިނާއާއި އޮސްޓްރޭލިޔާވެސް ހިމެނެއެވެ. އަދި ހަމަ މި ދަނޑިވަޅުގައި ޗައިނާ އާއިއެކު ދެ ގައުމުގެ ވިޔަފާރިއާއި ބެހޭ އެއްބަސްވުމެއް އެކުލަވާލުމަށްވެސް ޗައިނާއަށް ދައުވަތު ދީފައިވާނޭކަމަށާއި ވަރަށް އަވަހަށް އެވާހަކަތައް ފެށޭނެކަމަށްވެސް އުންމީދުކުރައްވާ ކަމުގައިވެސް ސަބްރީ ވިދާޅުވިއެވެ.            

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް