އެސޯޝިއޭޓެޑް ޕްރެސް ޚަބަދު ދޭގޮތުގައި ސިންގަޕޯރުގެ ބޮޑުވަޒީރު ލީ ސިއެން ލޫންގްގެ ކޮއްކޯފުޅު ލީ ސިއެން ޔަންގް އާއި ލީ ސުއެޓް ފާން އަނބިކަނބަލުން ތަޙްގީގުގެ ކުރިމައްޗަށް ގެނެސްފިއެވެ.
ބުނެވޭގޮތުގައި ދެބޭފުޅުންގެ މެދުގައި މައްސަލަ އުފެދިގެން އުޅެނީ ބައްޕާފު ސިންގަޕޯރުގެ ބާނީ ލީކްއާންޔޫ ގެ ވަސިއްޔަތާ ގުޅިގެންނެވެ. ދެބޭފުޅުންގެ މެދުގައި އުފެދިފައިވާ ދެބަސްވުން މައިތިރި ވެފައިވަނިކޮށް މައްސަލަ އަލުން ހިލިގަނެފައި މިވަނީ ސިންގަޕޯރުގެ މިނިސްޓަރ ފޯރ ނޭޝަނަލް ސެކިއުރިޓީ ޓިއޯ ޗީ ހީން ގާނޫނު ހަދާ މަޖިލީހުގައި އެ ދެމަފިރިންގެ މައްސަލަ ތަޙްގީގު ކުރެވެމުންދާ ކަމަށް ވިދާޅުވުމުންނެވެ.
ޕާލަމެންޓުން ކުރި ސުވާލަކަށް މިދިޔަ ބުރާސްފަތި ދުވަހު ލިއުމުން ދެއްވި ޖަވާބުގައި މިނިސްޓަރ ވިދާޅުވެފައި ވަނީ އެ ދެބޭފުޅުން ޝަރީޢަތުގެ ކުރިމަތީގައި އެ ވަސިއްޔަތާއި ބެހޭގޮތުން ދޮގު ހެކި ހުށައަޅާފައިވާ ކަމަށެވެ. އެހެންވީމާ ތިން ފަނޑިޔާރުންގެ ކުރިފުޅުމަތީގައި ހުވާކޮށްގެންތިބެ ދޮގު ހެދި މައްސަލަ ތަޙްގީގު ކުރެވެމުންދަނީ ކަމަށް މިނިސްޓަރުގެ ޖަވާބުގައި ލިއުއްވާފައި ވެއެވެ.
އެދެބޭފުޅުން ތަޙްގީގުގައި ފުލުހުންނަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައިވީ ނަމަވެސް މިހާރު ގެންދަވަނީ އިންކާރު ކުރައްވަމުންނެވެ. ތަޙްގީގުގައި އެއްބާރުލުން ދެއްވުމަށް ފުލުހުންވެސް އެބޭފުޅުންނަށް ދެންނެވި ކަމަށް ވެއެވެ. އެހެންނަމަވެސް މިހާރު އެ ދެބޭފުޅުންވެސް ގައުމު ދޫކޮށްވަޑައިގެންފިއެވެ.
އެސޯޝިއޭޓެޑް ޕްރެސް އިން ހުކުރު ދުވަހު ގުޅުމުން ލީ ސިއެން ޔަންގް ވިދާޅުވެފާވަނީ އެއީ އެބޭފުޅުންގެ އަގުވައްޓާލަން ސަރުކާރުން ކުރާ ކަމެއް ކަމަށާއި މިވަގުތު އެނބުރި ސިންގަޕޯރަށް ދިއުން އެބޭފުޅުންނަށް ރައްކާތެރިނޫންކަމަށެވެ.
އަދި ފޭސްބޫކަށްދިން ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އޭނާއާއި ބައިވެރިވެފައިވާ އޭނާގެ އަންހެން ކޮއްކޮ ލީ ވެއި ލިންގް މާކުރިންވެސް އަހަރެންގެ ޢާއިލާއަށް ސަރުކާރުގެ އުނދަގުލާ ކުރިމަތިލާން ޖެހޭނެކަމަށް އިޝާރާތް ކުރައްވާފައިވާކަމަށެވެ. ސަރުކާރުން އަހަރެންގެ ޢާއިލާއަށް އެކިގޮތްގޮތުން ޖެއްސުން ކުރުމާއި ދިމާކުރުމަށް މެދުކެނޑުމެއް ނާދެއެވެ.
މިކަމާ ގުޅޭގޮތުން ބޮޑުވަޒީރުގެ އޮފީހުގެ ބަހެއް ހޯދަން ކުރަމުންގެންދާ މަސައްކަތް އަދި ކާމިޔާބުވާގޮތެއް ނުވެއެވެ. އެހެންނަމަވެސް މީގެކުރިން ބޮޑުވަޒީރު މިކަމުގައި ވިދާޅުވެފައިވަނީ ސަރުކާރުގެ ނުފޫޒު ބޭނުން ކުރައްވައިގެން އެއްބަނޑު އެއްބަފާބޭފުޅުންނަށް ޖެއްސުން ކުރަނީ ކަމަށް ވިދާޅުވެ އެބޭފުޅުން އިތުރުފުޅު ހައްދަވަނީ ކަމަށެވެ.
އެބޭފުޅުންގެ ބައްޕާފުޅު ލީ ކްއާން ޔޫ އަކީ އިނގިރޭސީންގެ އަތުން ސިންގަޕޯރު މިނިވަން ވުމަށްފަހު އެއްވެސް އުފެއްދުން ތެރިކަމެއް ލިބިފައިނުވާ ސިންގަޕޯރަކީ ދުނިޔޭގެ މުއްސަނދި ގައުމުތަކުގެ ލިސްޓުގައި ހިމެނޭ ގައުމަކަށް ހައްދަވައި ދެއްވި ސިންގަޕޯރގެ ބާނީއެވެ.
މުޅިގައުމުން ކުށްކުރުމާއި ކޮރަޕްޝަން ނެތިކޮށްލެއްވި، (ހުޅަނގުން ސިފަކުރާ ގޮށްމުށުގެ ބާރުގައި) ތިރީހަކަށް އަހަރު ވަންދެން ވެރިކަންކުރެއްވި ވަރުގަދަ ސަޚްސިއްޔަތެއްކަން ފާހަގަ ކޮށްލަން ޖެހެއެވެ. 2015 ވަނައަހަރު އެބޭފުޅާ އަވަހާރަވުމުން އެބޭފުޅާގެ ވަސިއްޔަތުނާމާގައި ހިމެނޭ ޢާއިލީ ގެއެއް އެއީ ޓްއަރިސްޓުން ޝައުގުވެރިކުރުވާނެ ތަނެއްގެ ގޮތުގައި ބެހެއްޓުމުގެ ބަދަލުގައި އެ އިމާރާތް ތަޅާލަން ލިއުއްވާފައިވެއެވެ.
ލީ ސިއެން ޔަންގް އާއި އޭނާގެ އަންހެން ކޮއްކޮ ބުނަމުން ގެންދަނީ ބައްޕަގެ ވަސިއްޔަތާ ޚިލާފަށް މިހާރުގެ ބޮޑުވަޒީރު ލީ ސިއެން ލޫންގް އެ ގެ ބަހައްޓަވައިގެން އުޅެނީ ބައްޕަގެ ނަން ރަމްޒެއްގެ ގޮތުގައި ދައްކައިގެން އޭނާގެ ވެރިކަން ދެމެހެއްޓުމުގެ ބޭނުމުގައި ކަމަށެވެ.
އެހެންނަމަވެސް ބައްޕަގެ ވަސިއްޔަތުގައި އޮތް އެއްޗެއް ވަރަށް ސާފުކަމަށާއި ބައްޕަ އެގޮތަށް ވަސިއްކުރައްވާފައި ވަނީ އޭނާގެ ޒިޔާރަތެއް ސިންގަޕޯރުގައި ބަހައްޓަން ބޭނުން ނުވާތީ ކަމަށެވެ. މިއަށް ރައްދު ދެއްވައި ޕްރައިމިނިސްޓަރ ލީ ސިއެން ލޫންގް ވިދާޅުވެފައިވަނީ ސަރުކާރުން އެ ގެއާދޭތެރޭ ގޮތެއް ނިންމުމުގައި އޭނާ ބައިވެރިވެ ވަޑައިވެސް ނުގަންނަވާ ކަމަށެވެ.
ހާވާރޑް ޔުނިވަރސިޓިގައި އިކޮނޮމިކްސްގެ އެސިސްޓެންޓް ޕްރޮފެސަރަކަށް އުޅުއްވާ ލީ ސިއެން ޔަންގް ގެ ފިރިހެން ދަރިފުޅު ޝެންގް ވޫ ލީ ޓްވީޓް ކުރައްވާފައިވާ ގޮތުގައި އޭނާގެ މައިން ބަފައިން އެނބުރި ސިންގަޕޯރަށް ވަޑައިގަތުމަކީ ރައްކާތެރި ގޮތެއް ނޫނެވެ.
އަދި ސުވާލުކުރުމުގެ ނަމުގައި އިންސާނީ ޙައްގުތަކުންވެސް މަޙުރޫމް ކޮށްފާ އެތައްޒަމާނަކަށް ތާށިކޮށްފައި ބައިތިއްބާފާނެ ކަމުގެ ބިރުވެސް އެބައޮތެވެ. ނުރައްކާތެރި ސަރުކާރަކުން ސުވާލުކުރަން ބޭނުންވެޔޭ ބުނީމާ އެ ބުނާއެއްޗެއްގެ މާނަ އެނގެންޖެހޭނެއެވެ. އޭނާ ވިދާޅުވެފައިވެއެވެ.
![]()
