އިސްރާޢީލުގެ ރައްޔިތުން ގަބޫލު ކުރާގޮތުގައި ގައުމު މިދަނީ ހަލާކުގެ މަގުން

Loading

Facebook
Twitter
WhatsApp

އިސްރާޢީލަކީ މިހާތަނަށް ދުނިޔޭގައި ސެކިއުލަރިޒަމޭ މިކިޔާ ނިޒާމަށް އެންމެ ބޮޑަށް ތާއީދު ކުރަމުންދިޔަ އެއް ގައުމުކަމުގައި ބުނެވިދާނެއެވެ. 

އެހެންނަމަވެސް ހަރުކަށި ވިސްނުމުގެ ސިޔާސީ ޕާރޓީތަކަށް ފުރުސަތު ލިބުމާއިއެކު މުޅި ގައުމު ހަލާކުގެ ތެރެއަށް ވެއްޓިގެން ދަނީކަމަށް އެމީހުންވެސް މިހާރު ގަބޫލުކުރަން ފަށައިފިއެވެ. 

ދިވެހިންގެ ތެރޭގައި ހަރުކަށިފިކުރޭ ނުކިޔަސް މަށަށް ނޫނީ ރަނގަޅަށް އެއްވެސް ކަމެއް ކުރާކަށްނޭގެޔޭ ބުނާ ފިކުރުތައް ވަރަށް ގިނައެވެ. އަދި އެ ފިކުރުތަކަށް އިތުރު ޖާގަ ކަށަވަރު ކުރުމަށްޓަކައި ކުރަމުން ގެންދާ މަސައްކަތްވެސް މަދެކޭ ނުބުނެވޭނެއެވެ. މިލިއުމުން ކިއުންތެރިންގެ މަޢުލޫމާތު އިތުރުވެގެން ދިއުމަކީ ސަންދާނުގެ އެދުމެވެ.                   

އިސްރާޢީލު ދަތުރު ކުރަންމުން ދަނީ ކޮން މިސްރާބަކަށްތޯ އެގައުމުގެ އާންމު ރައްޔިތުނާއި ސުވާލު ކޮށްފިނަމަ މިހާރު ލިބޭ ޖަވާބަކީ ބައެއްފަހަރު ފުންނޭވާއެއްލުމެވެ. ގިނަބައެއްގެ ޖަވާބަކީ އުންމީދެއްނެތް ކަމުގެ ބޯ ހަލުވާލުމެކެވެ. އަނެއްބަޔަކުގެ ޖަވާބަކަށް ވެފާއޮންނަނީ އަނގައިން ބުނުމުގެ ބަދަލުގައި ހިތްހަމަނުޖެހުމުގެ ނިޝާނަކުން ފުއްދާލުމެވެ. މިއީ އެގައުމުގެ ރައްޔިތުން ދެކެންބޭނުންވީ ދުވަހެއް ނޫނެވެ. އެހެންނަމަވެސް ބޮޑުވަޒީރު ނަތަންޔާހޫ މިއޮތީ އިސްރާއީލު ޝަރުޢީ ނިޒާމު އިސްލާޙުކުރުމުގެ ނަމުގައި ގައުމު ވާގި ނައްތާލާފައެވެ. 

ގައުމުގެ ރައްޔިތުން ކުރިމަތިލާން ޖެހިފައިވާ ބިރުވެރިކަން ބުނެދޭނެ ގޮތެއް ނެތިފައިވާއިރު އިޒްރާޢިލުގެ ސީކްރެޓް އެޖެންސީ މޮސާދުގެ ކުރީގެ ޑިރެކްޓަރ ތަމީރް ޕަރްދޯ ވިދާޅުވެފައި ވަނީ ގައުމު މިއޮތީ އެއްކޮށް ވީރާނާވެގެން ދިއުމުގެ މަގުމަތީގައެވެ. 

ގައުމުގެ ރައްޔިތުންނަށް މި ޙަގީގަތް ގަބޫލުކުރުން ނޫންގޮތެއް މިހާރަކު ނެތެވެ. ހަމަމިމޭރުމުން ކުރީގެ ބޮޑުވަޒީރު އިހްދު ބަރާކްވެސް ވަނީ އެބޭފުޅާގެ ވިސްނުން ހާމަކުރައްވާފައެވެ. އެބޭފުޅާގެ ނަޒަރުގައި ނަތަންޔާހޫ ޚިޔާރު ކުރައްވާފައި މިވަނީ އިސްރާޢީލުގެ މިނިވަންކަން ގަތުލުކުރުމުގެ ރާސްތާއެވެ. އަދި ދެން އިސްރާއީލު ބަދަލުވެގެންދާނީ ޚުދުމުޚްތާރި ވެރިކަމަކަށެވެ. 

އިހްދު ބަރާކުގެ އިލްތިމާސަކީ ޑިމޮކްރެސީ ނެގެހެއްޓުމަށްޓަކައި ރައްޔިތުން އަތުގުޅާލުމެވެ. ދާޚިލީ ހަމަނުޖެހުމަކަށް ދާންޖެހިއްޖެނަމަ އެކަމަށްވެސް ޖެހޭނީ އެންމެން އެކުގައި އަތުގުޅާލާށެވެ. ޑިމޮކްރެސީގެ ސިފަތަކަށް އިޙްތިރާމް ނުކުރާ ސަރުކާރެއްގެ ކުރިމަތީގައި މިއީ ފަސޭހަކަމަކަށް ނުވާނެކަން ދަންނަން ޖެހޭނެއެވެ. 

ހަމައެއާއިއެކު މިއަދު ފަސްޖެހިއްޖެނަމަ ގެއްލިގެން ދާތަން ދެން ފަހުން އަތަކުނުޖެހޭނެއެވެ. އިސްރާޢީލުގެ ހަރުކަށި ވިސްނުމުގެ ސަރުކާރުން މަސައްކަތްކުރަމުން ގެންދަނީ ގާނޫނުތަކެއް ވުޖޫދުކޮށްގެން ސުޕްރީމްކޯޓުގެ ޙުކުމްތަކުގެ ބާރު ކަނޑުވާލުމަށާއި ޖުޑިޝަލް ސަރވިސް ކޮމިޝަންގައި ސިޔާސީ ބޭފުޅުން ބޭތިއްބުމަށެވެ. 


އިސްރާޢީލުގައި މިހާރު ހިނގަމުންދާ މުޒާހަރާތަކުގެ މައިގަނޑު އަސްލަކީ ޝަރުޢީނިޒާމާއި ގާނޫނުތައް ހަރުކަށި ވިސްނުމުގެ ޔަހޫދީން ބޭނުންވާ ގޮތަށް ބަދަލުކުރަން ރައްޔިތުން ނުރުހުމާއި އަދި ހަރުކަށި ވިސްނުމުގެ ސިޔާސީ ބޭފުޅުންނާއެކު މިފަހަރު ނަތަންޔާހޫ އެކުލަވާލި ސަރުކާރުގެ ޚުދުމުޚްތާރު ސިފަތަކާއި  ސަރުކާރު ފޭލިވުމުގެ ސަބަބުން ދިރިއުޅުމުގެ އަގުތައް އަތްނުފޯރާ ހިސާބަށް މައްޗަށް ދިއުމެވެ.

އިސްރާޢީލުގެ ޓެލިވިޒަން ސްޓޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މިކަންތައް ބޮޑު ބިރުވެރި ކަމަކަށް ބަދަލުވެ ރައްޔިތުންގެ ގިނަބަޔަކު މިހާރު ގައުމު ދޫކޮށް އެހެން ގައުމުތަކަށް ހިޖްރަކުރަންވެސް ފަށައިފިއެވެ.                               

2022 ޑިސެމްބަރު 29 ވަނަދުވަހު ބޮޑުވަޒީރުކަމުގެ މަގާމަށް ޙަވާލުވެ ވަޑައިގަތުމަށްފަހު ނަތަންޔާހޫ އެންމެ ފުރަތަމަވެސް ބޭނުންފުޅުވީ ޝަރުޢީ ނިޒާމު ”އިސްލާޙު“ ކުރުމަށެވެ. ތިންބާރު ވަކިކޮށްދޭ ޑިމޮކްރެސީގައި ހިމެނޭ ޝަރުޢީ ނިޒާމާ ގުޅުންހުރި 130 ގަނޫނެއް އުވާލުމަށެވެ. 

މިހާރުވެސް ނަތަންޔާހޫއަށް ނިސްބަތްކުރެވޭ ވައްކަމާއި ރިޝްވަތާއި މަކަރާއިޙީލަތުގެ އިތުރުން މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅުމުގެ މައްސަލަތަކެއް  ކޯޓުތަކަށް ވަނީ ހުށައެޅިފައެވެ. 

ނަތަންޔާހޫ އަކީ އިސްރާޢީލުގައި އުފެދުނު އެންމެ ވަރުގަދަ އެއް ސިޔާސީ ހަރުކަށި ލީޑަރެވެ. އެއީ މުޅި ދުނިޔެ އެއްބަސްވާ ޙަގީގަތެކެވެ. އެހެންނަމަވެސް ސިޔާސީގޮތުން ބާރުގަދަވަމުންގޮސް ތިމާއަށް ތިމާ އޮޅޭ ހިސާބަށް ދިއުމުން ދެން ވިސްނުމާ ފިކުރު ބަދަލުވެގެންދަނީ ޚުދު މުޚްތާރު ސިފަތަކާ ދިމާލަށެވެ. މިއީ ވެރިކަމަށް ދަހިވެތި ވެރީންނަށް ޖެހޭ ބައްޔެކެވެ.

ނަތަންޔާހޫވެސް އޭނާގެ އެއްވެސް މައްސަލައެއް ކޯޓުގައި ހިނގާކަށް ބޭނުމެއް ނުވެއެވެ. ދިވެހިންގެ މި ކުޑަކުޑަ ރާއްޖޭގެ ސިޔާސީ އޮޑީގައި އަދި މިހާތަނަށް ފަޅުވެރިޔަކަށް އުޅޭ ބޭފުޅަކުވެސް ދާދި މިދާކަށްދުވަހު ވިދާޅުވެފައިވާ ކަމަށް ރާއްޖޭގެ ނޫހެއްގައި ހާމަކޮށްފައި އޮތީ އެބޭފުޅާ ހިމެނޭ ސިޔާސީ ހަރަކާތަށް ސަރުކާރު ހިންގަން ލިބޭދުވަހަކުން އެވެނި މިވެނި ފަނޑިޔާރުންނަށް މަގާމުގައި ނުތިބެވޭނެ ކަމަށެވެ. އަދި މިއުޅެނީ އެބޭފުޅަކަށް ސިޔާސީ ނަވުގެ ހުންގާނުގެއަށްވެސް ނުވަދެވިގެންނެވެ. 

އެކަމަކު ވިސްނުން އެހުރީ ނަތަންޔާހޫގެ ފެންވަރުގައެވެ. މިގައުމުގެ ސިޔާސީ ބޭފުޅުންނާއިދޭތެރޭ އަޅުގަނޑުމެންވެސް ވިސްނާ ފިކުރުކުރަން އެބަޖެހެއެވެ. އިސްރާޢީލުގެ ކުރީގެ ބޮޑުވަޒީރު އިހްދު ބަރާކު ވިދާޅުވެފައިވާ ފަދައިން މިއަދު ދިވެހި ރައްޔިތުންގެ ބާރު ގާދޫކޮލުން ބޭރުވެގެންދާން ފުރުސަތު ދީފިނަމަ އަލުން އަނބުރާ ލިބިދާނެ ކަމަށް އުންމީދު ނުކުރާށެވެ.                                     

ނަތަންޔާހޫގެ މައްސަލަތައް ކޯޓުގައި ފުނިޖެހެމުން ދާއިރު އޭނާގެ ދާޚިލީވަޒީރުގެ ވަޒީފާ ގެއްލިއްޖެއެވެ. ޓެކްސް ދެއްކުމުގައި މަކަރާ ލަޙީތް ހަދާފައިވާތީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ފުރުސަތު ނުދެވޭނެކަމަށް އިސްރާއީލުގެ ސުޕްރީމްކޯޓުން ނިންމުމާ ގުޅިގެންނެވެ. 

މި ޙުކުމް ބަދަލު ކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ނަތަންޔާހޫ ގެންދަނީ މަސައްކަތް ކުރަމުންނެވެ. މިކަމަށްޓަކައި މިހާރު ބޭނުން ވަނީ ހަމަ އެންމެ ވޯޓެކެވެ. ޝަރުޢި ނިޒާމް ”އިސްލާޙް“ ކުރެވެނީއެވެ. ވެރިކަމުގެފަރާތަށް ބޭނުންވާ ގޮތަށެވެ. 

އަޅުގަނޑުމެންގެ ރާއްޖޭގައި ކަންތައް ހިނގަމުންދާގޮތާއި ދޭތެރޭ ވިސްނާލުން ރަނގަޅެވެ. އެފަދަ ގޮތަކަށް ދިވެހި އޮޑީގެ މިސްރާބު ހުރިހެން ހީވާތީއެވެ.            

އިނގިރޭސިވިލާތުގެ ނިޒާމާއި ޚިލާފަށް އިސްރާޢީލުގައި ގާނޫނު ހެދުމުގެ ބާރު އޮންނަނީ ހަމައެކަނި ކުނެސެޓް އަށެވެ. އެއީ އަބަދުވެސް ކޯލިޝަން ސަރުކާރުގެ ބާރު ހިނގާ ތަނެކެވެ. 

ނަތަންޔާހޫ މިވަގުތު އެތަނުގެ ޖުމުލަ 120 ގޮނޑީގެ ތެރެއިން 32 ގޮނޑި ކޮންޓްރޯލް ކުރައވާއިރު ކަނާތުފިޔައިގެ ހަރުކަށި ޕާރޓީތަކުން 64 ގޮނޑި ކޮންޓްރޯލް ކުރެއެވެ. 

ކެބިނެޓްގައި ދާޚިލީ ސަލާމަތާއި ރައްކާތެރި ކަމާބެހޭ ވަޒީރަކީ ކުރިން ޓެރަރިޒަމްގެ ކުށް ސާބިތުވެފައިވާ އެޕާރޓީތަކަށް ނިސްބަތްކުރެވޭ ހައްދުފަހަނަޅާފައިވާ މީހެއްކަން ދެނެގަންނަން ޖެހެއެވެ.                       

                                                       – ނުނިމޭ –

Loading

2 Responses

  1. އެހެން މީހުންގެ ދިރިއުޅުމަށް މުސީބާތަކަށްވީމާ އޭގެތެރެއިން ކަތުރުފަނި އަޅާ ހަލާކުވާނެއެވެ. އެމްޑީޕީ އަށް ރާއްޖޭގައިވެސް ވީ އެހެނެވެ.

  2. ކައިރިވަމުން އަންނަނީ އަޅުގަނޑުމެން ވިސްނާފާ ގޮތެއް ނިންމަންޖެހޭ ދުވަހެވެ. ރައްޔިތުގެ ބާރު ގާދޫކޮލުން ބޭރަށް ދިޔަ ނުދޭށެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް