ހަތްއަހަރުދުވަހުގެ ދިގު މުއްދަތަކަށް ބަންދުކޮށްފާ ހުރުމަށްފަހު މިއަދު ހަވީރު 6 ޖަހާއިރު އީރާނުގެ އެމްބަސީ ސަޢޫދީ އެރޭބިޔާގެ ރިޔާޒްގައި ހުޅުވޭނެއެވެ. އެހެންނަމަވެސް އީރާނުގައި ސަޢޫދީގެ އެމްބަސީ ހުޅުވޭނެ ދުވަސް އަދި ޢިއުލާނެއް ނުކުރެއެވެ.
ސަޢޫދީއާއި އީރާނުގެ ގުޅުން ހަމަޔަކަށް އެޅިފައިމިވަނީ ޗައިނާއިން އިސްނަގައިގެން ކުރި ސުލްޙައިގެ މަސައްކަތުގައި ދެގައުމުގެ ތަފާތުތައް ނައްތާލައި އެކުވެރިކަން ގާއިމްކުރަން މިދިޔަ މާރޗްމަހުގެ ތެރޭގައި އެއްބަސްވުމާ ގުޅިގެންނެވެ.
ސަޢޫދީ އެރޭބިޔާއިން އީރާނާއެކު ސިޔާސީ ގުޅުން ކަނޑާލި ޝިޔާއީން އިލްމުވެރިއަކު ކަމުގައިވާ ނިމްރު އަލްނިމްރު ސަޢޫދީގައި މަރާލުމާގުޅިގެން އުފެދުނު ހަމަނުޖެހުމުގައި އީރާނުގައި ހުންނަ ސަޢޫދީގެ އެމްބަސީއާއި އިރާނުގެ ހުޅަނގު އުތުރު ޝަހަރެއްކަމުގައިވާ މަޝްހަދު ގައި ހުންނަ ކޮންސިއުލޭޓަށް ޙަމަލާ ދިނުމާ ގުޅިގެންނެވެ.
މިއަދު ( އަންގާރަ ދުވަހު ) އެމްބަސީ ހުޅުވަން ހަމަޖެހިފައިވާކަން އީރާނުގެ ޚާރިޖިއްޔާއާއި ސަޢޫދީންވެސް ވަނީ ޔަގީން ކޮށްދީފައެވެ. އީރާނު ޚާރިއްޖިއްޔާގެ ފަރާތުން ނާސިރު ކަންޢާނީ ވިދާޅުވީ އީރާނުގެ އެމްބަސީ ރިޔާޒުގައި ހުޅުވުމަށްފަހުބުދަދުވަހު ޖިއްދާގައި އީރާނުގެ ކޮންސިއުލޭޓާއި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންއަށް ކަނޑައަޅާފައިވާ ރެޕްރެޒެންޓޭޓިވް އޮފީސް ވެސް ހުޅުވޭނެއެވެ.
އީރާނުން މިފަހަރު ސަޢޫދީ އެރޭބިޔާއަށް ކަނޑައަޅުއްވާފައިވާ ސަފީރަކީ މީގެ ކުރިން ކުވޭތުގައި ހުންނެވި ސަފީރު ޢަލީ ރިޒާ އިނާޔަތީ އެވެ.
ސަޢޫދީ އެރޭބިޔާއާއި އީރާނުގެ ސުލްޙައަށްފަހު ޔަމަނުގައި ކުރެވެމުންދިޔާ ހަނގުރާމައަށްވެސް ހެޔޮ ބަދަލުތަކެއް މިހާރުވަނީ އައިސްފައެވެ. އަދި މިނޫނަސް މެދުއިރުމަތީގައި ހިނގަމުންދިޔަ ދެކޮޅުވެރި ޙަރަކާތްތަކުގައި ސަޢޫދީ އެރޭބިޔާއާއި އީރާނުން އިދިކޮޅަށް ތިބުމުގެ ސަބަބުން އުފެދުނު ހަމަނުޖެހުންތައްވެސް މިހާރު ވަނީ އެކުވެރިކަމާއި ސުލްޙައިގެ ރާސްތާ އިޚްތިޔާރުކުރަން ފަށާފައެވެ.

މިއީ މެދުއިރުމަތީގެ ސިޔާސީ މަސަރަޙްއަށް ލިބުނުވަރަށްބޮޑު ކުރިއެރުމެކެވެ.
One Response
ވަރަށް އުފާވެރި ޚަބަރެކެވެ. އިސްލާމީ ދުނިޔެއަށްލިބުނު ނަސްރެކެވެ. ބައިބައިކޮށް ބަހާލައިގެން ނިކަމެތިކޮށްލުން ނިމުމަކަށް ގެނެވޭނެކަމަށް އުންމީދުކުރަމެވެ.