ބަރުތައް ބުނާގޮތުގައި މިހާރު ޗައިނާއަށް ވަޑައިގެން އުޅުއްވާ އެމެރިކާގެ ޚާރިޖީ ވަޒީރު ޗައިނާގެ ރައީސް ޝީ ޖިންޕިންއާއި ބއްދަލު ކުރުމުގެ ކުރިން ވޯޝިންގްޓަނުން ބޭނުންވަނީ އެއްބައިވަންތަކަން ނުވަތަ ދެކޮޅުވެރިކަންތޯ ނިންމުމުގެ އެންމެ ފަހު ފުރުސަތު ޗައިނާއިން އެމެރިކާއަށް ދީފިއެވެ.
އެމެރިކާއަށް ޗައިނާއިން މި އިންޒާރު ދީފައިވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކަންއާއިއެކު ޗައިނާގެ ޚާރިޖީ ސިޔާސަތުގެ އެންމެ އިސް ވެރިޔާ ވޭންގް ޔީ ބޭއްވި ތިންގަޑިއިރަށް ދެމިގެންދިޔަ ވާހަކަތަކަށް ފަހުގައެވެ.
ޗައިނާއާއެކު އެމެރިކާގެ ގުޅުން ދުވަހަކުވެސް ދަށަށް ނުދާ ފެންވަރަކަށް ވެއްޓިފައިވާ މިދަނޑިވަޅުގައި އެގުޅުން ރަނގަޅު ކުރެވިދާނެ މަގެއް ހޯދުމުގެބޭނުމުގައި ފާއިތުވެގެން މިދާ 5 އަހަރު ދުވަހުގެ ތެރޭގައި ޗައިނާއަށް ވަޑައިގެންނެވި އެމެރިކާ އެންމެ އިސް މަންދޫބަކީ ޚަރިޖީ ވަޒީރު ބްލިންކަން އެވެ.
ރައީސް ޝީ އާއި ޚާރިޖީ ވަޒީރު ބްލިންކަން ގެ ބައްދަލު ކުރެއްވުން ހޯމަދުވަހުގެ މެންދުރުފަހަށް ވަނީ ތާވަލް ކުރެވިފައެވެ. މިބައްދަލު ކުރެއްވުމުގެ ކުރިންއެމެރިކާއިން އިޚްތިޔާރު ކުރާނީ ވާހަކަދައްކައިގެން ކަންތައް ނިންމުމަށް ނުވަތަ ގޮތްދޫނުކުރުންތޯ އެއްބައިވަންތަކަން ނުވަތަ ދެކޮޅުވެރިކަންތޯ އެނގެން ބޭނުންކަމަށް މިސްޓަރ ވޭންގް ޔީ ވިދާޅުވިކަމަށް ޗައިނާގެ ރަސްމީ މީޑިއާއިން ބުނެފައިވެއެވެ.
އަދި ދެގައުމަށްވެސް ފައިދާކުރަނިވި ގޮތްތަކެއް ހޯދޭނެ ގޮތަކަށް ވާހަކަތައް ބިނާކުރުމުގެ މުހިންކަމަށް އިޝާރާތް ކުރެއްވިއެވެ. އެހެންނަމަވެސް މި ބައްދަލުކުރެއްވުމުގައި ދެކެވޭނެ ވާހަތަކާ ބެހޭގޮތުން މިހާތަނަށް އެމެރިކާއިން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
މިސްޓަރ ވޭންގް ޔީ ގެ ވާހަކަ ފުޅުގައި ތައިވާނުގެ މައްސަލާގައި ޗައިނާއިން ދޭނެ ދުލެއް ނުވަތަ ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށާއި އެއީ ޗައިނާގެ ބައެއްކަމުގައި ވަޢުދުވެ ވަޑައިގެންނެވިއެވެ.
އެވާހަކަ ފުޅަކީ އާދީއްތަދުވަހު ޗައިނާގެ ޚާރިޖީވަޒީރު ގިން ގޭންގާއެކު ބްލިންކަން ބޭއްވި ހަތްގަޑިއިރަށްވުރެން ދިގު ބައްދަލުވުމުގައިވެސް ދެކެވިފައިވާ ވާހަކަތަކުގެ އަލީގައި މިސްޓަރ ވޭންގް ޔީ ކުރެއްވި އިންޒާރެއް ކަމަށް ބެލެވެއެވެ.
މިދޭތެރޭން ތައިވާނު ކައިރީގައި ޗައިނާއިން ބޭއްވި މިލިޓްރީ ފަރިތަކުރުން ތަކަކީ ޙަގީގީ ކުރިމަތިލުން ތަކަކަށް ވެދާނެކަމަށް ތައިވާނާއި އެހެން ގައުމުތަކުން ޖެހިލުންވާކަންވެސް ވަނީ ހާމަކޮށްފައެވެ.
އެމެރިކާގެ ރަސްމީ ފަރާތްތަކުން ބުނެފައިވާ ގޮތުގައި ބްލިންކަންގެ ދަތުރުފުޅުން މާބޮޑު ކާމިޔާބީއެއް ޙަސިލު ކުރެވިދާނެ ކަމަކަށް ނުބެލެވެއެވެ. އެހެން ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ދެގައުމުގެ ގުޅުން ރަނގަޅުކުރަން ވާހަކަދައްކާނެ ފުރުސަތުތަކެއް ހުޅުވިގެން ދިއުމަށް އުންމީދު ކުރެވެއެވެ.
އަދި އާދީއްތަދުވަހުގެ ވާހަކަތަކުގައި ޗައިނާގެ ޚާރިޖީ ވަޒީރު އެމެރިކާއަށް ޒިޔާރަތް ކުރައްވާފާނެ ކަމުގެ އުންމީދެއްވެސް ލިބިގެންދިޔަ ކަމަށްވެއެވެ. އެ ވާހަކަތައް ދެކެވުނީ ބިނާކުރަނިވި މާޙައުލެއްގައި ކަމަށް އެމެރިކާގެ ޚާރިޖިއްޔާގެ ތަރުޖަމާނު މެތިއު މިލަރ ވިދާޅުވިއެވެ.
އަދި ދެފަރާތުގައިހުރި މައްސަލަތަކާ ދޭތެރޭ ނުބައި ވިސްނުމެއްގައި ނުރަނގަޅު ގޮތްތަކެއް ޚިޔާރު ކުރެވިދާނެތީ ވާހަކަ ދައްކާނެ މަގެއް ހުޅުވާފައި އޮތުމުގެ މުހިންކަން ބްލިންކަން ހާމަކުރެއްވިއެވެ.
އެހެންނަމަވެސް ވާހަކަ ދެއްކުމަށްޓަކައި މިލިޓްރީ ލައިނެއް ހުޅުވާފައި ބޭއްވުމަށް ޗައިނާއިން އިންކާރު ކުރާކަމަށް ޗައިނާގެ ރައީސް ޝީ އާއެކު ބޭއްވި ބައްދަލު ކުރެއްވުމުގެ ކުޑައިރުކޮޅެއް ފަހުން ބްލިންކަން ހާމަކުރެއްވިއެވެ.
މިއީ ޢާންމުގޮތެއްގައި ބޭނުންކުރެވޭ ޑިޕްލޯމެޓިކް ބަސްމަގު ހުންނަގޮތެއް ނޫނެވެ. އެހެންވީމާ ބްލިންކަން ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާމެދު ޗައިނާއިން ދެކޭ ގޮތް ވަރަށް ރަނގަޅަށް އެނގިގެން ދެއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ މިހާރުހުރި ތަފާތުތައް ދެގައުމަށް ފައިދާކުރަނިވި ގޮތެއްގައި ޙައްލު ކުރަން ދެމެހެއްޓެނިވި ގޮތެއްގައި މުޢާސަލާތު ކުރެވޭނެ މަގެއް ހުޅުވާފައި އޮންނަން އެބަޖެހެއެވެ. އަދި އެއީ ދެ ގައުމުގެ މިލިޓްރީ ގުޅުވައިދޭ މަގެއް ކަމުގައިވެސް ވާންޖެހޭނެއެވެ.
އެހެންނަމަވެސް މިރޮނގުން އަދި އެއްވެސް ކުރިއެރުމެއް ލިބިފައިނެތަސް މި މަސައްކަތް ހުއްޓާނުލައި އެމެރިކާއިން ކުރިއަށް ގެންދާނެ ކަމަށް ބުނެއެވެ.