ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ދުވަސްތައް ގުނަމުންގެންދާ ލެބަނަންގައި އާ ސަރުކާރެއް އުފެއްދުމަށްޓަކައި ރައީސަކު އިޚްތިޔާރުކުރަން އެ ގައުމުގެ ބައިބައިވެފައިވާ ސިޔާސީ ފަރާތްތަކަށް އީރާނުގެ ޚާރިޖީ ވަޒީރު ގޮވާލައްވައިފިއެވެ.
ސަޢޫދީ އެރޭބިޔާ އާއިއެކު ސުލްޙައިގެ އެއްބަސްވުމަކަށް އައުމަށްފަހު ފުރަތަމަ ފަހަރު ލެބަނަންއަށް މިއަދު ( ބުރާސްފަތި 27 އޭޕްރިލް ) ވަޑައިގެން އުޅުއްވާ އީރާނުގެ ޚާރިޖީ ވަޒީރު ހުސައިން އަމީރު ވިދާޅުވީ ތެހެރާނުން އަބަދުވެސް ބޭނުންވަނީ ލެބަނަންގެ ސިޔާސީ ތަފާތު ވިސްނުންތައް ގައުމު ބިނާކުރުމަށްޓަކައި ބޭނުން ކުރުމަށެވެ.
ލެބަނަންގެ ސިޔާސީ ފިކުރު އޮންނަނީ އީރާނާއި ސަޢޫދީ އެރޭބިޔާގެ ފަރާތަށް ދެކަފި ވެފައެވެ. މިސަބަބާއިހުރެ އެންމެ ފަހުން ހުންނެވި ރައީ މިޝޭލް އައުންގެ ރިޔާސަތު މިދިޔަ އޮކްޓޯބަރުމަހު ހުސްވުމަށްފަހު މިހާތަނަށް ވެސް ރައީސަކަށް ގެންނާނެ ބޭފުޅަކާ ބެހޭގޮތުން އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.
ލެބަނަންގެ ވަގުތީ ޚާރިޖީ ވަޒީރު ޢަބްދުއްލާ ބައުހަބީބާއި އެކު އީރާނުގެ ޚާރިޖީވަޒީރު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އީރާނާއި ސަޢޫދީގެ ސުލްޙައިގެ އެއްބަސްވުމަށް އިޝާރާތް ކުރައްވައި ވިދާޅުވީ މި ސަރަޙައްދުގެ ގައުމުތަކުން ވެވޭ އެކުވެރިކަމުގެ އެއްބަސްވުން ތަކާއި އުފެދޭ ރަނގަޅު ގުޅުންތަކުގެ ސަބަބުން ލެބަނަން އަށް ފައިދާކުރާނެ ކަމަށެވެ.
ސަޢޫދީއާއި އީރާނުގެ އެއްބަސްވުމުގައި ވާގޮތުން ސަރަޙައްދުގައި އުފެދިފައިވާ ދެކޮޅުވެރިކަން ނައްތާލުމަށާއި އެކުވެރި އަދި ފައިދާކުރަނިވި މާޙައުލެއް އުފެއްދުމަށް ބާރު އަޅާފައިވެއެވެ.
އީރާނުގެ ޚާރިޖީވަޒީރު ޔަގީންކަންދެއްވީ ލެބަނަންގެ ސިޔާސީ ފަރާތްތަކުން ކޮންމެ ބޭފުޅަކު ރިޔާސަތަށް ގެނައި ކަމުގައިވިޔަސް އީރާނުގެ ތާޢީދު އެބޭފުޅަކަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ.
ރިޔާސަތަށް ވާދަކުރައްވާ އެންމެ ވާދަވެރި ދެބޭފުޅުންނަކީ ހިޒްބުއްލާ ޖަމާޢަތުގެ ތާއީދު ލިބިވަޑައިގެންފައިވާ ސުލައިމާނު އަލް ފަރަންޖީއާއި ސިފައިންގެ ކޮމާންޑަރ ޖޯސެފް އައުން އެވެ.
ނަސާރާއިންގެ އެންމެ ބޮޑު ޕާރޓީން ބުނަމުންގެންދަނީ ސަޢޫދީ އެރޭބިޔާއިން އަލް ފަރަންޖީއަށް ރުހުން ނުލިބޭނެތީ އެމީހުންވެސް ތާއީދެއް ނުކުރާނެ ކަމަށެވެ. އެހެންނަމަވެސް ބުދަދުވަހު ޓީވީ ގައި ވާހަކަފުޅު ދައްކަވަމުން އަލް ފަރަންޖީ ވިދާޅުވެފައިވަނީ އެބޭފުޅައަށް ރިޔާސަތު ލިބިއްޖެނަމަ ސަޢޫދީއާއެކު އޮންނަ ގުޅުން މިހާރަށްވުރެންވެސް ބަދަހި ކުރައްވާނެ ކަމަށެވެ.
އަދި ހިޒްބުއްލާ ޖަމާޢަތާއި އާއި ބައްޝާރުލް އަސަދާއެކު އޮންނަގުޅުމުން ވެސް ލެބަނަންއަށް ފައިދާކުރާނެ ކަމަށެވެ. ލެބަނަންގެ ރިޔާސަތަށް ބޭފުޅަކު އިޚްތިޔާރު ކުރުމަށް ޕާލަމެންޓުގައި މިހާތަނަށް ކުރެވުނު މަސައްކަތްވަނީ ނާކާމިޔާބު ވެފައެވެ. ފަރަންސޭސިންގެ އަތުން މިނިވަންކަން ލިބުނު ލެބަނަންގެ ގާނޫނު އަސާސީ ފަރަންސޭސީން އެކުލަވާލާފައިވާ ގޮތުން އެ ގައުމުގެ ރައީސަކަށް ހުންނަވަން ޖެހެނީ ނަސާރާ ދީނުގެ ބޭފުޅެކެވެ.
ބޮޑުވަޒީރަކަށް ސުންނީ މުސްލިމަކު ހުންނަވަން ޖެހޭއިރު ޕަރލަމެންޓުގެ ރައީސަކަށް ވޭވޭނީ ޝިޔާއީ މުސްލިމަކަށެވެ.