ތުރުކީގެ ރައްޔިތުންގެ ނިންމުންފެނިފާ ޔޫރަޕްގެ ވެރިންގެ ޙައިރާންވެ ދެލޯ ބޮޑުވެއްޖެއެވެ. އެބައިމީހުންގެ އެތައް ދިރާސާތަކަކާއި އުންމީދު ތަކަކާއެކު ތުރުކީ ޔޫރަޕްގެ ގޮތަށް ފުރޮޅާލަން ކުރި ހޭދައާއި ވަގުތު ބޭކާރު ވެގެން ދިޔުމުންނެވެ.
ރައްޔިތުންގެ ނިންމުން ހާމަވުމާއި ހަމަޔަށްވެސް އެމީހުންގެ ބަސްމަގު ހާމަކުރަމުން ގެންދިޔައީ ރައީސް އުރުދުޣާންގެ ވަގުތު ހަމަވެއްޖެކަމަށެވެ. ޔޫރަޕުގެ ފުރިހަމަ ތާއީދާއެކު ތުރުކީއަށް ނިސްބަތްކުރެވޭ 6 ސިޔާސީ ޕާރޓީގެ ފަރާތުން އިންތިޚާބަށް ވާދަކުރެއްވި ކަމާލް ކިލިޖްރޯލޫ ރައްޔިތުންގެ ނިންމުމުގައި ސިއްކަ ޖެހެންދެންވެސް ވިދާޅުވަމުން ގެންދެވީ ތުރުކީ ދެން އޮންނާނީ ޔޫރަޕްގެ ގޮތްތަކަށް ލެނބިފައިވާ ގައުމެއްގެ ގޮތުގައި ކަމަށެވެ.
އެބައިމީހުންގެ ރޭވުންތަކަށް ވީގޮތެއް އެބައިމީހުންނަށްވެސް ނޭންގުނެވެ.ދެތިންމަހެއްގެ ރިސާޗްއަށްފަހު ބަޔާނެއް ނެރޭނެކަމަށް ބުނެއެވެ. ކަންވެނިގެން ދިޔައީ އެބައިމީހުންގެ އިންވެސްޓްމަންޓް އާއި ޙީލަތްތެރި ރޭވުމާއި ދެކޮޅަށެވެ.
ރައީސް އުރުދުޣާނަށް އެންމެ ފުރަތަމަ މަރުޙަބާ ވިދާޅުވީ ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އަލް ސާނީއެވެ. ރިޔާސީ އިންތިޚާބު ރަސްމީގޮތުން ޢިއުލާން ކުރުމުގެ ކުރިން ހަންގޭރީގެ ބޮޑުވަޒީރު ވިކްޓަރ އޯރބަންގެ ތަޙްނިޔާ ރައީސް އުރުދުޣާނަށް ލިބިވަޑައިގެންފިއެވެ.
ބޮޑުވަޒީރު އޯރބާނަށް ނުރުހިފާތިބި އެތައްބަޔަކު ބްރަސެލްސްގެ ޖަމާއަތުގެ ތިބިއިރުވެސް އުރުދުޣާނާއެކު އެމަނިކުފާނުގެ ވަރަށް ގާތް ގުޅުމެއް ގެންގުޅުއްވައެވެ. އަދި އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި އުރުދުޣާނަކީ ހެޔޮ ވެރިކަމެއް ކުރުމުގެ ނަމޫނާއެކެވެ.
ޔޫރަޕުގެ އެހެން ލީޑަރުން އުރުދުޣާނާ ދޭތެރޭ ދެކެނީ މުޅިން ތަފާތުގޮތަކަށެވެ. ގޮތް ދޫނުކުރާ ޚުދުމުޚްތާރު ވެރިއެއްގެ ގޮތުގައެވެ. ނޭޓޯގެ ތެރޭގައިވެސް މިފަހަކަށް އައިސް ސްވިޑްން އެ ޖަމްއިއްޔާގައި ބައިވެރިކުރުމަށް ދެކޮޅު ހެދުމުގެ ސަބަބުން އެ ޖަމާއަތުގެ ތެރޭގައިވެސް އުރުދުޣާނަށް ނުރުހޭ ގިނަ މެމްބަރުން ތަކެއް ވަނީ އުފެދިފައެވެ. ވާނީވެސް އެހެންތާއެވެ. ރައީސް އުރުދުޣާންގެ ސިޔާސަތަކީ ފުރަތަމަ ތުރުކީ އެވެ. އާދެ! ތުރުކީ ފަރސްޓް!
ތުރުކީން ސީރިޔާ ހަނގުރާމައަށް ވަނުމުން ހުޅަނގުން އުފެދުނު ރުޅިވެރިކަން ބޮޑުވެ ނިމިދިޔަ އިންތިޚާބުގައި ވެސް ފާޅުކަން ބޮޑު ގޮތެއްގައި އެމެރިކާއާއި ޔޫރަޕުން ގެންދިޔައީ ތުރުކީގެ އިދިކޮޅު ލީޑަރަށް ފަންޑުކޮށް ތާއީދުކުރަމުން އަދި އުރުދުޣާންގެ ސިޔާސީ ހަޔާތްޕުޅު ކަފުންކުރުމުގެ ރޭވުންތައް ރާވަމުންނެވެ.
ރަޝިޔާ އާއި ޔޫކްރެއިންގެ ހަނގުރާމައިގާ ހުޅަނގުން ރަޝިޔާއާއި ދެކޮޅަށް އަޅަމުންގެންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގައި ބައިވެރި ވުމަށާއި އަދި ރަޝިޔާ ކުށްވެރިކުރަން އުރުދުޣާން ބޭނުންފުޅެއް ނުވެއެވެ.
ހަމައެއާއެކު ރައީސް ޕޫޓިންއާއި ރައީސް ޒެލެންސްކީ އާއި ވާހަކަ ދައްކައިގެން ބްލެކްސީ ތެރެއިންލާފައި ޔޫކްރެއިންގެ ގޮވާން އެކްސްޕޯރޓް ކުރުމުގެ ފުރުސަތު ހޯދާދިނީ ރައީސް އުރުދުޣާންކަން ހުޅަނގުންވެސް ގަބޫލުކުރެއެވެ.
މިއީ މިޙާލަތުގައި ދުނިޔޭގެ އެހެން އެއްވެސް ލީޑަރަކަށް ކުރެވިދާނެ ކަމެއް ނޫންކަން އެންމެންވެސް ގަބޫލުކުރެއެވެ. އަދި ފުރުސަތު ލިބުމުން ސުލަޙައިގެ ވާހަކަތަކުގައިވެސް އުރުދުޣާންގެ ދައުރު ކުޑަނުވާނެ ކަމަށްވެސް ހުޅަނގުން ގަބޫލުކުރެއެވެ.
އިދިކޮޅު ލީޑަރ ކިލިޖްދަރޯލޫއަށް އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ ރަޝިޔާއާއި ފެޔަށް ޖެހޭނެކަމަށް ބުނަމުން ގެންދިއުމުން ސިޔާސީގޮތުން އޭނާގެ ގާބިލު ކަމާއިދޭތެރޭވެސް އެތައް ސުވާލެއް އުފެދިގެން ދިޔައެވެ.
އަދި ތުރުކީގައި ޔޫރަޕްގެ ގައުމުތައް ފަދައިން ޕާލަމެންޓަރީ ޑިމޮކްރެސީއެއް ގާއިމްކުރައްވާނެކަމުގެ ވަޢުދުތައް ވަމުން ގެންދެވިއިރު އެބޭފުޅާއަށް ހިތުން ރުހުމުން ތާއީދު ކުރާނީ ހަމައެކަނި ޔޫރަޕްގައި ތިބި ދެފުށްދެގޮތް ލީޑަރުންކަން ވެސް އެބޭފުޅާއަކަށް ނުވިސްނެއެވެ.
ރައީސް އުރުދުޣާންއަށް ލިބިވަޑައިގަތް ކާމިޔާބަކީ ތުރުކީގެ ރައްޔަތުންނާއި އިސްލާމީ އުންމަތަށް ލިބުނު ނަސްރެއްކަމުގައި ގިނަބަޔަކު ދެކެމުން އުފާފާޅުކުރަމުން ދަނީއެވެ.