މަސްތުވާތަކެތި ބޭނުން ނުކުރަން ނަސޭހަތްތެރިވުމުން މަންމައަށް އިންޒާރުދިން މީހަކު ދެ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.
މި ހުކުމް މިދިޔަ ބުރާސްފަތި ދުވަހު ކުރީ އައްޑޫ މީދޫ މެޖިސްޓްރޭޓް ކޯޓުންނެވެ.
މި މައްސަލައަކީ، މިދިޔަ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހުގެ ރޭ 9:42 ހާއިރު ސ. މީދޫ، ބަށިމާގޭ އަފްސަން ލަތީފް، އޭނާ ދިރިއުޅޭ ގޭގައި އޭނާގެ މަންމައާ ދިމާލަށް ހަޑިހުތުރު ބަހުން މުހާތަބުކޮށް އިންޒާރު ދީފައިވާތީ، ދައުލަތުން އުފުލާފައިވާ ”އަނިޔާއެއް ދީފާނެ ކަމުގެ ކުށުގެ ދައުވާ“ އެވެ.
މި މައްސަލަ އޭނާގެ މައްޗަށް އުފުލީ މިދިޔަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.
އަފްސަން ލަތީފަށް އުފުލި ދައުވާގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހަށް ޖަލަށް ލުމެވެ.
މި މައްސަލައިގެ އިބްތިދާއީ މަރުހަލާގައި، އަފްސަން ވަނީ، ދުއުވާއަށް އިންކާރުކޮށްފައެވެ. އެހެންވެ ދައުލަތުން ވަނީ އެ ކުށް އޭނާގެ މައްޗަށް ސާބިތުކުރުމަށް ހެކި ހުށަހަޅައިފައިފައެވެ. އޭގެ ތެރޭގައި އޭނާގެ މަންމަވެސް ހިމެނެއެވެ.
ކޯޓުގައި އަފްސަންގެ މަންމަ ހެކިބަސް ދެމުން ވަނީ، އޭނާއަށް އިންޒާރު ދިނީ ބަދިގޭގައި އަފްސަން ކާން އިންދައި ”މި ގޭގައި ހުރެގެން ހަކުރު ބޮއިގެން ނުވާނެ“ ކަމަށް އޭނާ އަފްސަން ގާތުގައި ބުނުމުންނެވެ.
އެހެން ބުނުމުނ ކާމޭޒުމަތީގައި ހުރި ހުރިހާ އެއްޗެއް މޭޒުމައްޗަށް އުކާލައި ހުތުރު ބަހުން މުހާތަބުކޮށް މަރާލާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ބުނެފައިވެއެވެ.
އަދި އޭގެ ކުރިންވެސް އެކި ފަހަރު މަތިން އިންޒާރު ދީފައިވާ ކަމަށާއި އެހެންވެ ދިރިއުޅެން ޖެހެނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
މި މައްސަލައިގައިވަނީ އާއިލާގެ ބައެއް މީހުންގެ ހެކިބަސްވެސް ނަގައިފައެވެ.
ދައުލަތުން ހުށަހެޅި ހެކި ގަރީނާއަށް ބަލައި މީދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކުރީ އަފްސަންގެ މައްޗަށް އެ ކުށް ޝައްކެތް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ. އަދި އެ މައްސަލައަިގައި އަދަބު މަތިވާ ހާލަތެއް އޮތުމުން، އަސާސީ އަދަބު ވަނީ ދެރަޖަ މަތިކޮށް، ދެ މަހާއި ތިން ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ.