ދެކުނު ޗައިނާކަނޑުގެ މައްސަލާގައި ޗައިނާއާއެކު ވާހަކަދައްކަން ތައްޔާރު – މެލޭޝިޔާ

Loading

April 5, 2023
profile
Facebook
Twitter
WhatsApp

މެލޭޝިޔާއިން ހިންގަމުންގެންދާ ހަކަތަ ހޯދުމުގެ މަސައްކަތަށް މަގުފަހިކުރުމުގެ ގޮތުން ދެކުނު ޗައިނާކަނޑު މިލްކުވެރި ކަމާއިމެދު އުފެދިފައިވާ މައްސަލަތަކުގައި ޗައިނާއާއި އެކު މަޝްވަރާ ކުރަން ތައްޔާރަށް ހުންނެވި ކަމުގައި މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވެއްޖެއެވެ.                           

ޗައިނާއިން ބުނަމުން ގެންދަނީ މުޅި ދެކުނު ޗައިނާ ކަނޑަކީ އެގައުމުގެ މިލްކެއް ކަމަށެވެ.އެ ކަނޑާ ބެހޭގޮތުން މިހާތަނަށް ދުނިޔޭގެ ކޯޓުން ނިންމާފައިވާ ނިންމުންތައް ޗައިނާއިން ގަބޫލެއއ ނުކުރެއެވެ. ކޮންމެ އަހަރަކު އެތައް ޓްރިލިއަން ޑޮލަރުގެ މުދާ ދެކުނު ޗައިނާކަނޑު ހުރަސްކޮށް އުފުލަމުން ގެންދެއެވެ.                     

މެލޭޝިޔާއާއި ފިލިޕީންސް އަދި ވިއެޓްނާމާއި ބުރޫނާއީ އިންވެސް އެ ކަނޑުގައި އެގައުމުތަކަށް ނިސްބަތްކުރެވޭ ސަރަޙައްދު ތަކެއް އޮންނަން ޖެހޭނެކަމަށް ގެންދަނީ ދަޢުވާ ކުރަމުންނެވެ. 

ހަމަ އެފަދައިން އެމެރިކާގެ ކަނޑުގެ ސިފައިންގެ އުޅަނދު ތަކުން ގެންދަނީ އެ ކަނޑުގައި އެއްވެސް ހުރަހެއްނެތި ބައިނަލް އަގްވާމީ ދަތުރުފަތުރު ކުރުން ކަށަވަރު ކޮށްދެމުންނެވެ.                                                   

މެލޭޝިޔާގެ ގައުމީ ހަކަތައާއި ބެހޭ ކުންފުނި ޕެޓްރޮނާސްއިން ތެޔޮނަގާ އެންމެ ބޮޑު ޕްލޭޓްފޯމްވެސް ހުންނަނީ ދެބަސްވުން އުފެދިވާ ސަރޙައްދު ތެރޭގައެވެ. ދާދީ މިދާކަށްދުވަހު މެލޭޝިޔާގެ ބޮޑުވަޒީ އަންވަރު އިބްރާހިމް ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލު ކުރައްވައި މެލޭޝިޔާގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައިވާކަމަށް ޚަބަރުލިބިފައިވެއެވެ.

ބޮޑުވަޒީރުގެ އޮފީހުގައި ކޮންމެ މަހަކު އެއްފަހަރު ބާއްވަމުން ގެންދަވާ މުއައްޒިފުންގެބައްދަލުވުމުގައި އަންވަރު ވިދާޅުވީ އަހަރެމެންނަކީ ކުޑަގައުމަކަށްވެފާ ތެލާއި ގޭސް ލިބިފައި ހުރުމަކީ ގައުމަށް ކޮންމެހެންވެސް ލިބިފައިހުންނަން ޖެހޭ ވަސީލަތެއް ކަމާއި ގޭހާއި ތެޔޮ ހޯދުމުގެ މަސައްކަތް ހުއްޓާލެވެން ނޯންނާނެކަމަށް ރައީސް ޝީ ޖިންފިންނަށް ދެންނެވިކަމަށް އަންވަރު ވިދާޅުވިއެވެ.

އެހެންވީމާ ވާހަކަ ދައްކައިގެން ޙައްލުކުރަންޖެހޭ ކަމެއް އޮތްނަމަ އެކަމަށް މެލޭޝިޔާ އޮތީއަބަދުވެސް ތައްޔާރަށް ކަމުގައިވެސް ދެންނެވީމެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.                                                    

ޗައިނާއިން ދެކުނު ޗައިނާ ކަނޑަށް ވެރިވެ ގަތުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރޭގައި ފަޅުހިއްކައިގެން ރަށެއް ތަރައްގީކޮށް އެރަށުގައި މިލިޓްރީ ވަސީލަތްތަކާއި އެއަރޕޯރޓެއްވެސް މިހާރު ޗައިނާއިން ވަނީ ގާއިމް ކޮށްފައެވެ.           

ސަރައްޙަދީ ގައުމުތަކުގެ މަސްބޯޓުތަކަށްވެސް ޗައިނާގެ ކަނޑުސިފައިންގެ އުޅަނދުފަހަރުން އުދަނގޫކުރަމުން ގެންދާ ކަމުގެ ޝަކުވާވެސް އަބަދާއި އަބަދު ލިބެމުންދެއެވެ.

ދެބަސްވުން އުފެދިފައިވާ ސަރަޙައްދު ތަކުން އެހެން ގައުމުތަކުން އެގައުމުތަކުގެ އިގްތިސާދީ ކަނޑުގެ ސަރަޙައްދު ކަމަށް ބުނަމުންގެންދާ ސަރަޙައްދު ތަކަށް ޗައިނާގެ ކަނޑުގެ ސިފައިންގެ އުޅަނދުތަކުން ވަދެއުޅޭތީ އެގައުމުތަކުގެ ޝަކުވާ ދެންނެވުމަށް މެލޭޝިޔާގައި ހުންނަވާ ޗައިނާގެ ސަފީރު 2021 ވަނައަހަރުވެސް މެލޭޝިޔާގެ ޚާރިއްޔާއަށް ހާޒިރުކުރެވުނެވެ. 

އަދި މިއަހަރު ކުރީކޮޅު ބޯރނިއޯ ސަރަޙައްދުގައި ޙަރަކާތްތެރި ވަމުންދިޔަ ފައިޓަރޖެޓްތަކަށްވެސް މެލޭޝިޔާއިން ހުރަސްއަޅަން މަސައްކަތް ކޮށްފައި ވެއެވެ.                                                       

ދެކުނު ޗައިނާކަނޑުގެ މައްސަލާގައި މެލޭޝިޔާއާއި ސަރަޙައްދުގެ އެހެން ގައުމުތަކާއި އެކު މަޝްވަރާތައް ކުރިއަށް ގެންދިއުން އަވަސްކުރަން ބޭނުންކަމަށް ޗައިނާގެ ޕްރިމިއަރ ލީ ގިއާންގް އާއި ޙަވާލާދީ ޒިންހުވާ ނޫހުންވަނީ ޚަބަރުދީފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ޗައިނާއަށް ވަޑައިގެންނެވި މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމާއެކު ބޭއްވި ބައްދަލުވުމުގައި ލީ ވިދާޅުވީ މި ސަރަޙައްދުގެ ސަލާމަތާއިއެއްބައިވަންތަ ކަމަށް ޗައިނާއިން އަބަދުވެސް އޮތީ ތައްޔާރަށް ކަމަށެވެ. 

އަދި ޗައިނާގެ ފްރީ ޓްރޭޑް ސިޔާސަތުގެ ދަށުން މި ސަރަޙައދުގެ ވިޔަފާރި އިތުރަށް ކުރިއަރުވައި ތަނަވަސް ކުރެވޭނެ ގޮތްތައްވެސް ބަލަމުން ގެންދާނެ ކަމަށް ލީ އަންވަރު އަރިހުގއި ދެންނެވިކަމަށް އެނޫހުން ޚަބަރުދީފައިވެއެވެ.     

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް