ސަޢޫދީ އެރޭބިޔާއާއި އީރާނުން މަދަދުލިބިގެން މެދުއިރުމަތީގައި ރޯވެ ގޮވަމުންދިޔަ ހަނގުރާމައިގެ ހުޅުގަނޑު ނިންވާލުމަށްޓަކައި ދެގައުމުގެ ދެމެދުގައި ޒަމާންވީ ދެކޮޅުވެރިކަން ނިމުމަކަށް ގެނައުމަށް އެއްބަސަވެއްޖެކަމުގައި ރޮއިޓާސް އިން މިއަދު ޚަބަރު ދީފިއެވެ.
މި ހައިރާންކުރުވަނިވި އެއްބަސްވުމުގެ ސަބަބުން ޔަމަނާއި ސީރިޔާ އަދި އިރާގާއި ލެބަނަންގައި ހިނގަމުންދާ ދެކޮޅުވެރިކަންވެސްނިމުމަކަށް ގެނެވޭނެކަމުގެ އުންމީދު އާވެގެން ހިގައްޖެއެވެ. ޗައިނާއިން އިސްނަގައިގެން ސަޢޫދީ އެރޭބިޔާއާއި އީރާން އެކުވެރި ކުރުވުމާގުޅިގެން މެދުއިރުމަތީގައި އެކުވެރިކަމާއި އެއްބާރުލުމުގެ މަސްރަޙެއް އުފެއްދުމުގެ ފޮނިހުވަފެންތަކެއް ދަނީ ފެންނަމުން ނެވެ. އެހެންނަމަވެސް މިމަސްރަޙް ހަލަބޮލިކުރަން ބޭނުންވާ ބަޔަކު ބުނަމުންގެންދަނީ މިއީ ހަމަ ހުވަފެނެއް ކަމަށެވެ. ހުވަފެނުން ހޭލެވޭއިރު އޮންނާނީ އެކުވެރިކަމުގެ ގުޅުން ބޮއްސުންލާފައެވެ.
އަރަބިގައުމުތަކުގެ ސަފަށް ސީރިޔާ އަލުން ގެނައުމަށް ކުރެވެމުންދާ މަސައްކަތުގައި ސީރިޔާގެ ދާޚިލީ ހަނގުރާމަ ފެށުނީއްސުރެން ސަޢޫދީ އެރޭބިޔާއަށް ވަޑައިގެންނެވި ދިމިޝްގުގެ އެންމެ ފުރަތަމަ ސީނިއަރ ބޭފުޅަކަށް ރައީސް ބައްޝާރުލް އަސަދުގެ ޚާރިޖީ ވަޒީރު ވެގެންދިޔައީ މިދިޔަ ހަފްތާގައެވެ.
ހަމަ މިއާއެކު ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނާ ބައްދަލުކޮށް ސުލްޙައިގެ މަގަށް ދައުވަތު ދިނުމަށް ވަޑައިގެންނެވި ސަޢޫދީ އެރޭބިޔާގެ ވަފްދު ޔަމަނުން ފުރާވަޑައިގަތީ ޔަމަނުގައި ހިނގަމުންދިޔަ އަނިޔާވެރި ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިއްޖެކަމަށާއި އިތުބާރު އުފެއްދުމުގެ ފިޔަވަޅެއްގެ ގޮތުން ދެފަރާތުގެ އަސީރުންގެ ތެރެއިން 800 މިހުން މިއަންނަ ހޮނިހިރު ދުވަހު މިނިވަން ކުރެވޭނެ ކަން ޢިއުލާން ކުރައްވަމުންނެވެ.
އަދި އިރާގާއި ލެބަނަންގައި ހިނގަމުންދާ އަރާރުންތައް ހުއްޓުމަކަށް ގެނެސް މިހާރު ވެއްޓިފައިވާ އިގްތިސާދީ އަނދަވަޅުން އަރައިގަތުމަށްޓަކައި ސަޢޫދީ އެރޭބިޔާއާއި އީރާނަކީ އެކުވެރިންގެ ގޮތުގައި ތިބުމުގެ ބޭނުންވެސް ހަނދާންކޮށްދެމުންނެވެ.
ރައިސް ޔުނިވަރސިޓީގެ ބާކަރސް އިންސްޓިޓީޔުޓްގެ ފެލޯ ފޯރ މިޑްލް އީސްޓް ކްރިސްޓިއަން އުލްރިޗްސަން ދެކޭގޮތުގައި ސަޢޫދީ އާއި އީރާން އަދި ޗައިނާގެ ގުޅިފައިވާ ސުލްޙައިގެ އެއްބަސްވުމަށްފަހު މެދު އިރުމަތީގެ މަސްރަޙު ބަދަލުވެގެން މިދަނީ ދުވަހަކުވެސް ހީނުކުރާފަދައަވަސް ބާރު މިނެއްގައެވެ.
ހަމަމިމޭރުމުން މިޑްލް އީސްޓް އިންސްޓީޓީއުޓުގެ ސީނިއަރ ފެލޯ ވާހަކަދައްކަމުން ބުނެފައިވަނީ މެދުއިރުމަތީގެ މަސްރަޙު ބަދަލުވެގެން މިދާ ދުވެއްޔާމެދު ޙައިރާންވާ ކަމަށާއި އެކަމަކު ފެންނަ ފެނުމާއި ނަތިޖާއަކީ ހަމަ އެކައްޗެއްކަމަށް ވެދާނެ ބާވައޭ ހީކުރެވޭ ކަމަށެވެ.
ފާއިތުވެގެންމިދާ ދިހަވަރަކަށް އަހަރު ސަޢޫދީ އެރޭބިޔާވެސް ގެންދިޔައީ އީރާނާ ދޭތެރޭ ނުރުހުމުގެ ލޮލަކުން ބަލަމުންނެވެ. 2014 ވަނައަހަރު އީރާނުގެ މަދަދު ލިބެމުންދާ ހޫތީންޔަމަނުގެ ވެރިރަށް ހިފުމާގުޅިގެން އެމީހުން ބަލިކުރުމަށްޓަކައި ސަޢޫދީ އެރޭބިޔާގެ އޭރުގެ ދިފާއީ ވަޒީރު މުޙައްމަދު ބިން ސަލްމާނު އެމިރެޓްސްއާއެކު މިލިޓަރީ ކޯލިޝަނެއް ގާއިމްކުރެއްވިއެވެ.
އެހެންނަމަވެސް ފާއިތުވެގެން މިދާ އަށެއްކަ އަހަރުދުވަހު ޔަމަނުގެ ހަނގުރާމަ އިތުރަށް ފުޅާވެގެން ދިއުންވެސް ނުހުއްޓުވުނެވެ. އަދި ސަޢޫދީއަށް އިގްތިސާދީ ގޮތުންވެސް ބޮޑެތި ގެއްލުންތަކަކާއިކުރިމަތިލާން ޖެހުނެވެ. މުޙައްމަދު ބިން ސަލްމާނުގެ މިހާރުގެ އަމާޒަކީ 2030 ގެ ވިޝަން ކާމިޔާބުކުރުމެވެ.
އެމަނިކުފާނުގެ ލަނޑުދަނޑިއަކީ ސަޢޫދީ އިގްތިސާދުގައި ތެލަށް ބަރޯސާވުން ކުޑަކުރުމަށްޓަކައި ތަފާތުގޮތްގޮތުން ސަޢޫދީ އެރޭބިޔާގެ އިގްތިސާދު ފުދުންތެރިކުރުމެވެ.
ގަލްފުގެ ތަޖްރިބާކާރުން ދެކިވަޑައިގަންނަވާ ގޮތުގައި ހަނގުރާމަކޮށްގެން އީރާން ބަލިކުރުމަކީ މެދުއިރުމަތީގެ ގައުމުތަކަށް ކުޅަދާނަ ކަމަކަށް ނުވާނެއެވެ. ހަނގުރާމައިގެ އުކުޅުތަކަށާއި އަމިއްލަ ހަތިޔާރު ފުރެއްދުމުގެ ރޮގުން އީރާނު އޮތީ މާކުރިއަރާފައެވެ. ކަންދިމާވި ގޮތުން މިހާތަނަށް އެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ދެމިއޮތް އެމެރިކާއާއި ގަލްފުގެ ގައުމުތަކުގެ ގުޅުންވެސް ހީނަރުވަމުން ދިއުމާއިއެކު ސިޔާސީގޮތުން އެއްބައިވަންތަކަން ގާއިމު ކުރުމަކީ އެންމެ ރަނގަޅުގޮތް ކަމުގައި ގަބޫލުކުރެވުނީއެވެ.
އީރާނުން ގަބޫލުކުރާ ގޮތުގައިވެސް ސިޔާސީގޮތުންނާއި އިގްތިސާދީގޮތުން އަވަށްޓެރިންނާއިއެކު ގުޅުންގާއިމް ކުރުން ބޭނުމެވެ. އަދި އަމުދުން ސަރަޙައްދުގައި އީރާނުގެ މަގާމުވެސް ވަރުގަދަކޮށް އޮތުމާއެކުގައެވެ. ފާއިތުވެގެން ދިޔަ ވިއްސަކަށް އަހަރުގެ ތަޖްރިބާއަށް ބަލާއިރު މެދުއިރުމަތީގައި އީރާނުގެ ދައުރާމެދު އެގައުމުން ހިތްހަމަޖެހެއެވެ.
ފަލަސްތީނާއި ޔަމަނާއި އިރާގާއި ސީރިޔާ ފަދަ ގައުމުތަކުގައި އީރާނުގެ ނުފޫޒު އޮތީ އެގައުމުން ބޭނުންވާ ވަރަށް ގާއިމް ކުރެވިފައެވެ. ސަޢޫދީ އެރޭބިޔާއާއި އެމިރެޓްސްގެ ދިފާއީ ފެންވަރުވެސް އީރާނަށް ރަނގަޅަށް އެނގިއްޖެއެވެ.
ގަލްފު ސަރަޙައްދުގައި ސުލްޙައާއި އެއްބާރުލުމަށް ވަކާލާތު ކުރެވޭ މި ދަނޑިވަޅުގައި އީރާނުގެ ނިއުކްލިއަރ މަޝްރޫއުގެ ވާހަކަތައް ހިމެނިފައެއް ނެތެވެ. އެހެންވީމާ ކައިރި މުސްތަގްބަލެއްގައި މިއީ މައްސަލައަކަށް ވެ އަނެއްކާވެސް ދެބަސްވުންތަކަށް މަގުފަހިވެގެން ހިނގައިދާނެކަމަށް ބައެއް ތަޖްރިބާކާރުން ދެކިވަޑައިގަންނަވައެވެ.