ޔޫކްރެއިން ހަނގުރާމަ އިތުރަށް ފުޅާވެގެން ދިއުމުގެ ބިރުބޮޑު

Loading

April 2, 2023
profile
Facebook
Twitter
WhatsApp

ދުނިޔޭގެ މަސްރަހަށް މިއަންނަ ބަދަލުތަކާމެދު ނުވިސްނާ ތިބެން ހެޔޮނުވާނެއެވެ. ދެކެވެމުންދާ ވާހަކަތަކާއި ދެމުންދާ އިންޒާރުތަކަކީ މީގެކުރިން ދުނިޔެ އަޑުއަހަމުން ދިޔަ ވާހަކަތަކެއް ނުވަތަ އިންޒާރުތަކެއް ނޫނެވެ.

ދެވަނަ ބޮޑު ހަނގުރާމައިގާ ޖަޕާނުގެ ހީރޯޝިމާއަށާއި ނާގަސާކީއަށް އެމެރިކާއިން ނިއުކްލިއަރ އެންމެ ބޮމެއް ވައްޓާލުމުން ވީރާނާވެގެން ދިޔަ މިންވަރު މިހާރުވެސް އެއޮތީ ތާރީޚަށްޓަކައި ރައްކާތެރި ކޮށްފައެވެ. 

މިއަދު ނިއުކްލިއަރ ބާރު ލިބިފައިވާ ގައުމުތަކުން އެންމެ ފުރަތަމަ އިންޒާރު ދެމުން އެގެންދަނީ ނިއުކްލިއަރު ހަތިޔާރު ބޭނުންކުރަން ފަސްނުޖެހޭނެ ކަމަށެވެ.                                                                

މިސިލްސިލާގައި އެންމެފަހުގެ ޚަބަރެއްގެ ގޮތުގައި ބައިނަލް އަގްވާމީ މީޑިއާއިން ފާހަގަކުރަމުން އެ ގެންދަނީ ބެލަރޫސްގެ ރައީސް އަލެކްޒަންޑަރ ލުކަޝެންކޯ އެގައުމުގެ ޕާލަމެންޓުގައި މިދިޔަ ހުކުރުދުވަހު ދެއްކެވި ވާހަކަފުޅެވެ. 

ނިއުކްލިއަރ ހަތިޔާރު ބޭނުންކުރައްވައިގެން ނަމަވެސް ގައުމު ދިފާއު ކުރައްވާނެ ކަމުގެ ޔަގީންކަމެވެ. ހަމަކަށަވަރުންވެސް ގައުމެއްގެ ރައީސް އެގައުމުގެ އެންމެ ބާރުގަދަ މުއައްސަސާ ކަމުގައިވާ ޕާލަމެންޓުގައި އެ މޭރުމުން ވާހަކަފުޅު ދައްކަވާނީ އެ ގައުމަކަށް ނުރައްކާތެރިކަން ކުރިމަތި ވުމުގެ ބިރު އޮތީމައެވެ.           

ދުނިޔެއަށް ކުރިމަތި ވެފައިވާ ނުރައްކާތެރި ބިރުވެރިކަމާއިދޭތެރޭ ވިސްނާ ފިކުރުކުރަންއެބަ ޖެހެއެވެ.         

ލުކަޝެންކޯގެ ވާހަކަފުޅު ބިނާކުރެއްވީ ޕޯލޭންޑުން ބެލަރޫސްއަށް އަރާގަންނަން އުޅޭ ކަމަށް ތުޙުމަތު ކުރައްވާފައެވެ. އިންޓަރފެކްސް އިން ޚަބަރުދީފައިވާ ގޮތުގައި ޕޯލޭންޑުން ބެލަރޫސް އަށް އަރާގަންނަން އުޅޭ ކަމަށް މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ޕާލަމެންޓުގައި އޭނާ ވިދާޅުވިއެވެ. 

ބޭރުގެ އޭޖެންޓުން އެތެރެއިންނާއި ބޭރުގެ އެހީގައި ވިޔަސް މި ގައުމާކުޅެން އުޅެފިނަމަ ރައީސް ޕޫޓިންއާއި ގުޅިގެން ސްޓްރާޓީޖިކް ނިއުކްލިއަރ ހަތިޔާރު ބޭނުންކޮށްގެން ވިޔަސް މިގައުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އަހަރެން ނުކުރާނެ ކަމެއް ނޯންނާނެ ކަމަށެވެ.

ބެލަރޫސްގެ ހަތިޔާރު ގުދަން ތަކުގައިހުރީ ހަމައެކަނި އާދައިގެ ނިއުކްލިއަރ ހަތިޔާރެއް ނޫނެވެ. ފަނާކުރަނިވި ނިއުކްލިއަރ ހަތިޔާރުގެ ގާބިލުކަންވެސް ބެލަރޫސްއަށް ލިބިފައި ވެއެވެ.

މިގައުމާއި ދެކޮޅަށް މަސައްކަތްކުރާ ބޭރުގެ ކަނޑުކޮހުން މިކަން ދަންނަން ޖެހޭނެއެވެ.ބެލަރޫސްގެ ވެރިން ޕޯލޭންޑަށް ތުޙުމަތު ކުރައްވައި މީގެ ކުރިންވެސް ވަނީ ވާހަކަފުޅުދައްކަވާފައެވެ. އަދި ޕޯލޭންޑުން އެ ގައުމަށް ހަމަލާއެއް ދީފިނަމަ ވަރަށް އަނިޔާވެރި ބަދަލު ހިފުމަކުން ބަދަލު ހިފާނެކަމަށްވެސް ބެލަރޫސްގެ ވެރިން ގެންދަވަނީ ވިދާޅުވަމުންނެވެ.

ރައީސް ލުކަޝެންކޯ ހާމަކުރެއްވި ގޮތުގައި ރަޝިޔާއާއި ބެލެރޫސްއަކީ މިލިޓްރީ ގޮތުންނާއި އެހެނިހެން ދާއިރާތަކުގައިވެސް އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރާ ދެ ސްޓޭޓް ގޮތުގައި ދެމިތިބުމަށް މިގެންދަނީ މަސައްކަތްކުރަމުންނެވެ.

އަހަރެމެންގެ މިލިޓްރީ އެއަރކްރާފްޓް ތަކުގައިވެސް މިހާރު ނިއުކްލިއަރ ހަތިޔާރު އުފުލުމުގެ ގާބިލުކަން ލިބިފައި ހުންނާނެއެވެ. ރަޝިޔާއާއި ބެލެރޫސްގެއިން މިގެންދަނީ ދެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ.

ބެލެރޫސްގެ ސަރަހައްދު ތަކަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ގާއިމްކޮށްދޭނެ ކަމަށް ރައީސް ޕޫޓިން ވިދާޅުވި ވާހަކަ ތިޔަ ޢިއްޒަތްތެރި މެމްބަރު ވާނީ އަޑު އައްސަވާފައެވެ. އަޅުގަނޑު ތިޔަ ޢިއްޒަތްތެރިންނަށް މިދަންނަވަނީ މިހާރު އެ ހުރިހާ އިންތިޒާމް ތަކެއް ހުރީ ގާއިމްކޮށް ޙަރަކާތަށް ތައްޔާރު ކުރެވިފައެވެ. އަދި މިހަފްތާގެތެރޭގައި ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުމުގެ ތަމްރީނުދިނުން ފަށާގަނެވޭނެއެވެ.                                                  

އިނގިރޭސި ވިލާތުގެ އިންޓެލިޖެންސުން މަޢުލޫމާތު ހާމަކޮށްފައިވާ ގޮތުގައި ނިއުކްލިއަރ ހަތިޔާރާއި އާންމު ހަތިޔާރު އުފުލުމުގެ ގާބިލުކަން ލިބިފައިވާ ކިލްޖޯއި މިސައިލް ރަޝިޔާއިން މިހާރު ބެލެރޫސްގައި ގާއިމް ކޮށްފިއެވެ.      

ބެލެރޫސްގެ ޕްރޮޕަގެންޑިސްޓް ރައިހޯރ އަޒަރޯނަކް ވެސް ލިތުއޭނިޔާއާއި ޕޯލޭންޑަށް ނިއުކްލިއަރ ހަތިޔާރުން ޙަމަލާދިނުމަށް ބެލެރޫސް އިން ފަސްނުޖެހޭނެކަން ވަނީ ހާމަކޮށްފައެވެ. 

ބެލެރޫސް އަކީ ނިއުކްލިއަރ ގާބިލުކަން ލިބިފައިވާ ސްޓޭޓެއް ކަމާއި އަހަރެމެންގެ ދިފާއުގައި ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރަން ފަސްނުޖެހޭނަމެވެ. ވޯރސޯ ވިރިގެންދާނެއެވެ. 

ވިލްނިއަސް ގަނބައިގެންގޮސް ޕޯލޭންޑުގެ މަތިން ނިއުކްލިއަރގެ މަޝްރޫމް ދުންގަނޑު އަރައިގެން އަންނަތަން އަހަރެމެން ބަލަންތިބޭނަމެވެ. އަޒަރޯނަކުގެ ވާހަކައިގާ އިންޒާރުދެމުން ބުނެފާވެއެވެ. މިފަދަ އިންޒާރުތަކަކީ ބީރުކަންފަތަކާއި ކަނުލޮލެއް ދީގެން ދުނިޔެތިބޭނެ އިންޒާރުތަކެއްވެސް ނުމެނޫނެވެ. 

ހަމައެހެންމެ ގައުމަކަށް ޙަމަލަދެމުން ގެންދާނަމަ އެގައުމެއްގައި ހުރި ކޮންމެ ހަތިޔާރެއްވެސް ގައުމު ދިފާޢު ކުރުމުގައި ބޭނުންކުރާނެކަންވެސް އެނގެންޖެހެއެވެ. އެނޫންނަމަ އެފަދަ ފަނާކުރަނިވި ހަތިޔާރު އުފެއްދުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟    

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް