ޗައިނާއިން އުދުއްސާލި ފުއްޕާހަމެއް ޖާސޫސޫކުރަނީ ކަމަށް ހީކޮށް އެމެރިކާގެ ކެރޯލީނާގެ ގޮނޑުދޮށަށް ވައްޓާލައިފިއެވެ. އެމެރިކާއިން ބުނަނީ އެ ފުއްޕާހަން އުތުރު އެމެރިކާގެ ވަރަށް ރައްކާތެރި މިލިޓްރީ ސަރަޙައްދު ތަކަކަށް ވަދެފައިވާ ކަމަށެވެ.
އެކަމަކު ޗައިނާއިން ބުނަނީ އެ ފުއްޕާހަމަކީ އާންމު ދަތުރުފަތުރު ކުރާ މަތިންދާ ބޯޓަކާއި ގުޅޭ ކަމެއްގައި އުދުއްސާލި ފުއްޕާ ހަމެއްކަމަށާއި އެމެރިކާގެ ސަރަޙައްދަށް އޭތި ދިޔައީ ގަސްދުގައި ފޮނުވައިގެން ނޫން ކަމަށެވެ. އެއީ މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމުގެ ބޭނުމުގައި ބޭނުން ކުރެއުނު އެއްޗެއް ކަމަށާއި އެއަށް މިސްރާބު އޮޅުނީކަމަށެވެ.
ޗައިނާގެ އަގައިން މި ބަސް ބޭރު ނުވަނީސް ތިޔަހަދަނީ ދޮގެކޭ ޕެންޓަގަނުން ބުނެފިއެވެ. ޗައިނާއިން ބުނަނީ އެ ފުއްޕާހަން ވައްޓާލުމުގެ ބަދަލު ހިފާނެކަމަށެވެ. އަދި އެމެރިކާއިން ބައިނަލް އަގްވާމީ އުސޫލުތަކާ ޚިލާފު ވެފައިވާތީ އެކަމާ ގުޅިގެން ދެން އަޅާނެ ފިޔަވަޅެއް އެއީ ޗައިނާއަށް ލިބިފައިވާ ޙައްގެއް ކަމަށެވެ.
އެ ފުއްޕާހަން ވައްޓާލުމަށް ރައީސް ބައިޑަން ވަނީ މިދިޔަ ބުދަ ދުވަހު އަމުރު ނެރެފައެވެ. އެހެންނަމަވެސް މިލިޓްރީ އޮފިޝަލުން ލަފާ އަރުވަމުން ގެންދެވީ އެމެރިކާގެ ކަނޑުގެ ސަރަޙައްދަށް އޭތި ވަންނަންދެން މަޑުކުރުމަށެވެ. އަދި ފަސް ދޮޅަސް ހާސް ފޫޓުގެ މަތިން އޭތި ވައްޓާލައިފިނަމަ ބިންމަތީގައި ތިބިމީހުންނަށް ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހިދާނެކަމަށެވެ.
ކުއްލިއަކަށް އެމެރިކާގެ އުޑުމަތިން އެ ފުއްޕާހަން ފެނުމުގެ ސަބަބުން ފާއިތުވެގެން މިދާ އަހަރުތަކުގައި އޮއްސެމުން ދިޔަ އެމެރިކާ ޗައިނާގެ ގުޅުމަށް ވަރަށް ބޮޑު ޝޮކެއް ލިބިދީފިއެވެ. ނަތިޖާއެއްގެ ގޮތުން ކުރީގެ މަސްރަޙް ފިނިކުރުމުގެ ބޭނުމުގައި ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ބެއިޖިންގްއަށް ކުރައްވަން އޮތް ދަތުރުފުޅުވެސް ކެންސަލް ކޮށްލައްވައިފިއެވެ.
އެމެރިކާގެ ސިފައިން އެ ފުއްޕާހަން ބިމަށް ގެނައުމުން ރައީސް ބައިޑަން މަރުޙަބާ ވިދާޅުވެއްޖެއެވެ. އެ ބިޔަ ފުއްޕާހަން ކެރޮލީނާގެ މަތިންލާފައި އެޓްލާންޓިކް ކޯސްޓަށް ކައިރިކުރަމުން ދިޔައީ ހޮނިހިރު ދުވަހުގެ މެންދުރު ފަހު 2.39 ހާއިރުގައެވެ. އެމެރިކާއިން އުދުއްސާލި އެފް 22 ގެ މަތިންދާ ބޯޓަކުން ފޮނުވާލި މިސައިލަކުން އެ ހަން ފަޅާލިއިރު އޭތި އޮތީ ދެކުނު ކެރޮލީނާގެ މައިޓަލް ގޮނޑުދޮށާއި ހައެއްކަ މޭލު ކައިރީގައެވެ.

އޭގެ ބައިތައް ވެއްޓުނީ މޫދުގެ ސާޅީހަކަށް ފޫޓުގެ ފުންމިނަށެވެ. ވެއްޓުމާއެކު ގާތްގަނޑަކަށް ހަތްމޭލުގެ ސަރަހައްދަކަށް އޭތި ފެތުރި ގަތެވެ. އެ ބައިތައް ނެގުމަށްޓަކައި ގިނަ އަދަދެއްގެ ބޯޓުތަކެއް ބޭނުން ކުރެވެމުން އެބަދެއެވެ.
ފާއިތުވެގެންދިޔަ ހަފްތާގެތެރޭގައި އެމެރިކާއިން ގެންދިޔައީ އެ ފުއްޕާހަން އެމެރިކާގެ ސަރަޙައްދަށް ވަދޭތޯ ބަލައި ފާރަލަމުންނެވެ.
އެމެރިކާގެ ވަރަށް އިސް ދިފާއީ ދެ އޮފިޝަލަކު ވަނަވަރު ހާމަނުކުރުން ޝަރުތުކޮށްމީޑިއާ އަށް މަޢުލޫމާތު ދީފައިވަނީ އެ ފުއްޕާހަން ދަތުރުކުރިމަގާއި ފާރަލަމުން ގެންދިޔަ ކަންތައްތަކާއި ބެހޭގޮތުން ގިނަ މަޢުލޫމާތުތަކެއް ދެނެގަންނަން ފުރުސަތު ލިބުނު ކަމަށެވެ. އެއިން ލިބިދާނެ ގެއްލުމަކަށް ކުރިއްސުރެން އެމެރިކާއޮތީ ތައްޔާރަށެވެ. ފަހުން އެނގުނު މަޢުލޫމާތަށް ބަލާއިރު އާންމުކޮށް ސެޓެލައިޓް ފޮނުވައިގެން ހޯދާ މަޢުލޫމާތަށްވުރެން އިތުރު މަޢުލޫމާއެއް ޗައިނާއަށް ޖާސޫސު ކުރެވިފައިވާ ކަމަކަށް ނުބެލޭކަމަށެވެ.
ކޮމިޔުނިސްޓުންގެ ޖާސޫސީ އުޅަނދެއް މުޅި އެމެރިކާ ވަށައިގެން ދަތުރުކުރެވުނީ ވައިޓް ހައުސްގެ ދޯދިޔާ ކަމުންނޭ ވިދާޅުވެ ރިޕަބްލިކަން ޕާރޓީ އިސް ބޭފުޅުންތަކެއް ގެންދަނީ ރައީސް ބައިޑަން އަށް ނުރުހުމުގެ ފާޑުކިޔުންތައް ރައްދު ކުރަމުންނެވެ.
ޗައިނާގެ ސެންސަރު ނުކުރާ ބައެއް މީޑިއާތަކުން އެމެރިކާއަށް ފުއްޕާހަމަކުންވެސް ރެކެން ނޭންގެނީހޭ ބުނެ މަލާމާތް ކުރަމުންވެސް އެބަ ގެންދެއެވެ.