ސަމަދުބެއަށް ޖޯކު ޖައްސަވައި މާރިޔާ ވާހަކަދެއްކެވީ ބީޖޭޕީ ރުއްސަން: އިދިކޮޅު

Loading

February 18, 2023
profile
Facebook
Twitter
WhatsApp

ދާދިފަހުން އިންޑިއާއަށް ދުރުވެ އުޅުއްވަނިކޮށް އެ ޤައުމުން ޑީޕޯޓުކޮށްލި ޕީޕީއެމްގެ ހުޅުމާލޭ ދާއިރާގެ ރައީސް ޢަބްދުއްޞަމަދު (ސަމަދުބެ) އަށް ޖޯކު ޖައްސަވައި ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދުދީދީ ވާހަކަ ދެއްކެވީ އިންޑިއާގެ ވެރިކަން ކުރާ ޕާޓީކަމަށްވާ ބަރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ރުއްސަންވެގެން ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ބުނެފިއެވެ.

ވެރިކަން ކުރާ މައި ޕާޓީ, އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް, ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ރޭ ކާނިވަލުގައި ބޭއްވި ޖަލްސާގައި ސަމަދުބެއަށް އަމާޒުކުރައްވައި މާރިޔާ ދެއްކެވި ވާހަކަތައް ކުށްވެރިކޮށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ, ދިވެހި ދަރިއަކު ރާއްޖެއިން ބޭރުގައި އުފުލި ތަކުލީފަށް ރާއްޖޭގެ ދިފާޢީ ވަޒީރުގެ މަޤާމުގައި ހުންނެވި މާރިޔާ ޖޯކު ޖައްސަވައި މަލާމާތް ކުރެއްވުމަކީ ދިވެހި ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

“އިންޑިއާގެ ބީޖޭޕީ ރުއްސުމަށްޓަކައި ސަރުކާރުގެ އެކި ފަންތީގެ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން އިންޑިއާއަށް ސަނާ ކިޔައި, އިންޑިއާ ރުއްސުމަށްޓަކައި ދިވެހި ރައްޔިތުން ނިކަމެތި ކުރަމުންދާ ދިއުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. އަދި އިންޑިއާއިން ބޭރުކޮށްލި ދިވެހި ދަރިއަކަށް (ޢަބްދުއްޞަމަދަށް) ޖޯކު ޖައްސަވައި މާރިޔާ ދެއްކެވި ވާހަކަތަކަށް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން މަޢާފަށް އެދުމަށް ވެސް މާރިއާ އަޙްމަދު ދީދީއަށް ގޮވައިލަން.“ ބަޔާނުގައި ގޮވާލައިފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ, ދިވެހި ސިފައިންނާއި ފުލުހުންނަކީ މި ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލަށް ލޮޅުން އަރާ ކޮންމެ ވަގުތެއްގައި ވެސް މި ޤައުމު ސަލާމާތް ކުރުމަށް ކަމަރު ބަނދެގެން ތިބި, އަދި އެންމެ ފުރަތަމަ އެ ކަމަކާ ކުރިމަތިލާން ތައްޔާރަށް ތިބި ބައެއް ކަމަށެވެ. އަދި އެއްވެސް އިރެއްގައި ސިފައިންގޭގައި ނުވަތަ ފުލުހުންގެ ތެރޭގައި އިޚުލާސްތެރި ޚިދުމަތެއް ކޮށްދެއްވާފައިވާ ބޭފުޅަކު މި ޤައުމަށް ހަރާންކޯރު ނުވާނެކަމާއި, ކޮންމެ ވަގުތަކު ވެސް ޤައުމުގެ މިނިވަންކަން ދިފާޢު ކުރުމަށް ނުކުންނަވާނެކަމީ އެ ކޯލިޝަނުން ޔަޤީން ކުރާކަމެއް ކަމަށެވެ.

އެހެންކަމުން ދިވެހި ފުލުހުންނާއި ސިފައިންނަކީ “ފިނދަނަތަކެއް“ ކަމަށް ސިފަ ކުރައްވައި, ޖޯކު ޖައްސަވައި, ޢާންމު ގޮތެއްގައި ސިފައިންނާއި ފުލުހުންނަށް ބަދުބަސް ވިދާޅުވާ ބޭފުޅަކު ދިފާޢީ ވަޒީރު ކަމުގައި ހުންނެވުމަކީ މި ސަރުކާރުން ސިފައިންނާއި ފުލުހުންގެ އަގު ވަޒަން ކުރާ މިންވަރުކަން ދޭހަވާކަމަށް ވެސް އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ.

އިދިކޮޅުގެ ބަޔާން ނިންމައިލަމުން ބުނެފައިވަނީ ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާއަށް ޖާގަ ދީ, އިންޑިއާއިން ބޭނުންވާހައި ގޮތަށް ރާއްޖޭގެ ރަށްތަށް ދީ, ދިވެހި ރައްޔިތުންގެ ފައިސާއިން އެތައް މިލިއަން ރުފިޔާއެއް އިންޑިއާގެ ކުންފުނިތަކަށް ދިނުމުގެ އިތުރުން އިންޑިއާގެ ކުންފުނިތަކުން ރާއްޖެ އެތެރެކުރާ ތަކެތިން ޓެކްސް ނުނަގާ ގޮތަށް ހަމަޖެއްސުމާއި, އަދި ނުއަގުގައި ދިގު މުއްދަތަށް ބޭރުގެ ފަރާތްތަކަށް ބިން ދިނުމަކީ ވެސް ރައްޔިތުންނަށް އޮޅުވާލައިގެން ދިވެހިން އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް ގެންދިއުމަށް މި ސަރުކާރުން ހިންގަމުން ގެންދާ ޢަމަލުތަކެއް ކަމަށެވެ.

“މި ކަންކަން މިހާރުން މިހާރަށް ހުއްޓައިލުމަށް ވެސް މި ފުރުސަތުގައި ގޮވައިލަން.“

ސަމަދުބޭގެ ހިތާމަވެރި ތަޖުރިބާ އޭނާގެ ދުލުން:

ޢާއިލާ ގޮވައިގެން ބޭސް ފަރުވާ ކުރުމަށް ސަމަދުބެ އިންޑިއާއަށް ދުރުވީ މި މަހުގެ 10 ވަނަ ދުވަހު. 

ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލުގައި ހުންނަވަނިކޮށް, އިންޑިއާގެ އިމިގުރޭޝަންގެ ބެލުމުގެ ދަށަށް ސަމަދުބެ ގެންދިޔައީ 11 ވަނަ ދުވަހު.

އިންޑިއާއިން ޑީޕޯޓުކޮށްލުމުން ސަމަދުބެ ރާއްޖެއައީ 13 ވަނަ ދުވަހު.

އިންޑިއާގެ އިމިގުރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ އިނގިލީގެ ނިޝާނުގެ މައްސަލައެއް އުޅޭކަމަށް ބުނެ.

އިންިއާގެ އެއާޕޯޓުގައި އަޅުގަނޑާ ބައްދަލުކުރީ ކޯޓު ފަޓުލޫނުގައި ތިބި ބޮޑު ސިންގާ ފޯސްއެއް. އެއީ ސީދާ ރޯ އެޖެންޓުން.

އެ މީހުން ކަންތައްތައް ކުރީ ވަރަށް ހަރުކަށިކޮށް. އަޅުގަނޑުގެ ފޯނު ވެސް އަތުލި.

އަޅުގަނޑު ވެއްދީ ސިޓިންރޫމެއް ކަހަލަ ތަނަކަށް. އެތާ އެތެރެ ފިނިކަމުން އޮވެވޭވަރެއް ނުވޭ. ރަޖައެއް ވެސް ލިބުނީ އެތާ އޮތް އެފްރިކާ މީހަކު ފުރައިގެން ދިޔައިމަ.

18 ގަޑިއިރު ވަންދެން ކާ އެއްޗެއް ނުދީ ބެހެއްޓި.

އަޅުގަނޑަކީ ހިތުގެ ބައްޔާއި ލޭމައްޗަށް ދިއުމާއި ކޮލެސްޓްރޯލަށް ބޭސްކުރާ މީހެއް. ނަމަވެސް އެކަމުގެ ތެރޭގައި ހަތަރު ދުވަސްވީއިރު ވެސް ބޭހެއް ނުލިބުނު.

އަނބިދަރިންނަށް ގުޅައިލަން ބުނީމަ ފޯނެއް ވެސް ނުދިން. 

ސަމަދުބެ ބުނުއްވި ގޮތުގައި އިމިގުރޭޝަންގެ އޮފިސަރުން އޭނާ ގެންދިޔަ ވަގުތު އޭނާގެ ކުޑަ ދަރިފުޅު ރޮމުން ފަހަތުން ދުވެފައި އައެވެ. 

“އެކަމަކު އެ ކުދިންނަށް ވެސް ބަލައި ނުލައި އަޅުގަނޑު ގެނެސް…..“ ރޮއިލައްވަމުން އަސަރާއެކު ސަމަދުބެ އޭނާގެ ހިތާމަވެރި ވަގުތުތައް ހިއްސާކުރެއްވިއެވެ. އެ ހިސާބުން ސަމަދުބެގެ ވާހަކަ ކުރިއަށްދާ ގޮތެއް ނުވިއެވެ. އޭނާއަށް ހުރީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ހިތުގައި ޖެހިފައެވެ. ވާނީވެސް އެހެންތާއެވެ. ޝިރުކު ކުރާ, އަނިޔާވެރި, ރަޙުމެއް ހަމްދަރުދީއެއް ނެތް ބައެއްގެ އަތްމައްޗަށް އަނބިދަރިން ދޫކޮށްލާފައި ދާން ބޭނުންވާނީ ފަހެ ކާކު ހެއްޔެވެ.

ސަމަދުބެއަށް ފުރައްސާރަ ކުރައްވައި މާރިޔާ ވިދާޅުވީ ކީކޭ؟

“މި ދޭތެރެއިން މީޑިއާތަކުގައި އުޅުނު ވަރަށް ބާރަށް ކޮންމެ ރެއަކު އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުގެ މިލިޓަރީއާ ދިމާއަށް އެކި ގޮތްގޮތުން ގޮންޖައްސަވައި ވާހަކަދެއްކެވި ބޭފުޅުންގެތެރޭގައި ވެސް, އެ ފައުޖުގެ ކުރީގައި ދިދަ ހިއްޕަވައިގެން ހުންނަވާ ބޭފުޅެއް. ތުނބުޅި ބާލުއްވަވައި ކުޑަކޮށް ތައްޔާރުވެލައިގެން ޢާއިލާއާއެކީގައި އެ ޤައުމަށް ވަޑައިގެންނެވީ.“ ކާނިވަލުގައި ރޭ ބޭއްވި ޖަލްސާގައި މާރިޔާ ވިދާޅުވިއެވ.

އެއަށްފަހު މާރިއާ ހަޖޫ ޖެއްސެވީ ސަމަދުބެ އެނބުރި ރާއްޖެއަށް ދުރުވުމަށްފަހު އެއާޕޯޓުގައި ރޮއިލެއްވުމުން އެކަމާ ގުޅިގެންނެވެ. 

މާރިޔާ ސިފަކުރެއްވީ އެއީ “ފިނޑިން“ ކުރާ ޒާތުގެ އަމަލެއް ކަމަށެވެ.

“ވިދާޅުވީ މުޅި ޢުމުރު ތިމަންނާ ހޭދަކުރެއްވީ ސިފައިންނާއި ފުލުހުންގެ ތެރޭގައޭ. ދިދަ ހިއްޕަވައިގެން ޖަޑިބެއްހެން ހުންނަވާ ތަން ފެނޭ. ވަޑައިގެން ހޭދަކުރެއްވީ މިލިޓަރީ ކީއްކުރަންތޯ އިމިގުރޭޝަންގެ ފިނި ކޮޓަރިއެއްގައި. އެކަމަކު އަނބުރާ ވަޑައިގެންނެވީ ކީރިތިފުޅު ކުރައްވަމުން. ހެހެ, މިވަރުގެ މީހުން ނުކުމެ މި އުޅެނީ.“ ހިނިފުޅުވަޑުވަމުން މަލާމާތުގެ ރާގެއްގައި މާރިޔާ ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް