ބެއިޖިންގުން މަޢުލޫމާތު ހާމަކޮށްފައިވާ ގޮތުގައި އިއްޔެގެ ވަގުތެއްގައި ޗައިނާގެ ރައީސް އާއި ސަޢޫދީ ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާނު ފޯނުން ދެއްކެވި ވާހަކަފުޅުގައި ސަޢޫދީ އާއި އީރާނުން ދެގައުމުގެކުރިމަގާ ދޭތެރޭ ވާހަކަދައްކަން ބޭނުންވާކަން ހާމަކުރުމުން މަރުޙަބާ ވިދާޅުވެއްޖެއެވެ.
މިމަހުގެ ކުރީކޮޅު ޗައިނާގެ އިސްނެގުމާއިއެކު ކާމިޔާބު ކުރެވުނު ސަޢޫދީ އީރާނުގެ ސުލްޙައިގެ ވާހަކަތަކަށްފަހު ގަލްފު ސަރަހައްދުގައި ޗައިނާގެ ނުފޫޒު ފެތުރެމުންދާ މިންވަރު އެމެރިކާއިން ގެންދަނީ ފާރަލަމުންނެވެ. މުޙައްމަދުގެ ވާހަކަފުޅުގައި އަވަށްޓެރިނާއިއެކު ސުލްޙަވެރި ގުޅުމެއް ގާއިމްކުރަން ޗައިނާއިން ކޮށްދެއްވި މަސައްކަތް ފާހަގަކުރައްވައި ތައުރީފް ކުރެއްވިއެވެ.
އަދި ޗައިނާއާއި ސަޢޫދީ އެރޭބިޔާގެ އެއްބައިވަންތަ ކަމާއި އިގްތިސާދީގުޅުން ގަލްފުގެ އެހެން ގައުމުތަކާއި އެކުވެސް އިތުރަށް ތަރައްގީކުރުމުގެ މުހިންމުކަމަށް ދެބޭފުޅުންވެސް އެއްބަސްވެ ވަޑައިގެންނެވިއެވެ. އޭގެއިތުރުން ސަޢޫދީ އެރޭބިޔާއާއި ޗައިނާއިން ޝައުގުވެރިވާ މުހިންމު ކޮންމެ ކަމަކާއި ސަރަޙައްދުގެ ސުލްޙަ މަސަލަސްކަން ގާއިމުކޮށް ދެމެހެއްޓުމަށްޓަކައި ދެ ގައުމުން އަބަދުވެސް ތިބޭނީ އަތާއަތް ގުޅާލައިގެންނެވެ.
ސަޢޫދީ އެރޭބިޔާއާއި ގަލްފުގެ ގައުމުތަކުން މިހާތަނަށް ސަރަޙައްދުގެ ސަލާމަތާ ރައްކާތެރިކަމުގެ ގަރަންޓަރ އެއްގެ ގޮތުގައި ބަލަމުން އައި އެމެރިކާގެ އަޅާލުން ކުޑަވަމުން ދިއުމާއިއެކު މިހާރު އެގަމުތަކުން ވެސް ބޭނުންވަނީ އެ ގައުމުތަކުގެ އިގްތިސާދަށްވެސް ފައިދާ ކުރަނިވިގޮތެއްގައި ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ބައިވެރިން ޚިޔާރު ކުރުމަށެވެ.
މިހާރު އެއްބަސްވުމަކަށް އާދެވިފައިވާ ގޮތުން ސަޢޫދީ އެރޭބިޔާއާއި އިރާނުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުކުރެއްވުން މި ރޯދަމަހުގެތެރޭގައި ކުރިއަށް ދާނެއެވެ.