އެމެރިކާގެ މަޝްހޫރު ބްލޫންބާރގް އިން ޚަބަރު ދެމުންގެންދާ ގޮތުގައި މީގެ ތިން އަހަރު ކުރިން އޯޕެކް ޕްލަސް އަރިއަޅާލި ވަގުތު އެގައުމުތައް އެއްބައިވަންތަކުރުމުގައި އެމެރިކާގެ ވަރަށް އިސް ދައުރެއް ކުޅެން ލިބުނު ކަމަށް ގަބޫލުކުރަން ޖެހެއެވެ. އެހެންނަމަވެސް މިއަދު އެ މަންޒަރު ވަނީ އެއްކޮށްބަދަލު ވެފައެވެ.
ޚުލާސާގޮތެއްގައި ބުނާނަމަ ޖިއޯޕޮލިޓިކްސްގައި ބަދަލުވަމުންދާ އެމެރިކާގެ އެކުވެރިންގެ ވުޖޫދުން ސަޢޫދީއެރޭބިޔާ ނެއްޓި ރަޝިޔާއާއި ޗައިނާގެ އޯބިޓްތެރެއަށް ވަދެގެން ހިނގައްޖެއެވެ. އަދި އެތަކެއް ޒަމާނަކަށް ދެކޮޅުވެރިކަމުގެ ވެއްޓެއްގައި ތިބި އީރާނާއި ސަޢޫދީ އެރޭބިޔާވެސް ސަރަޙައްދުގެ މަސްލަޙަތަށްޓަކައި އެކުގައި މަސައްކަތްކުރާ ބައިވެރިންނަށް މިވަނީ ވެފައެވެ.
ނަތީޖާއެއްގެ ގޮތުން ތެލުގެ އިންޑަސްޓްރީގައި އެމެރިކާ ކުޅެމުން ގެންދިޔަ ބާރުގަދަ ރޯލު ތާރީޚުން ދުވަހަކުވެސް ނުފެންނަ މިންވަރަށް ނިކަމެތިވެގެން ދިޔައީއެވެ.
މިއަދު ފެންނަ މަންޒަރުތަކުން އެނގިގެންދާ ހަގީގަތަކީ ސަޢޫދީ އެރޭބިޔާއާއި ރަޝިޔާގެ ގުޅުމުގެ ސަބަބުން އެމެރިކާގެ އިގްތިސާދު ނަގަހައްޓަން އުދަނގޫ މިންވަރަކަށް އަރި އަޅާލާފާނެ ކަމާއި އަދި ޖޯ ބައިޑަން ދެވަނަ ދައުރަކަށް ރައީސްކަމަށް ވާދަކުރުން ނާކާމިޔާބީއާއި ކުރިމަތިލުމުގެ ސަބަބަކަށްވެސް ވެދާނެކަމެވެ.
މިމަހުގެ ތެރޭގައި އޯޕެކް ޕްލަސް އިން ތެޔޮ އުފެއްދުން މަދުކުރަން ނިންމި ނިންމުމަކީ ރައީސް ބައިޑަން ސަޢޫދީ އަށް ވަޑައިގެން ތެޔޮ އުފައްދާ މިންވަރު އިތުރު ކުރުމަށް ބާރު އެޅުއްވިފަހުން ދެވަނަފަހަރަށް ތެޔޮ އުފެއްދުން މަދުކުރެވިގެން ދިޔަ ފަހަރެވެ.
މިއީ އަދި ފެށުމެއް ކަމުގައި ގަބޫލުކުރަން ޖެހެއެވެ. އޯޕެކް ޕްލަސް ގައި ހިމެނޭ ގައުމުތަކުން އަހަރެމެންގެ ކަންތައްރާވައި ހިންގަންވީ މަގު އަހަރެމެންނަށް އެނގެއޭ އެމެރިކާއާ ދިމާލަށް ބުނާކަހަލައެވެ.
މިފަހަރު ތެޔޮ އުފެއްދުން މަދުކޮށްލުމުގެ ނަތީޖާއަކަށް ވެގެން މިދިޔައީ ފީފާއަކުން 2 ޑޮލަރު އަގު އުފުލުމެވެ. އޯޕެކްގެ އަމިއްލަ އަންދާޒާގައިވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ މިންވަރު މިއަހަރުގެ ފަހުކޮޅު އަދިވެސް މަދުވާނެއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު އުޅޭނީ 80 އެމެރިކާ ޑޮލަރުގައެވެ. ދުނިޔޭގެ ބާޒާރަށް ނެރޭ ތެލުގެ މިންވަރު މަދުވެފާ އަގުބޮޑުވުމަކީ ދުނިޔޭގެ އިގްތިސާދަށް އަންނާނެ އެންމެ ބޮޑު ގޮންޖެހުމެވެ.
އޭގެ ނަތީޖާއަކަށް ވެގެންދާނީ ގައުމުތަކުގެ އިންފްލޭޝަން މައްޗަށް ދިއުމާއިއިގްތިސާދު އަދިވެސް ބޮޑަށް ނުކުޅެދުމަށް މަގުފަހިވެގެން ދިއުމެވެ. ތެލާ ނުލައި ދިރިއުޅުމަކީ ދަތި އުދަނޫކަމެކެވެ. ތެލަށް ހޭދަނުކޮށް ފަރުޖެއްސޭކަށް ނޯންނާނެއެވެ. އެކަމަކު އޭރުން އެހެން އެއްޗެހި ގަންނާނެ ފައިސާއެއް ޖީބަކުނުހުންނާނެއެވެ. ބްލޫމްބާރގްގެ އިގްތިސާދީ ތަޖްރިބާކާރުން ދެކޭގޮތުގައި ތެލުގެ އަގުން އުފުލޭ ކޮންމެ 5 ޑޮލަރަކަށް އެމެރިކާގެ އިންފްލޭޝަން %0.2 އުފުލޭނެއެވެ. ފެޑެރަލް ރިޒާވުން އެއްޗެހީގެ އަގުތައް ބޮޑުވިޔަ ނުދޭން މަސައްކަތްކުރާ ދަނޑިވަޅެއްގައި މިއީ އަޑުއަހަން ފަސޭހަ ވާހަކައަކަށް ނުވާނެއެވެ.
ސަޢޫދީ އެރޭބިޔާއިން އެހެން ގައުމުތަކާއިއެކު ގިނަ ވިޔަފާރިތަކެއް ކުރަމުން ގެންދިމުގެ ސަބަބުން އެމެރިކާއަށް މިޙާލަތު އިތުރަށް ގޯސް ވެގެންދާކަމަށް ތަޖްރިބާކާރުން ދެކެއެވެ.
މާޒީއަށް ބަލާއިރު އޯޕެކް ޕްލަސް އޮތީ އެއްގަލަކަށް ނޭރިފައޭ ބުނެވިދާނެއެވެ. އެމެރިކާއިން ތެޔޮ އުފެއްދުމުގައި ގެންގުޅުނު ސިޔާސަތުގެ ސަބަބުން އޯޕެކް ޕްލަސް ވަރަށް އުދަނގޫ ފައްތަރަކަށް ވެއްޓުނެވެ. 2020 ވަނައަހަރު ސަޢޫދީއެރޭބިޔާއާއި ރަޝިޔާ އެކުގައި މަސައްކަތްކުރަން ނިންމީ އެ އުދަގުލުން ސަލާމަތްވުމަށެވެ.
ސަޢޫދީ އެރޭބިޔާގެ ކުރީގެ ތެލާބެހޭ ވަޒީރުގެ ޚާއްސަ މުޝްތަޝާރު މުޙައްމަދު އަލް ޝައްބާނު ޝަރްގަލް އަވްސަތު ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ އޯޕެކް ޕްލަސް އަކީ ހުޅަނގުން ހީކުރާގޮތަށް ސިޔާސީ ޙަރކާތެއް ނޫނެވެ.
އެ ގްރޫޕުން އިގްތިސާދާއި ސިޔާސަތު މަސްހުނި ނުކޮށް ކަންތައްކުރަން ދަންނާނެއެވެ. އޯޕެކް ޕްލަސްގެ އެއްބައިވަންތަ ކަމުގައި މުސްތަގްބަލްގައި ފަނިއެޅިޔަސް އެމެރިކާއިން މިހާރު ގަބޫލު ކުރަން ޖެހިފައިވާ ޙަގީހަތަކީ ދުނިޔޭގައި އެއާނުލާ އެއްވެސްކަމެއް ކުރެވެންނެތް ތެލުގެ ކޮންޓްރޯލް މިއަދު އޮތީ އެމެރިކާއަށް ރަޙުމަތްތެރިއެކޭ ބުނަން އުދަނގޫ ސަޢޫދީ އެރޭބިޔާގެ ބާރުގެ ދަށުގައެވެ.
މިއަދަކީ ވޯޝިންޓަނާއި ލަންޑަނާއި އަދި ބާރލިން އާއި ޕެރިސްއަށް ތެލުގެ އިންޑަސްޓްރީގައި ފުރަތަމަ ފަހަރު އެއްވެސް ބައިވެރިއަކު ނެތިގެން ދިޔަ ދުވަސް ކަމުގައި ތާރީޚުގައި ލިއެވިގެން ދިޔަދުވަސް ކަމުގައިވެސް ވެގެންދިޔައީއެވެ.
ފާއިތުވެގެން ދިޔަ އެތައް އަހަރެއްގައި ސަޢޫދީ އާއި އެމެރިކާގެ އޮއިލް ފޯރ ސެކިއުރިޓީ އަކީ ހަކަތައިގެ އިންޑަސްޓްރީގެ މައި ތަނބު ކަމުގައި އައީ ބަލަމުންނެވެ. އެކަމަކު މިހާރު އެ ތަނބެކޭ ވެއްޓެންއުޅޭ ދަތެކޭ ތަފާތެއް ނެތެވެ.
އެއީ 1945 ވަނައަހަރެވެ. ސުއޭސްކެނަލް ތެރޭގައި އޮތް އެމެރިކާގެ މަނަވަރެއްގައި އޭރުގެ ރައީސް ފްރޭންކްލިން ޑީ. ރޫޒަވެލްޓް ސަޢޫދީ ރަސްގެފާނު ސަޢޫދު ބިން އަބްދުލް އަޒީޒާއި ބައްދަލުކުރައްވައި އަހަރެމެން ބުނާގޮތަކަށް ކަލޭމެންގެ ތެލުގެ ސިޔާސަތު ގާއިމުކުރަނިކޮށް އަހަރެމެން ސަޢޫދީ އެރޭބިޔާގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށްދޭނަމޭބުނެ ސަޢޫދީގެ ތެލުގެ ބާރު އެމެރިކާގެ އަތްމައްޗަށް ފުރޮޅާލި ދުވަހެވެ.
މިހާރު މިއީ އެދުވަސް ނޫންކަން ގަބޫލުކުރަން މިވަނީ ޖެހިފައެވެ. 2019 ވަނައަހަރު ސަޢޫދީއަށް ހަތިޔާރު ވިއްކުން ހުއްޓާލާނަމޭ ސަލާންޖަހާ ނާށިގަނޑު ހިފައިގެން ސަޢޫދީ އެރޭބިޔާ މަގުމައްޗަށް ނިކުންނަންޖެހޭ ވަރު ކޮށްލާނަމޭ އެމެރިކާގެ ރައީސް ބައިޑަން ވިދާޅުވެ އިންޒާރު ދިނަކަސް ފެންނަމުންދަނީ މުޅިން ތަފާތު މަންޒަރެކެވެ.
ސަޢޫދީއެރޭބިޔާގެ ވަލީއަޙުދު ބޭނުންފުޅުވަނީ ތެލުގެ މުއްސަނދިކަމުން ލިބޭ އާމްދަނީން އެހެން މަޝްރޫއުތައްވެސް ހޯދައި އިންވެސްޓް ކުރާށެވެ. އަދި ޗައިނާގެޝަންހާއި ކޯޕަރޭޝަން އޯގައިނައިޒޭޝަންގައި ބައިވެރިވުމަށްވެސް ސަޢޫދީން މިހާރު އޮތީ ނިންމާފައެވެ. މިއީވެސް ސަޢޫދީން އެމެރިކާއާއި ފެޔަށް ޖެހެމުންދާ ކަމުގެ ހެއްކެެއްކަމަށް ފުދޭނެއެވެ.