މިހާރުން މިހާރަށް ސިފައިންގެ ކޮންޓްރޯލުގެ ދަށަށް ރާއްޖެ ގެނެސް, ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވެރިކަމުން ވަކިކޮށް ހިފައި ހައްޔަރުކުރަންޖެހޭ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޢަބްދުއްރަޙީމް (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޢަބްދުއްރަޙީމް ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކަހަލަ ހިތްވަރެއް, ފަންވަރެއް ނެތް ބޭފުޅަކު ވެރިކަމުގައި ބެހެއްޓުމުގެ މައުނައެއް ނެތް ކަމަށާއި އެމަނިކުފާނު އަމިއްލަފުޅަށް އިސްތިއުފާ ނުދެއްވާނަމަ ރައްޔިތުން މިކަމަށް ގޮތް ނިންމަންޖެހޭ ކަމަށެވެ.
ޕީއެންސީގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ޢަބްދުއްރަޙީމް ވިދާޅުވީ ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިޚާބު ވަގަށް ނެގުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށާއި އެގޮތުން ރައްޔިތުންގެ މަޖިލިސް އޮތީ މަރުތަޅު އަޅުވާފައި ކަމަށެވެ. ހަމައެފަދައިން އިލެކްޝަން ކޮމިޝަނުގައި ވެސް މަރުތަޅު އަޅުވާފައިވާ ކަމަށާއި ދެން ވެސް ހުރި ތަނެއްގަ މަރުތަޅު އަޅުވަމުންދާ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
“ވޯޓުން ވެރިކަން ނުލިބޭނެތީ އިންތިޚާބު 2018 ގަ ވަގަށް ނެގި ގޮތަށް ވަގަށް ނަގަން މިހާރު ތައްޔާރުވަމުންދަނީ. އަޅުގަނޑު އިބްރާހިމް މުޙައްމަދު ޞާލިޙަށް ދަންނަވައިލަން ބޭނުންވަނީ ހަމަހިލާ ނުކެރޭނޭ ވަގަށް ނަގާކަށް އިރާދަކުރެއްވިއްޔާ.“ ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
މި މޭރުމުން ދެއްކެވި ވާހަކަފުޅުގައި ޢަބްދުއްރަޙީމް އިތުރަށް ވިދާޅުވީ މިފަދަ އަނިޔާވެރި ސަރުކާރެއް ހިމާޔަތް ކުރުމަކީ މިހާރު ސިފައިންނާއި ފުލުހުން އަދާކުރަންޖެހޭ މަސްއޫލިއްޔަތެއް ނޫން ކަމަށެވެ. އަދި ދިވެހިރާއްޖޭގެ މިނިވަންކަން ނަގާލައި, މިހާ ހާލަތަށް ގައުމު ގެންގޮސްފައިވާއިރު ރައްޔިތުންގެ ހައްގުގައި ސިފައިންނާއި ފުލުހުން ތެދުވަންޖެހޭ ކަމަށް ވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
“މީ ހަމަ ރަސްމީކޮށް އަޅުގަނޑުމެން ގޮވައިލާ ގޮވާލުމެއް. މިހާރުން މިހާރަށް ސިފައިންގެ ބެލުމުގެ ދަށަށް ސިފައިންގެ ކޮންޓްރޯލަށް ރާއްޖެ ގެނެސްފަ, އިބްރާހިމް މުޙައްމަދު ޞާލިޙް ވެރިކަމުން ވަކިކޮށް ހިފައި ހައްޔަރުކޮށްފަ ދިވެހިރާއްޖޭގަ މިނިވަން އިންސާފުވެރި އިންތިޚާބެއް ސިފައިންނާއި ފުލުހުންގެ ބެލުމުގެ ދަށުން ހުރިހާ ސިޔާސީ ލީޑަރުންނަށް ވާދަކުރެއްވޭނެ ގޮތަށް މަގުފަހިކޮށްދޭން.“
ރައީސް ޔާމީން ދޫކޮށްލަންޖެހޭނޭ އިބްރާހިމް މުޙައްމަދު ޞާލިޙް ހައްޔަރުކުރުމާއެކީގަ. އެއީ ރައީސް ޔާމީނަކީ ކުށްވެރިއެއް ނޫން. މައުސޫމް ބޭފުޅެއް.“ ރައީސް ޔާމީނަށް ވަފާދާރު ބޭފުޅުންގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނިވަޑައިގަންނަވާ ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ ދިވެހި ރައްޔިތުންގެ އެދުމަކީ މިހާރުން މިހާރަށް ރައީސް ޔާމީން މިހާރުން މިހާރަށް މިނިވަންކޮށް, ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.
One Response
އޭރުން ޕާކިސްތާނަށްވީހެން ވާނީ. ކޮންމެ ސަރުކާރެއް ބާލާ ބަޔަކަށް ސިފައިންވާނީ. ކަމުދާ ގޮތެއްނޫނެވެ. ވޯޓުން ރައްޔަތުން ސަރުކާރު ބަދަލުކުރާށެވެ. ނޫނީ ރައްޔަތުން ނުކުމެ އަމީން ދީދީ އާއި ނަޝީދުގެ ވެރިކަން ނިންމިހެން ނިންމާށެވެ. ހޯހޯ އެވެ. ހަމަ ހިލާ ސިފައިން އެސަކަރާތް މިގަުމުގައި ޖަހައިގެން ނުވާނެއެވެ.