ތުރުކީއަށް އައި ބާރުގަދަ ބިންހެލުން ، މިއީ އެނހީތެރިކަން ފޯރުކޮށް ދޭންވީ ވަގުތު

Loading

February 7, 2023
profile
Facebook
Twitter
WhatsApp

އިއްޔެ ( 2023 ފެބްރުއަރީ 6 ހޯމަ ) ހެނދުނު ތުރުކީގެ އިރުދެކުނު ކަހްރަމަންމާރަސް ސަރަޙައްދަށް 7.8 މެގްނެޓިއުޑުގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެކަމަށް އެސޯޝިއޭޓެޑް ޕްރެސް އިން ރިޕޯރޓް ކޮށްފިއެވެ. މި ބިންހެލުމުގައި އިރުދެކުނު ތުރުކީއާއި ސީރިއާއަށް ބޮޑެތި ގެއްލުންތަކެއް ލިބި އެތައް ބައިވަރު ޢިމާރާތް ތަކެއް ވަނީ ބިމާހަމަވެފައެވެ.

ބިންހެލުން އައިވަގުތު ދިމިޝްގާއި ބޭރޫތުގައިވެސް ރައްޔިތުން ބިރުން މަގުތަކަށް ނުކުތް ކަމަށާއި ބިންހެލުމުގެ ލޮޅުން ގާހިރާއަށްވެސް އެރިކަމަށް ވެއެވެ.މިހާތަނަށް 3400 މީހުން މަރުވެފައިވާކަން އެނގިފައިވާއިރު ރެސްކިއުޓީމު ތަކުން ގެންދަނީ މިޙާދިސާގައި ދިރިތިބިމީހުން ހޯދުމަށް މަސައްކަތް ކުރަމުންނެވެ. 

ރަސްމީ ފަރާތްތަކުން ލަފާކުރާގޮތުގައި ސީރިޔާގެ 12 އަހަރުވީ ދާޚިލީހަނގުރާމައިގާ ވީރާނާވެފައިވާ އިމާރާތްތަކާއި އަދި މުޅި ސަރަޙައްދަށް ފެތުރުގެން ގޮސްފައިހުރި ކޮންކްރީޓުގެ ބައި ތަކުގެ ދަށުގައި މަރުވެފައި ނުވަތަ ތާށިވެފައި ގިނަ ބަޔަކު ތިބޭނެއެވެ. 

ހަލާކުވެފައިވާ ކޮންކްރީޓުގެ ފުނިވަރުތަކުގެ ތެރެއިން ވެހެމުންދިޔަ ބޯ ވާރޭގައްޔާއި ފައިބަމުންދިޔަ ސްނޯ ތަކުގެ ތެރޭން ސަލާމަތްކޮށް ދިނުން އެދި މީހުން ގޮވަމުން ގެންދަނިކޮށް ހަމަ އެހާ ބާރުގަދަ ދެވަނަ ލޮޅުން އަތުވެއްޖެކަމަށް ޚަބަރުތަށް ބުނެއެވެ. ރެސްކިއުޓީމު ތަކުން މަސައްކަތް ކުރަމުން ގެންދާއިރު ސަލާމަތްވީ ޢާއިލާތަކުން ކެތްތެރިކަންނެތި އިންތިޒާރު ކުރަމުންގެންދަނީ އެމީހުންގެ ލޯބިވާ އަނބިދަރީންނާއި ގާތްތިމާގެ މީހުން ހެޔޮ ޙާލުގައި ތިބެ ބައްދަލުވާނެކަމަށެވެ.                                    

ތުރުކީގެ އަދްނާގައި ދިރިއުޅެމުން ގެންދާ އިމްރާން ބަޙްރު ރޮމުން އާދޭސް ކުރަމުން ގެންދިޔައީ އޭނާގެ އެންމެ ދޮޅުއަހަރުވީ ކާފަދަރިފުޅު ސަލާމަތްކޮށްދިނުމަށެވެ. އެމީހުން ދިރިއުޅެމުންގެންދަނީ ހަލާކުވެފައިވާ އިމާރާތެއްގެ 12 ވަނަ ފަންގިފިލާގައެވެ. 

މިޙާލަތުގައި ބިންހެލުމުގެ އެޕިސެންޓަރުން ވިއްސަކަށް މޭލުގައި އޮތް ތުރުކީގެ ގާޒީއަންޓެޕް އާއި ސީރިޔާގައި އެތައްހާސްބަޔަކު ގެދޮރު ނެތި ގަދަ ފިނީގައި މިސްކިތްތަކާއި ޝޮޕިންގ މޯލްތަކާއި ސްޓޭޑިއަމް ފަދަ ތަންތަނުގައި ރައްކާތެރިކަން ހޯދަމުން އެބަ ގެންދެއެވެ.

މި ޙާދިސާއާއި ގުޅިގެން ތުރުކީގައި ހަތްދުވަހުގެ ރަސްމީ ހިތާމަކުރުން ވަނީ ޢިއުލާން ކުރައްވާފައެވެ. އަދި އެމެރިކާގެ ރައީސް ފޯނުކުރައްވައި ތުރުކީގެ ރައީސަށް ޙަމްދަރުދީ ފާޅުކުރައްވައި ތުރުކީގެ ޓީމުތަކާއިއެކު ބައިވެރިވުމަށް އެމެރިކާއިން ރެސްކިއު ޓީމް ފޮނުވާނެކަމަށް ވިދާޅުވިއެވެ. ވަރަށްގިނަ ގައުމުތަކުން އެނހީތެރިކަން ފޯރުކޮށްދެމުން އެބަގެންދެއެވެ. ނިއުޒިލޭންޑާއި އޮސްޓްރޭލިއާ އިންވެސް 11 މިލިއަން ޑޮލަރގެ ފައިސާގެ އެނހީ ދީފިކަމަށް ބުނެއެވެ.                                        

ފާއިތުވެގެންމިދާ ބާރަވަރަކަށް އަހަރު ދުވަހު ކުރެވެމުންދާ ދާޚިލީ ހަނގުރާމައިގެ ސަބަބުން ސީރިޔާގައި ސަރުކާރުގެ ބާރުގެ ދަށުގައި އޮތް ބަޔަކާއި އިދިކޮޅުން ބާރުގަދަކޮށްފައި އޮތް ބައި ހިމެނޭ ސަރަޙައްދަށް ލިބިފައިވާ ގެއްލުން އަންދަޒާކުރަންވެސް ނޭގެއެވެ. އެ ސަރަޙައްދު އޮތީ ސަރުކާރަށް މަދަދުކުރަމުންގެންދާ ރޫސީ ސިފައިން ވަށާލާފައެވެ.  

އިދިކޮޅު މީހުންގެ ބާރުގެ ދަށުގާއޮތް އެތައް ސަތޭކަ މޭލަކަށް ފެތުރިފައިވާ ސަރަޙައްދު އޮތީ ބިންހެލުމުގަ ސަބަބުން ހަލާކުވެފައިވާ ޢިމާރާތްތަކާއި އެއްޗެހިން ފުނިޖެހި މުޅި ސަރަޙައްދު ބަންދުވެފައެވެ.

ހަނގުރާމައިގާ ވިއްސި ވިހާލިވެފައިވާ ހަތަރު މިލިއަނެއްހާ މީހުން އެ ސަރަޙައްދުގައި ތާށިވެފައި ތިބިކަމަށް ވައިޓް ހެލްމެޓް އިމަރޖެންސީ ޓީމުން ހާމަކޮށްފައި ވެއެވެ.                                            

ތުރުކީގެ ޑިޒާސްޓަރ މެނޭޖްމެންޓުގެ އިސްބޭފުޅަކު ކަމުގައިވާ އޮރްހާން ޓާޓަރ ވިދާޅުވީ މިހާތަނަށް 7800 މީހުން ސަލާމަތްކުރެވި ހޮސްޕިޓަލް ތަކުގައި ފަރުވާދެމުން އެބަ ގެންދެވޭ ކަމަށެވެ. ބައެއް ހޮސްޕިޓަލް ތަކުން ވަގުތީގޮތުން މީހުންނެރެންވެސް ވަނީ މަޖުބޫރުވެފައެވެ.

އެމެރިކާގެ ޖިއޮލޮޖިކަލ ސާރވޭއިން ހާމަކުރިގޮތުގައި އިއްޔެގެ 7.8 މަގްނެޓިއުޑްގެ ބިންހެލުން އައިސްފައިވަނީ 18 ކިލޯ މީޓަރުގެ ފުން މިނުގައެވެ. އަދި އޭގެފަހުން ދެވަނަ ލޮޅުން އައިސްފައިވަނީ އޭގެ 100 މޭލު ދުރުން 7.5 މެގްނެޓިއުޑް ގައެވެ. ތުރުކީން އެކަނިވެސް 5600 އިމާރާތް ހަލާކުވެ ބައެއް ހޮސްޕިޓަލްތަކަށްވެސް ބޮޑެތި ގެއްލުން ވަނީ ވެފައެވެ.                                                       

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް