ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ނައިބު ރައީސް ފައިސަލް ނަސީމް ކުރެއްވުމުން ދުސްތޫރީ އޮޅުންބޮޅުންގަނޑެއް އޮތް ކަމަށް ބުނެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގް މަޖިލީހަށް ހުށަހެޅުއްވި ގަރާރު ބޭރު ކޮށްލައިފިއެވެ.
މި ގަރާރު މަޖިލީހަށް ބަލައިގަތުމާއި ދެކޮޅަށް 40 މެންބަރުން ވޯޓު ދެއްވިއިރު، ގަރާރު ބަލައިގަތުމަށް ހަތް މެންބަރަކު ވޯޓު ދެއްވިއެވެ. ވަކި ގޮތަކަށް ފެނިވަޑައިނުގަންނަވާ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވި އެވެ.
މި ގަރާރުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ކުރެއްވި އޮޕަރޭޝަނަކާއި ގުޅިގެން ހޭފުޅުނައްތާފައި ވާތީ، ނައިބު ރައީސް ކަމުގައި ހުންނެވި ފައިސަލް ނަސީމް ރައީސުލްޖުމްހޫރިއްޔާގެ ދުސްތޫރީ ހުވާ ކުރަށްވާފައިވާ ކަމަށެވެ. އަދި ރައީސް ސާލިހް އަނބުރާ ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ހަވާލުވެ ވަޑައިގަތުމުން ދުސްތޫރީ އޮޅުމެއް އުފެދިފައިވާ ކަމަށާ މި އޮޅުން ބޮޅުމަށް ސާފު ހައްލެއް ހޯދައިދިނުމަށް ތާރިގް ވަނީ ގޮވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ހޭނައްތައިގެން ތައިރޮއިޑް އޮޕަރޭޝަނެއް ކުރަންޖެހިވަޑައިގަތުމާ ގުޅިގެން ވަގުތީގޮތުން ވެރިކަމުގެ ބާރުތައް ނައިބް ރައީސް ފައިސަލް ނަސީމްއާ މިދިޔަ އަހަރުގެ ފެބްރުއަރީ 25 ވަނަ ދުވަހު ހަވާލުކުރެއްވިއެވެ. އެ ދުވަހުގެ ފަތިހު 5:50 ގައި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާ ނައިބް ރައީސް ހަވާލުވެވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކުރިފުޅުމަތީގައި ރައީސުލްޖުމްހޫރިއްޔާގެ ހުވާކުރައްވައިގެންނެވެ.
ނައިބު ރައީސް ފައިސަލްއަށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމު އަދުނާން އެވެ. ނަމަވެސް ހުވާކުރެއްވިތާ ތިން ގަޑިއިރާއި 40 މިނެޓް ފަހުން ރައީސް ސާލިހް އަލުން ވަނީ ރައީސުލްޖުމްހޫރިއްޔާ މަގާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފަ އެވެ.
އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވަނީ ފެބްރުއަރީ މަހު މި މައްސަލަ ސްޕްރީމް ކޯޓަށްވެސް ހުށަހަޅާފަ އެވެ.