ފޭކް އޮރިޔާން ފިލްމެއްގެ ސަބަބުން ތުރުކީގެ ރިޔާސީ އިންތިޚާބުއެކޮޅުކޮޅުން ޖެހިދާނެ

Loading

Facebook
Twitter
WhatsApp

ތުރުކީގެ ރައީސްކަމަށް ވާދަކުރައްވަމުން ގެންދަވާ ކަމާލް ކިލިޖްދަރޯލޫއަށް ރިޔާސީ އިންތިޚާބު ފަހިކޮށްދިނުމުގެ ގޮތުން ފާއިތުވެގެންދިޔަ ދުވަސްތަކުގައި އެތައްފަހަރަކު ފޯނުކޮށް ވާހަކަދެއްކުމުންވެސް މުހައްރަމް އިންޗޭގެ ކެންޑިޑޭސީ ނަގާކަށް އެއްބަހެއް ނުވެވުނުކަމަށް ބުނެފިއެވެ. 

އެންމެފަހުން އިންތިޚާބުގެ ކަރުދާސް ޗާޕްވެގެން ނިކުތީ އެބޭފުޅާގެ ނަމާވެސް އެކުގައެވެ. ދެންކުއްލިއަކަށް ފެނިގެންދިޔައި އިސްރާއީލުގެ އޮރިޔާން ސައިޓެއްގައި މުހައްރަމްގެ އޮރިޔާން ފޮޓޯތަކެއް ހާމަވެގެންދިޔަތަނެވެ.

ދެން އެބޭފުޅާއަށް ޖެހިވަޑައިގަތީ އިންތިޚާބުން ވަކިވެ ވަޑައިގަންނަވާށެވެ. އެހެނީ އޭގެ ތެދުދޮގު ގަބޫލުކުރުވަން މަސައްކަަތް ކުރެއްވުމަށްވުރެ އަބުރު ރައްކާތެރިކުރެއްވުމަށް ނިންމެވީކަމުގައި ބުނެފާވެއެވެ. 

މުޙައްރަމް ވިދާޅުވިގޮތުގައި އެއީ އަހަރެން ކުރާނެ ކަންތަކެއް ނޫނެވެ.އެއީ ޙަގީގަތެއްވެސް ނޫނެވެ. ބަޔަކުމީހުން އަހަރެންގެ ޝަޚްސިއްޔަތު ކަތިލީއެވެ. ކޮންމެއަކަސް މިހާދިސާއިން އެނގިގެންދަނީ އަތާތުރުގެ ވިސްނުމަށް ތުރުކީ ހިންގުމަށް ވަކާލާތުކުރާ އިދިކޮޅު ލީޑަރ ކިލިޖްދަރޯލޫއަކީ އޭނަގެ މަގްސަދު ޙާސިލު ކުރުމަށްޓަކައި ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ބޭފުޅެއްކަމެވެ. އަދި މުޙައްރަމް ރިޔާސީ އިންތިޚާބުން ވަކިވެވަޑައިގަތުމުން ދެން ނިކުންނާނެ ނަތިޖާއަކީ ޙަގީގަތެކެވެ. އެބޭފުޅާއަށް ތާއީދުކުރާ ގިނަބަޔަކު ކިލިޖްދަރޯލޫ އަށް ތާއީދުކުރާނެތީއެވެ.

ހުޅަނގުގެ މީޑިއާ ތަކުގެ އަންދާޒާއަކީ އިންތިޚާބުގެ ފުރަތަމަ ބުރުގައިވެސް ކިލޖްދަރޯލޫއަށް 49.3 އިންސައްތަ ލިބޭނެއެވެ. އިތުރު މަދު ވޯޓުކޮޅަކުން ދެވަނަބުރުގެ ބޭނުމެއްވެސް ނޯންނާނެއެވެ. އެމީހުންގެ އަންދާޒާގައި މިހާރުގެ ރައީސް އުރުދުޣާނަށް އަދި އޭކޭ ޕާޓީއަށް ލިބިވަޑައިގަންނަވާނީ 43.7 އިންސައްތައެވެ.

އިންސާނުން ހިތުން ކިތަންމެމޮޅު ތަދުބީރެއްވެސް ކޮށްފާނެއެވެ. އެކަމަކު އެ ތަދުބީރު ތަންފީޒު ކުރެވިގެންދާނީ އިންސާނާއަށްވުރެން އަދި މާ ބާރުގަދަ ފަރާތެއްގެ ތަގްދީރާ އެއްގޮތަށް ކަމުގައި އެ އިންސާނާ ނުވިސްނާނެއެވެ. 

މިއަދު ނެރުނު އިންތިޚާބުގެ ނަތީޖާ އެ ދައްކަނީ އުރުދުޣާނާއި އިދިކޮޅަށް ކުރަމުން ގެންދިޔަ ހުރިހާ އެންޓި ޕްރޮޕަގެންޑާއިން އެމީހުން އުންމީދުކުރި ނަތީޖާނުލިބުނުކަމެވެ. ނަތީޖާ މިލިބުނީ ދިމާ އިދިކޮޅަށެވެ. އަޅުގަނޑު ހިތަށް އަންނަނީ މީގެ އަހަރުތަކެއްގެކުރިން ރާއްޖޭގައި ޚިދުމަތްދޭންފެށުނު ފުރަތަ ރޭޑިއޯ ސްޓޭޝަނުން ދިވެހިރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތް ގެނެސްދިން ކަމަށް ބުނާ ދުވަހެކެވެ.

ބުނެވޭ ގޮތުގައި އެއީ ކޮންމެ ދުވަހަކުވެސް ހިނގަމުން އަންނަ ކަމެކެވެ. ކޮންމެއަކަށް މި ސުވާލު އުފެދުނު ދުވަހުގެ މޫސުން ރިޕޯރޓުގައި ބުނެފައިވަނީ މާލެއަށް އެދުވަހު ވަރަށް ވިއްސާރަ ކުރާނެ ކަމަށެވެ. ނަމަވެސް އެދުވަސް ވެގެންދިޔައީ އާދަޔާ ޚިލާފަށް އަވިގަދަ ދުވަހަކަށެވެ. 

ކޮންމެއަކަސް އެދުވަހުގެ ހަވީރުގެ ވަގުތެއްގައި އޭރު މޫސުން ރިޕޯޓް ނަގައި ތައްޔާރު ކުމުގައި އުޅުއްވާ ސައިކުރާ އިބްރާހިމް ނައީމް ވެލާނާގެއަށް ގެންނަވައި ރައީސް ނާސިރު އެންގެވިކަމަށްވަނީ މީގެފަހުން މޫސުން ކުރިއަށް ލަފާކުރާގޮތް ރޭޑިއޯ އިން ނުގޮވައި އަބަދުވެސް މޫސުން ހުރިގޮތް ކިޔާދިނުމަށެވެ. 

މިއީ ތުންތުންމަތިން އެދުވަސްވަރު ދެކެވުނު ސަމާސާ ވާހަކައަކަށްވީމާ ދޮގަކަށްވެސް ވެދާނެއެވެ. އެހެންކަމަށް ވާނަމަ އެ ދެބޭފުޅުންގެ އަރިހުން އަޅުގަނޑު މަޢާފަށް އެދެމެވެ. މިވާހަކައަށް އިޝާރާތް ކޮށްލުމުގެ ބޭނުމަކީ ޓެކްނޯލޮޖީ އާއި އިންސާނުންގެ ގުޅުންތައްވެސް މިހާ ވަރުގަދަވެފާއޮތް ޒަމާނެއްގައި ހުޅަނގުގެ މީޑިއާތަކުގެ ފޯކާސްޓުގެ އެއްވެސް އިތުބާރެއް ނެތްވާހަކަ ބުނެލުމަށެވެ.

އެބައިމީހުން ނުރުހޭ ބޭފުޅެއްގެ ވާހަކަ ދައްކާނަމަ ބިސްމި އަޅާނީވެސް އެބޭފުޅަކަށް ފަނިގޮވަމުންނެވެ. މިހާރުވެސް ބައިނަލް އަގްވާމީ ބައެއްމީޑިއާގައި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނުގެ ވާހަކަ ގެންނައިރުވެސް ފަށައިގަންނާނީ އެ ބޭފުޅާއަކީ ލަންޑަންގެ ނައިޓްކްލަބުތަކުގެ ރަސްގެފާނުކަމުގައި ބުނަމުންނެވެ. 

ނަތީޖާ މިދެއްކިގޮތުން ތުރުކީގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ދެހަފްތާގެ ތެރޭގައި ބޭއްވޭނެއެވެ. މިހާރުގެ ނަތީޖާގައި ރައީސް އުރުދުޣާން އުޅުއްވަނީ އެންމެ ކުރީގައެވެ. 49.50% ލިބިވަޑައިގެންނެވިއެވެ. އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ބޭނުން ފުޅުވަނީ ވަރަށް މަދު ވޯޓު ކޮޅެކެވެ. 

މިވަގުތު އިދިކޮޅުގެ އެންމެ ބޮޑު ޒުވާބަކީ އެމީހުންނަށް ވެރިކަން ލިބިއަޖެނަމަ ގައުމުގެ އިގްތިސާދު ހަމަޔަކަށް އަޅުވާނެކަމުގެ ވަޢުދުތަކެވެ. އުރުދުޣާންގެ ރައްދު ދިނުމުގައި ވިދާޅުވަމުން ގެންދަވަނީ އިދިކޮޅުސިޔާސީ ބޭފުޅުން އަނެއްކާވެސް ތުރުކީއަކީ ކުރީގެ ލާދީނީ ސެކިއުލަރ ވިސްނުމުގެ ގައުމަށް ހެދުން ހުއްޓުވޭނީ އެބޭފުޅާ އަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިގެން ކަމަށެވެ. އަދި ތުރުކީއަކީ ކާމިޔާބު ގައުމަކަށް ހެދުމަށްޓަކައި ހުޅަނގުން ޖަހާހާ ބެރަކަށް ތުރުކީން އެމަނިކުފާނުގެ ޒަޢާމަތުގައި ނަށާކަށް ނުޖެހޭނެކަމަށެވެ.

Loading

2 Responses

  1. މާތްﷲއުރުދުޣާން ތުރުކީގެ އިންތިޚާބް ކާމިޔާބް ކުރައްވާ ށި އާމީން

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް