އެމެރިކާގެ ބޭންކުތަކަށް ޖެހެމުން މިދާ ބައްޔެއް ނޭގުނު ނަމަވެސް ކަންބޮޑުވެ ހާސްނުވުމަށް ސަރުކާރުގެ ރަސްމީ އިދާރާތަކުން ބުނަންފަށައިފިއެވެ. ފަސްޓް ރިބަލިކް ބޭންކް ވެގެންމިދިޔައީ މިދިޔަ ހަފްތާގެ ތެރޭގައި ބަންދުކުރަން ޖެހުނު 4 ވަނަ ބޭންކު ކަމަށެވެ.
ފަސްޓް ރިޕަބްލިކް ބޭންކަށް މިޖެހުނީ ކޮން ބައްޔެއް ހެއްޔެވެ؟ ފަސްޓް ރިޕަބްލިކް ބޭންކު އުފެދުނީ 1985 ވަނަ އަހަރުގައެވެ. އެއީ ވެލްތު މެނޭޖްމެންޓާއި ޕްރައިވެޓްބޭންކިންގައި ވަރަށް ފުންނާބު އުސް ބަޔަކު އުފެއްދި ބޭންކެކެވެ. އެހެންނަމަވެސް މިދިޔަ ހަފްތާގައި ބޭންކުގެ ހިއްސާގެ އަގު ވެއްޓުމުން އެ ބޭންކް ވެގެން މިދިޔައީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ހާލުގައި ޖެހުނު 3 ވަނަ ބޭންކަށެވެ.
ފަސްޓް ރިޕަބްލިކް ބޭންކު އަލުން ކޮޅަށް ނެގުމަށްޓަކައި އެމެރިކާގެ އެންމެ ބިޔަ 11 ބޭންކުން 30 ބިލިއަން އެމެރިކާ ޑޮލަރު އެ ބޭންކުގައި ޖަމާކުރަން އެއްބަސްވެފައި ވާކަން ހާމަކޮށްފިއެވެ.
ވޯޝިންގްޓަން ޕޯސްޓުން ޚަބަރު ދީފައިވާ ގޮތުގައި މިއީ ފެޑެރަލް އޮފިޝަލުންގެ މަސައްކަތުން އެ ބޭންކަށް ހުޅުވިގެން ދިޔަ މަގެކެވެ. އަދި ހަމަ އެދުވަހު އެމެރިކާގެ ބޭންކިން ސިސްޓަމްގައި އެއްވެސް މައްސަލައެއް ނޫޅޭކަން ޓްރެޝަރީ އާ ބެހޭ ސެކްރެޓަރީ ޖެނެޓް ޔެލެން ގާނޫނުހަދާ މަޖިލީހަށްވެސް ކަށަވަރުކޮށް ދިނެވެ.
ފެޑެރަލް ސަރުކާރުން ބޭންކުތަކުގެ މައްސަލަގެ ތެރެއަށް ފަހުގެ ތާރީޚެއްގައި މި ފެންވަރަށް ވަދެފައެއް ނުވެއެވެ. މިދިޔަ ހަފްތާގައި ސިލިކޯން ވެލީ ބޭންކާއި އަދި ސިގްނޭޗަރ ބޭންކު ބަންދުކުރަން ޖެހުމުން އެމެރިކާ ސަރުން މިކަމުގައި ކަންބޮޑުވާ މިންވަރު ވަރަށް ރަނގަޅަށް ހާމަވެގެންދާ ކަމުގައި ތަޖްރިބާ ކާރުން ދެކެއެވެ.
ސިލިކޯން ވެލީ ބޭންކް ބަނގުރޫޓު ވުމަކީ ދުނިޔޭގެ މާލީ ނިޒާމްގެ މައްސަލައެއްހެއްޔެވެ؟ މިދިޔަ ހަފްތާގައި އެ ބޭންކް ބަންދުކުރުމުގެ ކުރިން އެ ބޭންކަކީ ފައިސާވެރިންނާއި އަލަށް ވިޔަފާރީގެ ތެރެއަށް ވަންނަން ބޭނުންވާ މީހުންނަށް ޚިދުމަތް ކޮށްދެމުން އައި ބޭންކެކެވެ.
އެހެންނަމަވެސް އެ ބޭންކް ވެގެން މިދިޔައީ އެމެރިކާގެ ތާރީޚުގައި ބަންދުކުރަން ޖެހުނު ދެވަނައަށް އެންމެ ބޮޑު ބޭންކު ކަމުގައެވެ. ސިލިކޯން ވެލީ ބޭންކަކީ ފަހަކަށް އައިސް މުއައްޒިފުން މަދުކުރަމުން އަންނަ ޓެކްނޯލޮޖީގެ އިންޑަސްޓްރީއާއި ގާތްގުޅުމެއް އޮންނަ ބޭންކެކެވެ.
ބޭންކުގައި ފައިސާ ޖަމާކޮށްފައިވާ މިހުންނަށް އެ ބޭންކުގެ އެތައް ބިލިއަން ޑޮލަރުގެ އަގުހުރި ރައުސުލްމާލުތައް ވިއްކަން ފެށުމުން ކޮންމެވެސް ކަންތަކެއް ގޯސްވަމުންދާ ކަމަށް ބަލައި ގިނަ ބަޔަކު ބޭންކުގައި ހުރި ފައިސާ ނަގަން ފެށިއެވެ.
އެވަރުގެ ބޮޑު ބޭންކެއް ކުއްލިއަކަށް އަރި އަޅާލުމުން ވަރަށް ބޮޑު ރިސެސަނެއް އަންނަނީ ކަމަށާއި ދުނިޔޭ މާލީ ނިޒާމު ބޮއްސުންލައިފި ކަމަށް ގިނަ ބަޔަކު ޝައްކުކުރަން ފެށިއެވެ. އަދި ޓެކްނޯލޮޖީ އިންޑަސްޓްރީ ތަކުގައި މަސައްކަތްކުރާ މުއައްޒިފުންގެ މުސާދެވޭނެ ގޮތެއްވެސް އެ ބޭންކަށް ނެތިއްޖެ ކަމަށް ހީވާންފެށިއެވެ.
ބޭންކުގައި ފައިސާ ޖަމާކޮށްގެންތިބި މީހުންގެ މައިގަނޑު ބިރަކަށް ވެގެންދިޔައީ ގިނަމީހުންގެ އެކައުންޓު ތަކުގައި މިލިއަނުން ގުނޭ އަދަދަށް ފައިސާ ޖަމާކޮށްފާހުރި ނަމަވެސް ފެޑެރަލް ގާނުނުގެ ދަށުން ބަދަލު ލިބިދެވޭނެ އެންމެ ބޮޑު އަދަދކީ 250000 ޑޮލަރެވެ.
ދެން މެދުވެރިވި ކަންބޮޑުވުމަކީ ފައިސާ ޖަމާކޮށްފައި ހުރި މީހުން ފައިސާ ނަގަން ބޭނުންވުމުން އެމީހުންނަށް ދޭނެ ފައިސާ ބޭންކުގައި ނެތުމާއި ވިޔަފާރި ހިންގާ ފަރާތްތަކުގެ އެކައުންޓުތައް ގަނޑުކޮށްފާ ހުރުމުގެ ސަބަބުން މުއައްޒިފުންނަށް މުސާރަދެވޭނެ ގޮތެއްވެސް ނެތުމުންނެވެ.
އެނގިފައިވާ ގޮތުގައި ޖަސްޓިސް ޑިޕާޓްމެންޓާއި ސެކިއިރިޓީސް އެކްސްޗޭންޖް ކޮމިޝަނުން ގުޅިގެން މިހާރު އެ މައްސަލަ ތަޙުގީގު ކުރަން ގެންދާކަން ވަނީ ހާމަކޮށްފައެވެ.
މިހާތަނަށް ތަޙުގީގަށް ލިބިފައިވާ މަޢުލޫމާތު ތަކަށްބަލާއިރު ސަރުކާރުގެ އިޙުމާލުވެސް އޮތްކަމަށް ބެލެވެއެވެ. ނިއު ޔޯކުގެ ގަވަރނަރ ކެތީ ހޯޗަލް ވިދާޅުވީ ސިލިކޯންވެލީ ބޭންކް ބަނގުރޫޓްވުމުގެ ކުރިން ޓެކްނޯލޮޖީ އިންޑަސްޓްރީއަށް ދިމާވަމުންދިޔަ ގޮންޖެހުންތަކެއް ހާމަކޮށްފައިވާ ކަމަށެވެ. ސިގްނޭޗަރ ބޭންކް ބަންދުކުރަންޖެހުނީ ކްރިޕްޓޯކަރެންސީ އަށް މެދުވެރިވި މައްސަލަތަކަކާއިގުޅިގެންކަމަށް ބެލެވެއެވެ.
އެބޭންކުގައި ފައިސާ ޖަމާކޮށްފައިވާ މީހުންނަށްވެސް ބަދަލު ލިބިދެވޭނީ ފެޑެރަލް ގާނޫނުގައިވާ ގޮތުގެ މަތީންކަމަށް ބުނެއެވެ.
ކްރެޑިޓް ސުވީސްއަށް މިޖެހުނީ ކޮށް މުސީބާތެއް ހެއްޔެވެ؟ މުޅިދުނިޔެއަށް ފެތުރިފައިވާ މި ބޭންކުގެ މާލީޙާލަތުވެސް ދަށަށްގޮސް އެހެންގޮތެއް ނެތިގެން ސްވިޒަރލޭންޑުގެ މަރުކަޒީ ބޭންކުން 53.7 ބިލިއަން އެމެރިކާ ޑޮލަރު ދަރަންޏަށް ނަގަން ނިންމާފައިވާކަން މިދިޔަ ހަފްތާގައި އެބޭންކުން އިޢުލާން ކޮށްފާވެއެވެ.
ރޮއިޓާސް އިން ހާމަކޮށްފައިވާ ގޮތުގައި މިއީ ޔޫރަޕްގެ މިހާ ބޮޑު ބޭންކަކުން 2008 ވަނައަހަރުގެ ފަހުން މިވަރުގެ ދަރަންޏެއް ނެގި ފުރަތަމަ ފަހަރެވެ. އެހެންނަމަވެސް ކްރެޑިޓް ސުވީސްގެ މައްސަލާގައި ޔޫރަޕުން މިހާރު މާބޮޑަށް ކަންބޮޑުވެގެންނެއް ނޫޅެއެވެ. ކްރެޑިޓް ސްވީސްގެ މައްސަލަ އަކީ ސިލިކޯން ވެލީ ބޭންކަށްވުރެންވެސް ކުރީގެ މައްސަލައެކެވެ. އަދި އެމެރިކާގެ ބޭންތައް ބަންދުކުރަން ޖެހުމާއިވެސް މުޅިން ތަފާތު މައްސަލަތަކެކެވެ.
އެހެންނަމަވެސް ސިލިކޯން ވެލީ ބޭންކަން ދިމާވިގޮތް އެންމެނަށް އެނގިފައި އޮއްވާ ކްރެޑިޓް ސުވީސް އިން ދަރަނި ނަގަން ޖެހިއްޖެކަން ޢިއުލާނު ކުރުމުން ބޭންކުގެ ކަސްޓަމަރުންގެ މެދުގައި ބިރުވެރިކަމެއް ވަނީ އުފެދިފައެވެ. އެހެންނަމަވެސް މިހާރު އެ ބިރުވެރިކަން ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅިއްޖެކަމަށް ރޮއިޓާސް އިން ޚަބަރު ދީފައި ވެއެވެ.