އަންނަމަހުގައި ބޭއްވޭ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދު ބޮޑުކަމަށާއި އަދި އެކާމިޔާބީ ވެގެންދާނީ އެމަނިކުފާނާއި އިދިކޮޅު ކެންޑިޑޭޓަށް ތާއީދު ކުރަމުންގެންދާ ހުޅަނގަށް ލިބޭ މެސެޖަކަށް ކަމުގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ ޝުއޫރުތައް ހުރިގޮތުން ވަރަށްބޮޑަށް ހިތްހަމަޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ސީ އެން އެން ޓޯރކް ޓެލެވިޒަނުގައި ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވީ މޭ މަހުގެ 14 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި އަހަރެންގެ ގައުމުގެ ރައްޔިތުން ބޭނުންވާ ގޮތް ނިންމާދެއްވާނީ އެއްވެސް ދެކޮޅުވެރި ކަމެއްނެތި ސުލްހަވެރި ކަމާއި އެކުގައިކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ތުރުކީގައިވެސް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަކަށް ނުގޮސް ކާމިޔާބުކުރުމަށްޓަކައި ވޯޓުލާމީހުންގެ %50 އަށްވުރެން ގިނައިން ކާމިޔާބު ކުރަން ޖެހެއެވެ.
ޚަބަރުތަކުން އެނގެމުންދާ ގޮތުގައި ހުޅަނގުގެ ގައުމުތަކުގެ އުދަނގުލާހުރެ މިފަހަރުގެ އިންތިޚާބު ކާމިޔާބުކުރުން އުރުދުޣާނަކަށްވެސް ފަސޭހައެއް ނުވާނެއެވެ.
ހުޅަނގުގެ ގައުމުތަކުން ފާޅުކަންބޮޑު ގޮތެއްގައި ދަނީ އިދިކޮޅު ކެންޑިޑޭޓް ކެމާލް ކިލިޗިދަރޯ ( ކަމާލް ގަލީޖްދާރު އޫޣުލޫ ) އަށް ތާއީދު ކުރަމުންނެވެ. މިކަމާއި ގުޅިގެން ދާދި މިދާކަށްދުވަހު ތުރުކީގައި ހުންނަވާ އެމެރިކާގެ ސަފީރުވެސް ވަނީ ޚާރިޖިއްޔާއަށް ހާޒިރުކުރުވާފައެވެ.
މިއިންތިޚާބުގައި ތުރުކީގެ ރައްޔިތުން ހުޅަނގަށް ރީތި މެސެޖެއް ދޭނެކަމަށް ބެލެވެއެވެ. މިގައުމުގެ އިގްތިސާދު ރަނގަޅުކުރަން މަސައްކަތް ކުރަމުން ގެންދާ މިދަނޑިވަޅުގައި ހުޅަނގާދޭތެރޭ ވިސްނާކަށް މިގައުމުގެ ރައްޔިތުންނަކަށް ވަގުތެއް ނެތެވެ.
ހުޅަނގުން ފަތުރާ އިދިކޮޅު ޝުއޫރުތަކުގައި ހާމަކުރަމުން އެގެންދަނީ އުރުދުޣާންގެ ވެރިކަން ނިންމުމަށެވެ. އެމީހުންގެ އިދިކޮޅު ޝޫޢޫރުތައް އަމާޒު ކުރަމުން ގެންދާ އުރުދުޣާނަކީ ތުރުކީ ކަމެއް އެމީހުންނަކަށް ރޭކައެއް ނުލައެވެ. އެކަމަކު މޭ މަހުގެ 14 ވަނަދުވަހު އުރުދުޣާނަކީ ތުރުކީކަން ހުޅަނގަށް އެނގޭނެއެވެ. ރައީސް އުރުދުޣާންގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ތުރުކީން ވަކިވެގަންނަން މަސައްކަތްކުރާ ކުރުދީންނަށް ތާއީދު ކުރަމުންގެންދާތީ އުރުދުޢާންގެ ވެރިކަމުގައި މިހާރުވެސް އެގެންދަނީ ސްވިޑްންއަށް ނޭޓޯގެ މެމްބަރުކަން ދިނުމަށް ދެކޮޅުހަދަމުންނެވެ. އަދި ނޭޓޯއިން ދެކޮޅު ހަދަމުންގެންދަނިކޮށް ރަޝިޔާގެ އެއަރ ޑިފެންސް ސިސްޓަމްވެސް ގަތީއެވެ.
ނޭޓޯ އިން ބުނާގޮތުގައި ތުރުކީން ރަޝިޔާގެ އެއަރ ޑިފެންސް ސިސްޓަމް ގަތުމަކީ ނޭޓޯއަށް ނުރައްކަލެކެވެ. އަދި ޝެނަހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަންގައި ބައިވެރި ވުމަށް ބޭނުން ކަމުގައިވެސް އުރުދުޣާން ގެންދަވަނީ ވިދާޅުވަމުންނެވެ.އެއީވެސް އެމެރިކާއާއި ހުޅަނގުން ނުރުހޭކަމެކެވެ.
2023 ފެބްރުއަރީގައި ތުރުކީއަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވެދިޔަ ބައިލައްކާއެއްހާ މީހުންނާއި ގައުމަށް ލިބުނު ގެއްލުންތަކުގެ ވާހަކައަކީ އިންތިޚާބާއި ދިމާކޮށް އެންމެ ބާރަށް ދެކެވޭ ވާހަކަތަކެވެ. އުރުދުޣާން ޒިންމާ ނަންގަވަން ޖެހޭނެކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދާވާހަކަތަކަށް އާއެކޭ ބުނަމުންގެންދާ މީހުންވެސް މަދެއްނޫނެވެ.
އެ ވާހަކަތަކަށް ރައްދުދެއްވައި ޓީ ވީ ގައިވާހަކަފުޅު ދައްކަވަމުން އުރުދުޣާން ވިދާޅުވީ ބިންހެލުމުގައި ވެއްޓުނު 173000 އިމާރާތުގެ ސަލާމަތީ ފެންވަރު ދަށްކޮށް އިމާރާތްކުރި ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަމަށާއި އަދި އެއީވެސް ޖިނާއީ ގާނޫނުގެ ހުދޫދުގެ ތެރިން މަޢާފް ނުލިބޭނެ ކުށެއްގެ ގޮތުގައި ހައްދަވާނެ ކަމަށެވެ.
މީގެއިތުރުން އިސްތަންބޫލް ފަދަ ބައިބޯ ޝަހަރުތަކުގައި ހުރި ފެންވަރު ދަށް ޢިމާރާތްތައް ތަޅާލުމަށް ރޭވިފައިވާކަމަށްވެސް އުރުދުޣާން ވިދާޅުވިއެވެ.